1951 ވަނަ އަހަރު ކޮރެޔާ ހަނގުރާމައިގެ ދުވަސްވަރު، ތުރުކީގެ ސިފައިގެ ބޭކަލެއް ކަމަށްވާ ސުލައިމާން ދިލްބިރްލީއަށް، ދެކުނު ކޮރެޔާގެ ހަނގުރާމައިގެ މައިދާނެއްގެ ކައިރިން އެކަނިމާއެކަނި ބިރުން ގޮސް ހުރި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ފެނުނެވެ. އެ ކުއްޖާގެ މައިންބަފައިން ވަނީ ހަނގުރާމައިގެ ތެރޭގައި މަރުވެފައެވެ. އެ ކުއްޖާގެ ޙާލަތަށް ހަމްދަރުދީވެ، ސުލައިމާން އެ ކުއްޖާ އޭނާގެ ސިފައިގެ ޔުނިޓަށް ގެންދިޔައެވެ. އެއީ އޭރު އދ.ގެ ފައުޖުތަކުގެ ދަށުން މަސައްކަތް ކުރަމުންދިޔަ ތުރުކީގެ ބްރިގޭޑެކެވެ.
ހަނދުވަރުގެ އަލީގައި އެ ކުއްޖާގެ މޫނު އުޖާލާކޮށް ހުރުމުން، ސުލައިމާން އެ ކުއްޖާއަށް “އައިލާ”ގެ ނަމުން ނަން ދިނެވެ. ތުރުކީ ބަހުން މި ނަމުގެ މާނައަކީ “ހަނދުގެ ވަށައިގެންވާ އަލިމަގު” އެވެ. ފަހުން ކިމް އުން-ޖާގެ ނަމުން މަޝްހޫރުވި މި ކުއްޖާއަށް އެ ސިފައިންގެ ފައުޖުން ވަރަށް ބޮޑަށް އަޅާލިއެވެ. އަދި ސުލައިމާނާއި އެ ކުއްޖާއާ ދެމެދު ބަަފައެއްގެ އޯގާތެރިކަމާއި ދަރިއެއްގެ ލޯބި އުފެދި، ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ.
1952 ވަނަ އަހަރު ތުރުކީގެ ސިފައިންގެ ފައުޖު އެނބުރި ޤައުމަށް ދިޔަ އިރު، އެ ކުއްޖާ ތުރުކީއަށް ގެންދިއުމަށް ސުލައިމާން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު އޮތް ޤަވާއިދުތައް ހުރި ގޮތުން އެކަން ކާމިޔާބެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ޖެހުނީ އައިލާ ކޮރެޔާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ދާށެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން އެކަކު އަނެކަކާ އެއްވެސް ގުޅުމެއް ނެތި ދިޔައެވެ.

ގާތްގަނޑަކަށް 60 އަހަރު ފަހުން، 2010 ވަނަ އަހަރު، މި ދެމީހުން އަލުން ބައްދަލުވީ ތުރުކީގެ އަންކާރާގައެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މި ބައްދަލުވުމަކީ ނުހަނު އަސަރުގަދަ ވަގުތުކޮޅެކެވެ.
ސުލައިމާން 2017 ވަނަ އަހަރު އުމުރުން 91 އަހަރުގައި ނިޔާވި ނަމަވެސް، އެ ދެމީހުންގެ މި އާދަޔާޚިލާފު ލޯތްބާއި އިންސާނިއްޔަތުކަމުގެ ވާހަކަ ވަނީ “އައިލާ: ދަ ޑޯޓާ އޮފް ވޯ” (Ayla: The Daughter of War) ފިލްމަށް އިލްހާމަކަށް ވެފައެވެ. މިއީ ހަނގުރާމައިގެ ނާމާން ވަގުތުތަކުގައި ވެސް އިންސާނިއްޔަތުކަން ދެމިއޮންނާނެކަން ހަނދާންކޮށްދޭ އަސަރުގަދަ މިސާލެކެވެ.
