އިންސާނުންގެ ތެރެއިން ކޮންމެ މީހަކީވެސް ތަފާތު ސިފަތަކަކާއި ޚާއްސަ ކަންތައްތަކެއް ލިބިގެންވާ މީހެކެވެ. ބައެއް ފަހަރު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވަނީ އަމިއްލަ ނަފްސުގައި އެއްވެސް ޚާއްސަ ހުނަރެއް ނުވަތަ ކުޅަދާނަކަމެއް ނެތްކަމަށެވެ. އަދި އެހެން މީހުންގެ ކާމިޔާބީތަކާއި ހުނަރުތައް ފެނުމުން މާޔޫސްކަން އިހުސާސް ކުރެވެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ.
ހަޤީޤަތަކީ ހުނަރަކީ ހަމައެކަނި އުފަންވާއިރު ހުންނަ އެއްޗެއް ނޫނެވެ. އަދި ގިނަ ފަހަރަށް ގިނަ ހުނަރުތަކަކީ ފޮރުވިފައި ހުންނަ ކަންކަމެވެ. އެ ކަންކަން ޖެހޭނީ އަމިއްލައަށް ދެނެގަންނާށެވެ. ނުވަތަ އެ ހުނަރުތައް ދެނެގަންނަނީ އެހެން މީހުންނެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރުވެސް އެންމެ ކާމިޔާބު މީހުންނަކީ އުފަންވާއިރު ލިބިފައިވާ ހުނަރުގެ އިތުރަށް އެމީހުން ކުރަން ބޭނުންވި ކަމެއް ދަސްކުރުމަށްޓަކައި ނުގުޑާ އަޒުމަކާއެކު ބުރަ މަސައްކަތް ކުރި މީހުންނެވެ. އެހެންކަމުން މިއަދު ތިބާގެ ކިބައިގައި ވަކި ޚާއްސަ ހުނަރެއް ނެތްކަމަށް ޤަބޫލުކުރެވުނަސް އޭގެ މާނައަކީ އެއްވެސް ކަމެއް ނުކުރެވޭނެއެކޭ ނޫނެވެ.
އެހެނީ ކޮންމެ ހުނަރަކީވެސް ތަމްރީނާއި އުނގެނުމުގެ ތެރެއިން ހޯދިދާނެ އެއްޗެކެވެ. ކުރަހަން ނޭނގޭ މީހަކަށް ގިނަގިނައިން ކުރަހަން ފަރިތަކުރުމުން އެކަން ދަސްވެއެވެ. ލިޔަން ނޭނގޭ މީހަކަށް ގިނަގިނައިން ކިޔައި ލިޔަން މަސައްކަތް ކުރުމުން އެ ހުނަރު އަށަގަނެއެވެ. މިއަދުގެ ޒަމާނަކީ މަޢުލޫމާތާއި އާލަތްތައް ފަސޭހައިން ލިބެން ހުރި ޒަމާނެކެވެ. އިންޓަނެޓާއި އެކި ކަހަލަ ތަމްރީނު ޕްރޮގްރާމްތަކުގެ އެހީގައި ކޮންމެ މީހަކަށްވެސް އާ ހުނަރެއް ދަސްކުރުމުގެ ފުރުސަތު އެބައޮތެވެ.

މާޔޫސްވުމުގެ ބަދަލުގައި ކުރަންވީ ކަމަކީ އަމިއްލަ ނަފްސަށް ވަގުތު ދިނުމެވެ. ތިމާ ޝައުޤުވެރިވާ ދާއިރާއެއް ހޯދާށެވެ. އެއީ ކެއްކުން ކަމުގައި ވިޔަސް ކޮމްޕިއުޓަރުގެ މަސައްކަތް ކަމުގައި ވިޔަސް ނުވަތަ އަތްތެރި މަސައްކަތް ކަމުގައި ވިޔަސް ކުޑަކުޑަ ފިޔަވަޅަކުން ފަށާށެވެ. އެހެނީ އެންމެ ފުރަތަމަ ބޮންތިއަކު ނުހިފޭނެއެވެ. އެކަމަށް ޖެހޭނީ މަސައްކަތް ކުރާށެވެ. އެގޮތުން ކޮންމެ ދުވަހަކު ކުޑަ މިންވަރެއް ދަސްކުރިޔަސް ދުވަސްތައް ފާއިތުވަމުންދާއިރު ތިބާ ހުންނާނީ އެކަމަށް ކުޅަދާނަ ހުނަރުވެރިއަކަށް ވެފައެވެ.
އަޅުގަނޑުގެ ކިބައިގައި ހުރި ހުނަރެއް ތިބާގެ ގައިގައި ނުހުރެދާނެއެވެ. އަދި ތިބާގެ ކިބައިގައި ހުރި ހުނަރެއް ނުވަތަ ހުނަރުތަކެއް އަޅުގަނޑުގެ ކިބައިގައި ނުހުރެދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ހުނަރެއް ދަސްކުރަން ނޫޅެ ހުނަރު ނެތްކަމަށް ބުނުމަކީ މައްސަލައެކެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ފޮރުވިފައިވާ ހުނަރުތަކެއް ހުރެއެވެ. ޖެހޭނީ އެކަން ހޯދައި ދެނެގަންނާށެވެ. އަދި ކުރިއަށް ދިއުމަށް ހިތްވަރު ނެރޭށެވެ. މާޔޫސް ނުވާށެވެ. ތިބާއަކީވެސް ކޮންމެވެސް ކަމަކުން ދުނިޔެއަށް ނަމޫނާ ދެއްކޭނެ މީހެކެވެ.
