ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަމިއްލަ ނަފްސަށް ޝައްކުކުރެވޭތަ؟

ދެތިން މީހެއް ކުރެން ސުވާލު ކޮށްލީމެވެ. ކޮންމެ މީހެއްގެވެސް ފުރަތަމަ ޖަވާބަކަށް ވަނީ އަޑަށް ބާރުލާފައި ބުނެލާ “ނޫން” މި ޖަވާބެވެ. ނަމަވެސް ވިސްނާލަން ވަގުތު ކޮޅެއް ދިނުމުން މި ޖަވާބު އެތަށް ގޮތަކަށް ބަދަލުވެ ޖަވާބު ސިފަކޮށްދޭ ގޮތްވެސް ބަދަލުވެގެން ދެއެވެ.

އިންސާނާގެ ކާމިޔާބީއާއި އުފާވެރިކަން ބިނާވެފައިވަނީ އޭނާގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތުގެ މައްޗަށެވެ. ކޮންމެ މީހަކީވެސް ތަފާތު ހުނަރުތަކާއި ފުރުޞަތުތަކެއް ލިބިފައިވާ މީހެކެވެ. ނަމަވެސް، ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން “އަހަންނަށް މިކަން ވާނެބާ؟” ނުވަތަ “އަހަންނަކީ އެކަށީގެންވާ މީހެއްބާ؟” މިފަދަ ސުވާލުތައް ހިތަށް އަރައި، އަމިއްލަ ނަފުސަށް ޝައްކު ކުރެވޭ ފަހަރު އާދެއެވެ. މިއީ އިންސާނީ ތަބީޢަތުގައި ހުންނަ ކަމެއް ނަމަވެސް، މިއީ އަޅާނުލައި ދޫކޮށްލައިފިނަމަ އިންސާނާގެ ކުރިމަގު ބަންދުވެގެންދާނެ ކަމެކެވެ.

އަމިއްލަ ނަފުސަށް އިތުބާރު ކުރުމަކީ ދިރިއުޅުމުގެ ބިންގަލެވެ. ތިމާގެ ކިބައިގައި ހުރި ގާބިލުކަމާއި ހުނަރުތަކަށް އިތުބާރު ކުރުމަކީ ހުރަސްތަކުން އަރައިގަނެ، ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. ނަފުސަށް އިތުބާރު ކުރާ މީހަކީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިލުން ނުވާނެ މީހެކެވެ. ސަބަބަކީ ކޮންމެ ނާކާމިޔާބީއަކީ އާ ފިލާވަޅެއް ކަމުގައި އޭނާ ގަބޫލުކުރާތީއެވެ. އައު ކަންތައްތަކަށް ކުރިމަތިލުމަކީ އެމީހާ ޖެހިލުންވާނެ ކަމެއް ނޫނެވެ. އަދި އެކަމަކުން ނަތީޖާ އަންނާނެ ގޮތަކާއި ދޭތެރޭ އެމިހާ ވިސްނުމުގެ ބަދަލުގައި ފޯކަސް ކުރަމުންދާނީ އޭގެން ކޮންމެ ނަތީޖާއެއް ނިކުތަސް އެކަމަކާ ކުރިމަތި ލާނެ ގޮތަކާއި ދޭތެރޭގައެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިއްޖެނަމަ، އިންސާނާގެ ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ. ފުރުޞަތުތަކުގެ ބޭނުން ހިފަން ފަސްޖެހުމާއި، މީހުންގެ ކުރިމައްޗަށް ނުކުންނަން ބިރުގަތުމާއި، އަބަދުވެސް ނުބައި ގޮތެއް ވެދާނެކަމުގެ ބިރު ހިތުގައި އޮވެއެވެ. މީގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމާއި، އެކަނިވެރިކަމާއި، ކުރިއަށް ދިއުމަށް އޮންނަ ޝައުގުވެރިކަން މުޅިން ކެނޑިގެންދެއެވެ. ނަތީޖާއަކީ ތިމާގެ ކިބައިގައި ހުރި މޮޅު ހުނަރުތައް ދުނިޔެއަށް ފެނުމުގެ ކުރިން ވަޅުލެވިގެން ދިއުމެވެ. ނުވަތަ އެކަންކަން ކުރަން ފެށުމަށްފަހުވެސް އެކަން މަތިން ހަނދާން ނައްތަލާ، އެކަނިވެރިކަމަށް މީހާދިއުމެވެ.

ނަފްސަށް ޝައްކު ކުރެވެން މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ކުރިން ކުރިމަތިވެފައިވާ ހިތްދަތި ތަޖުރިބާތަކާއި، އެހެން މީހުންގެ ފާޑުކިޔުންތަކަށް މާ ބޮޑަށް ސަމާލުކަން ދެވުން ހިމެނެއެވެ. އަދި ހާއްސަކޮށް، މިއަދުގެ ސޯޝަލް މީޑިއާގެ ދުނިޔޭގައި، އެހެން މީހުންގެ “ފުރިހަމަ” ދިރިއުޅުމާ ތިމާގެ ދިރިއުޅުން އަޅާކިޔުމަކީ ނަފުސުގެ އިތުބާރު ކުޑަވާ އެންމެ ބޮޑު އެއް ސަބަބެވެ. “ޕާފެކްޝަނިޒަމް” ނުވަތަ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރަން އުޅުމަކީވެސް، ކުޑަ އުނިކަމެއް އައުމުން އަމިއްލަ ނަފްސަށް ޝައްކު އުފެދޭ ކަމެކެވެ.

މި ނޭދެވޭ ސިފައިން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާގެ އަމިއްލަ ނަފުސު އޭގެ ގޮތުގައި ގަބޫލުކުރުމެވެ. ތިމާއަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމާ މެދު އުފާކުރަން ދަސްކުރަންޖެހެއެވެ. އެކަންކަމާ އުފާ ކުރަން އެހެން މީހުން އަންނަން ކޮންމެހެން ނުޖެހޭކަން އަމިއްލަ ނަފުސަށް ދަސްކޮށްދޭން އެބަ ޖެހެއެވެ.

ދެވަނަ ކަމަކީ، އެހެން މީހުންނާ އަޅާކިޔުން ހުއްޓާލުމެވެ. ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރަމުންދާ މީހެއްކަން ދަންނަންޖެހެއެވެ. މީގެ އިތުރުން، ފާޑުކިޔުންތަކާ ކުރިމަތިލާއިރު، އޭގެ ތެރެއިން އިސްލާހީ ފާޑުކިޔުންތައް ބަލައިގަނެ، ޒާތީ ފާޑުކިޔުންތަކަށް ބޯނުލެނބުމަކީ މުހިންމު ކަމެކެވެ. އެހެންމީހުންގެ ދުލާ ޤަލަމުގައި ނުހިފެހެއްޓޭނެކަން ދަނެހުރެ އޭގެން ނަގަންވި އެއްޗެއްސާ ނަގަން ނުޖެހޭ އެއްޗެހި ނިންމަން ވާނީ އަމިއްލައަށެވެ. އަދި، އަބަދުވެސް ހެޔޮވިސްނުން ގެންގުޅޭ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަވާނެ ކަމެކެވެ.

އަމިއްލަ ނަފުސަށް ޝައްކު ކުރުމަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. މިކަން ކުރެވޭތީ އެމީހަކީ ކުށްވެރިއެއް ކަމަށް ވިސްނުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. ޤަބޫލުކުރަންވި ހަޤީޤަތަކީ މި ވިސްނުމާއެކު ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ބާރުވެސް ލިބިފައިވާ ކަމެވެ. މިބާރުގެ ބޭނުން ހިފާލަނިކޮށް ގިނަ ސުވާލަތަކަށް ޖަވާބުލިބިގެން ދާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top