ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޓިކްޓޮކް ހަނގުރާމަ! – ތިބާ ނެގީ ކޮން ކޮޅެއް؟

އެއްޒަމާނެއްގައި މީހުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަކީ ގޭތެރޭގެ ހަތަރު ފާރުން އެތެރޭގައި ނުވަތަ ގާތް ރަހުމަތްތެރިންގެ މެދުގައި ސިއްރުވެފައި އޮންނަ ކަންކަމެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. ދެބަސްވުންތައް މިހާރު ‘ޓްރެންޑް’ ވަނީއެވެ. ވަގުތުން ވަގުތަށް (ލައިވްކޮށް) ދުރަށް ދައްކަނީއެވެ. ގިނަ ބަޔަކު އެ މަންޒަރުތައް ބަލައި، އެކަމަށް ވަކި ގޮތަކަށް އިޖާބަދިނުމަށް މަޖުބޫރުކުރުވަނީއެވެ.

ދިވެހިރާއްޖޭގައި ވެސް ސޯޝަލް މީޑިއާގެ މިފަދަ ހަމަނުޖެހުންތަކަކީ މިހާރު އާންމު ކަމެކެވެ. ސޯޝަލް މީޑިއާ ‘ލައިވް’ ތަކަކީ ޖަޒުބާތުތައް ބޭރުކޮށް، އެކަކު އަނެކަކަށް ތުހުމަތުތައް އުކައި، ހަގީގަތް އޮޅުވާލާ ސްޓޭޖްތަކަކަށް މިވަނީ ވެފައެވެ. ކުރިން އަމިއްލަ ސިއްރެއްގެ ގޮތުގައި އޮންނަ ކަންކަން، މިއަދު މިވަނީ އެތައް ހާސް ބަޔަކު ބަލަން ތިބޭ މުނިފޫހިފިލުވުމުގެ ވަސީލަތަކަށް ވެފައެވެ. ކުރިން ކުރިމަތީގައި ބުނަން ނުކެރޭ ވާހަކަތައް، މިއަދު މި ބުނަނީ ސްކްރީނެއްގެ ފުރަގަހުގައި ހުރެގެންނެވެ.

އަދި އެ ‘ލައިވް’ ތަކުގެ ކޮމެންޓް ސެކްޝަންގައި، ކޮންމެވެސް އެއް ފަރާތަކަށް ތާއީދުކޮށް ވާހަކަދެއްކުމަށް އަހަރެމެންނަށް މަޖުބޫރުކުރެވެއެވެ.

މިފަދަ ލައިވްތައް ކުރިއަށްގެންދާ މީހުން، ބަލަން ތިބޭ މީހުން އެމީހުންގެ މައްސަލަތަކުގެ ތެރެއަށް ދަމައިގަނެއެވެ. އެމީހުން ވާހަކަދައްކަނީ ވަރަށް ޖަޒުބާތީކޮށް، މީހުން ގަބޫލުކުރާނޭ ފަދަ ގޮތަކަށެވެ. އެމީހުން ހާމަކުރަނީ އެމީހުންގެ އަމިއްލަ ‘ހަގީގަތް’ ތަކެވެ. ބައެއް ފަހަރު މަޝްހޫރު ދެ މީހެއްގެ މެދުގައި ހިނގާ ހަނގުރާމައެއްގައި، ދެ ފަރާތުގައި ވެސް ވަފާތެރި ސަޕޯޓަރުން ތިބެއެވެ. ކަމުގެ އަސްލު ހަގީގަތާއި، އޭގެ ފަހަތުގައިވާ ތާރީޚާއި، އަމިއްލަ ކަންކަން ފުރިހަމައަށް ނޭނގި ތިބެ، އަހަރެމެންގެ ގާތުން އެދެނީ ކޮންމެވެސް އެއްކޮޅެއް އިޚްތިޔާރު ކުރުމަށެވެ.

ރަނގަޅީ ކާކުތޯ ނިންމުމަށެވެ.
ގޯހީ ކާކުތޯ ކަނޑައެޅުމަށެވެ.
ތާއީދުކުރާނީ ކާކަށްތޯ ބެލުމަށެވެ.

ނަމަވެސް، އަހަރެމެން އުޅޭ ދިރިއުޅުމަކަށް ނުވާއިރު، އެހެން މީހުންގެ ދިރިއުޅުމާ މެދު އަހަރެމެން ގޮތް ނިންމާނީ ކިހިނެއް ހެއްޔެވެ؟

މިކަމުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ކަންކަން ގޯސްވެގެންދާ ހަލުވި މިނެވެ. އާއިލާތައް މައްސަލައިގެ ތެރެއަށް ދަމައިގަނެވެއެވެ. މާޒީގެ ޒަޚަމްތައް އަލުން ކޮންނަނީއެވެ. އޭއައި (AI) ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއާއި ވީޑިއޯތައް އާންމުކުރެއެވެ. ވާހަކަތައް އޮޅުވާލައެވެ. އެކަކު ބުނާ ބަހަށް އަނެކަކު ރައްދުދީ އައުގުރާނަ ގޮވާ، މީހާގެ އަބުރު ކަތިލުމަކަށް ކަންކަން ބަދަލުވެގެންދެއެވެ.

ކުޑަކޮށް ދުރަށްޖެހިލައި، މިކަންކަން ހިނގާ ގޮތް ރަނގަޅަށް ބަލާލައިފިނަމަ، ވަކި އުސޫލަކުން މިކަންކަން ހިނގާކަން ފާހަގަވާނެއެވެ. ބައެއް މީހުންނަކީ އަބަދުވެސް ކޮންމެވެސް ހަމަނުޖެހުމެއްގެ ތެރޭގައި އުޅޭ ބައެކެވެ. އެއީ ހަމައެކަނި އެއްފަހަރު ދިމާވާ ދެބަސްވުމެއް ނޫނެވެ. އަބަދުވެސް އޮންނާނީ ކޮންމެވެސް މައްސަލައެކެވެ. އާ ހަނގުރާމައެކެވެ. ބޭޒާރުކުރުމެކެވެ. ނުވަތަ އަލަށް ހާމަކުރާ ‘ހަގީގަތެކެވެ’

މިއީ ސުވާލު އުފެދޭ ކަމެކެވެ. އަހަރެމެންނަށް މި މެދުވެރިވަނީ އަހަރެމެން އަމިއްލައަށް އެދޭ ކަންކަން ހެއްޔެވެ؟ އަހަރެމެން އަމިއްލައަށް މި އުޅެނީ އަހަރެމެން ފަތުރާ ހަކަތައިގެ ތެރޭގައި ހެއްޔެވެ؟

މީހަކީ އަބަދު ހަމަނުޖެހުމާއި، މައްސަލަތަކާއި، އެހެން މީހުންނާ ދެބަސްވުމުގައި އުޅޭ މީހެއްނަމަ، ފަހަރުގައި އެ ހަމަނުޖެހުންތައް އެމީހެއްގެ ފަހަތުން އަންނަނީހެއްޔެވެ؟ ނޫނީ، އެ މައްސަލަތަކަށް ދައުވަތު ދެނީ އެމީހާ އަމިއްލައަށް ހެއްޔެވެ؟..

އަދި ތިބާ މިފަދަ ކަންކަމުގައި ބައިވެރިނުވާން ނިންމައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ވަކި ފަރާތަކަށް ނުޖެހި ހުރުމަށް ނިންމައިފިނަމަ، ކޮމެންޓް ނުކޮށް، އެހެން މީހުންގެ ޕޯސްޓްތައް ހިއްސާ ނުކޮށް މަޑުން ހުރެއްޖެނަމަ، ކުއްލިއަކަށް ތިބާއަކީ މާ ‘މުނާފިގު’ ނުވަތަ ‘ވަފާތެރިކަމެއް ނެތް’ މީހެއްގެ ގޮތުގައި ލޭބަލް ކުރެއެވެ. އަޑުގަދަ މީހުންގެ ބަސްވިކޭ މި ދުނިޔޭގައި، ހަނުހުރުމަކީ ބަޔަކަށް ދެވޭ ކެހިވެރިކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ.

ނަމަވެސް، ހަނުހުރުމަކީ ބަލިކަށިކަމެއް ނޫނެވެ. ހަނުހުރުމަކީ ކުށްވެރިވުމެއް ވެސް ނޫނެވެ. ބައެއް ފަހަރު، ހަނުހުރުމަކީ ބުއްދިވެރިކަމެވެ.

ސަބަބަކީ، މިއީ އަހަރެމެން ތަކުރާރުކޮށް ދެކެމުން އަންނަ މަންޒަރެކެވެ. މީހަކު ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި، ވަކި ފަރާތަކަށް ތާއީދުކޮށް، އެމީހަކު ދިފާއުކޮށް ވާހަކަދައްކަފާނެއެވެ. ނަމަވެސް، ހަފުތާތަކެއް ފަހުން، އެ މައްސަލަ ޖެހުނު ދެމީހުން އަމިއްލައަށް ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްފާނެއެވެ. އެމީހުން އަލުން ގުޅި، ކުރިއަށް ދާނެއެވެ. އެކަމަކު އެމީހުންގެ ދިފާއުގައި އަޑުގަދަކުރި މީހުން ތިބޭނީ ލަދުގަންނަވާލެވިފައެވެ. ބައެއް ފަހަރު އެމީހުންނަކީ “ބެހެންނުޖެހޭ ކަންކަމާ ބެހޭ” ބައެއްގެ ގޮތުގައި އިނގިލި ދިއްކުރެވެއެވެ.

ހަނގުރާމައިގެ މައިދާން ސާފުވި ނަމަވެސް، އިންޓަނެޓްގައި ބޭނުންކުރި ބަސްތަކާއި އަމަލުތަކުގެ ނިޝާންތައް ފޮހެވިގެން ނުދާނެއެވެ.

އަހަރެމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. އަހަރެމެންނާ އެއްވެސް ގުޅުމެއް ނެތް މައްސަލަތަކަކަށް އަހަރެމެންގެ ހަކަތައާއި ވަގުތު ހޭދަކުރަނީ ކީއްވެ ހެއްޔެވެ؟ އެއްވެސް އަމިއްލަ ގުޅުމެއް ނެތް ބައެއްގެ މެދުގައި ހިނގާ ދިގުލީ ހަމަނުޖެހުންތަކުގެ ތެރެއަށް އަހަރެމެން ވަންނަނީ ކީއްވެ ހެއްޔެވެ؟

އިންޓަނެޓްގެ ދުނިޔޭގައި ‘އެންގޭޖްމަންޓް’ ނުވަތަ މީހުންގެ ސަމާލުކަމަކީ ފައިސާއެވެ. ހަމަނުޖެހުމަކީ ފައިދާހުރި ވިޔަފާރިއެކެވެ. ބަލާ މީހުން ގިނަވެ، ‘ގިފްޓް’ ތައް ލިބެއެވެ. އިންޓަނެޓްގެ އެލްގޮރިދަމްތައް ބައްޓަންވެފައިވަނީ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ގޮތަށެވެ. ސަބަބަކީ ހަމަނުޖެހުން އޮތުމުން މީހުން މާ ގިނައިރު ބަލަން ތިބޭތީއެވެ. ނަމަވެސް ހަމަޖެހުމާއި އަމާންކަމަކީ ‘ޓްރެންޑް’ ވާ ކަންކަމެއް ނޫނެވެ. އެކަމަކު އެއީ އިންސާނާ ރައްކާތެރިކޮށްދޭ ކަމެކެވެ.

މީހުންގެ ފަހަތުން ވާހަކަދެއްކުމާއި، މީހުންގެ އަބުރު ކަތިލުމާއި، ނުވަތަ މީހުން ލަދުގަންނަވާލުމުގައި ބައިވެރިނުވާން ނިންމުމަކީ ފިނޑިކަމެއް ނޫނެވެ. އެއީ ތަސައްރަފު ފުދިފައިވާ ކަމުގެ ނިޝާނެކެވެ. އެއީ އަމިއްލަ ނަފްސަށް ކުރާ އިހުތިރާމެކެވެ. ތިބާގެ ވަގުތާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ކަރާމާތަކީ އަގުބޮޑު އެއްޗެއްކަން ދެނެގަތުމެވެ.

އަހަރެމެންނަށް ދައުވަތު ލިބޭ ކޮންމެ ހަނގުރާމައަކަށް ހާޒިރުވާކަށް ނުޖެހެއެވެ.

ކޮންމެ ކަމަކަށް ވަގުތުން ރައްދުދޭން މަޖުބޫރުކުރާ މި ޒަމާނުގައި، އެންމެ ހިތްވަރުގަދަ އަމަލަކީ އަމިއްލަ ނަފްސު ހިފެހެއްޓުމެވެ. އެފަދަ ކަންކަމަށް ފަރުވާލެއް ނުބަހައްޓައި ދޫކޮށްލުމެވެ. އިންޓަނެޓުން ބޭރުގައިވާ ހަގީގީ ގުޅުންތަކަށް ސަމާލުކަން ދިނުމެވެ.

ސަބަބަކީ، ހިތްހަމަޖެހުމަކީ ސޯޝަލް މީޑިއާގެ ކޮމެންޓް ސެކްޝަންތަކުން ފެންނާނެ އެއްޗެއް ނޫނެވެ. އެއީ ތިބާގެ ހަކަތަ ހޭދަކުރަންވީ ކޮން ކަމަކަށްކަން ދެނެގަތުމުން ލިބޭ އެއްޗެކެވެ. އަދި ބައެއް ފަހަރު، ތިބާ އަށް އިޚްތިޔާރު ކުރެވޭނެ އެންމެ ވަރުގަދަ ފަރާތަކީ، އެއްވެސް ފަރާތަކަށް ނުޖެހި ހުރުމެވެ.

5
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top