ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އަނދިރީގެ ތެރޭން – ދެވަނަ ބައި (މިނީ ސީރީޒް)

“އަހަރުމެންގެ ދަރިފުޅު އަދި މަރެއް ނުވޭ …. މައިހާ އަދި ފެންނާނެ.” މަޑުމަޑުން ގެއާއި ދިމާއަށް ހިނގައިގަތް ނަމަވެސް ބިޝާރާގެ ނަޒަރު ހުރީ ގޮނޑުދޮށާއި ދިމާއަށެވެ.

އެވާގޮތް ޒިނާނަށް ވިސްނުނެވެ. އެއީ މައިހާ އެންމެގިނައިން ކުޅެން އިންނަ ދިމާއެވެ. ބައެއް ފަހަރު އެދިމާއިން މައިހާ ފެންނަކަމުގެ އިހުސާސް ޒިނާނަށް ވެސް ކުރެވެއެވެ.

ދުވަސްތައް މަޑުމަޑުން މާޒީއާ އެކުވަމުން ދިޔައެވެ. ލިބުނު ހިތާމަ އާއި ހިތްދަތިކަމުން އަރައިގަނެވޭނެ ގޮތެއް ނުވިއެވެ. ދުވަސްކޮޅަކަށް ނަމަވެސް، ބިޝާރާމެން ގެއަށް ދިރިއުޅުން ބަދަލުކޮށްލަން ޒިނާން ދިން ހިޔާލު ބިޝާރާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އެގޭގައި ދިރިއުޅޭށެވެ. ބިޝާރާ ބުނާގޮތުން މައިހާ ދިރި ދުނިޔޭގައި އެބަހުއްޓެވެ. އެދިމާ އަތިރިމަތީ، އެގަސްތަކުތެރޭ އެކުއްޖާ ކުޅެ އެބައުޅެއެވެ. ބަޔަކަށް ގެއްލުނަސް އޭނާއަށް ފެނެއެވެ. އޭނާއާ ވާހަކަ ދައްކައެވެ.

ޑޮކްޓަރަށް ދައްކައިގެން ބިޝާރާއަށް ލިބުނު ލުޔެއް ނެތެވެ. އެހާ ދިގު އިންތިޒާރަކަށްފަހު ލިބުނު ދަރިފުޅު ގެއްލުމުން އޭނާ ވަނީ ނަފްސާނީ ގޮތުން ވަރަށްބޮޑަށް ބަލިކަށިވެފައި ކަމަށް ބައެއް ޑޮކްޓަރުން ބުންޏެވެ. ނަފްސާނީ އިލްމުގެ މާހިރުންގެ ފަރާތުން ހޯދި އިރުޝާދާއި ފަރުވާއިން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ކެތްތެރިކަމާއި ހިތްވަރާއިއެކު މަޑުމަޑުން ނަމަވެސް ކުރިޔަށް ދެވޭތޯ މަސައްކަތްކުރުން ނޫން ގޮތެއް ނެތެވެ.

ޒިނާން ހުރީ ބިޝާރާއާއެކުއެވެ. ކޮންމެ ހާލެއްގައި ނަމަވެސް ބިޝާރާގެ އަތުގައި ހިފައިގެން ކުރިޔަށް ދާށެވެ.

މެންދަމުން އަލިވެ ދޭއް ޖަހާކަން ހާއިރެވެ. ރައްޓެއްސަކާއިއެކު މަސައްކަތެއް ނިންމާލުމަށްފަހު، ގެއާއި ދިމާއަށް ޒިނާން މިސްރާބުޖެހިއިރު، ރަށުތެރޭން ފެންނަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެއްވެސް ގެއެއްތެރެއިން ބާރު އަޑެއް ނީވޭ ތާންގައި ގަދައައްޔެއް ވެސް ފެންނާކަށް ނެތެވެ. ހޭލާ އުޅޭ އިތުރު ބަޔަކު ނޫޅޭ ކަހަލައެވެ.

ގޮނޑުދޮށުން އަރައިގެން އައި ރާބިޔާ ފެނުނީ ކުއްލިއަކަށެވެ. އެއާއެކު ޒިނާން ދިޔައީ ސިއްސައިގެންނެވެ. އެއީ ރާބިޔާ ތޯ ޔަގީންކޮށްލަން ކުރެވޭނެ ކަންކަން ހަނދާންވުމާއިއެކު އެކަން ވެސް ކުރިއެވެ. އެއީ ހަމަ ރާބިޔާއެވެ.

“ކޮއްކޯ! … އެންމެ ފަހަރަކު ނަމަވެސް ދައްތަ މިދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެންމީ ކަލެއާ ދުރުމީހެއް ނޫނޭ. ބަޔަކު ކޮންމެ ގޮތަކަށް ދެކުނަސް ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން ވާހަކަ މިދައްކަނީ ހަގީގަތަށް. މައިހާ ގެއްލުމުން އަހަރެން ވެސް ހާދަ ދެރައެއް ވިއޭ … އެކަމު …. ކަން ހިނގި ގޮތް ސާފުވީމާ ކޮއްކޮ ވެސް ދެރައެއް ނުވާނެ. ” ރާބިޔާ މަސައްކަތްކުރީ ޒިނާނަށް ވިސްނައިދޭށެވެ.

ރާބިޔާގެ އެވާހަކަތަކަށް ސަމާލުކަން ނުދީ ޒިނާން ހިނގައިގަތުން ރާބިޔާ ހިތްހަމައެއް ނުޖެހުނެވެ. ރުޅިވެރިކަމާއިއެކު ޒިނާނަށް ބަލާލަމުން ބާރުބާރަށް ހިނގާފައި ގޮސް ކުރިމައްޗަށް އެރިއެވެ. މިހާރުން މިހާރަށް ހުއްޓުމަށް އަމުރުކުރިއެވެ.

“ހުރިހާ ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވަނީ އެކަލާންގެ … ކަލޭމެން އެންމެން ވެސް ބުނާގޮތުން އަހަރެންނަކީ މޮޔައެއް. ބޯ ހަމަނުޖެހޭ ސިކުނޑީގަ މައްސަލަ ހުންނަ މީހެއް …. ކޮއްކޮއަށްޓަކައި ބުނަން އޮތް އެންމެފަހު ވާހަކަ މިބުނަނީ … މައިހާ ދުނިޔޭގައި އެބަހުރި …. މައިހާ ގަދަވެ ސަލާމަތުން އޭނާގެ ބައްޕަ ކައިރީ އެބަހުރި. ނޭނގި ނަމަވެސް ބިޝާރާ އެބުނީ ރަނގަޅަށް. މައިހާ މަރެއް ނުވޭ. އެގަސްތަކުތެރޭ އެކުއްޖާ އެބައުޅޭ. އެއީ އޭނާ ދުނިޔެއަށް އައުމުގެ އަސްލުކަމުގައިވި މަންޒިލް. އޭނާ އެތާކުން ނުދާނެ …. ކޮންމެ ގޮތަކުން ހޯދިޔަސް އަހަރެންނަށް ހެޔޮ. މައިހާ އަކީ ޒިނާންގެ ދަރިއެއް ނޫން.” ހަޅޭލަވައިގަންނަމުން ރާބިޔާ ދުއްވައިގަތެވެ. ކޮންމެ ވެސް މީހަކު ފެނިގެން އެމީހާގެ ފަހަތުން ދުއްވައިގަތް ކަހަލައެވެ. އަތުގެ އިޝާރާތުން މަޑުކުރުމަށް ވެސް ބުނަމުންދިޔައެވެ.

ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. ވިސްނަން ބޭނުން ނުވިޔަސް އެކަމާއިމެދު ވިސްނާނުލައި ނުހުރެވުނެވެ. މަޑުމަޑުން ކަންކަން ފެންމަތިވާން ފެށިއެވެ.

ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް ފޯނުނަގަމުން ބަލާލިއިރު ގުޅަނީ ބިޝާރާއެވެ. ގެއަށް އައުން ލަސްވެ އޭނާ ހުރީ ކަންބޮޑުވެފައެވެ.

ރާބިޔާ ދެއްކި ވާހަކަތަކާއިމެދު ވިސްނުނު ނަމަވެސް، އެހެން އެއްވެސް މީހެއްކައިރީ ޒިނާން އެވާހަކައެއް ނުދައްކައެވެ.

އަސީދު ފޯނުކުރީ ޒިނާން އޮފީސް ނިންމާލާފައި ގެއަށް އަންނަނިކޮށެވެ. ވަރަށް މުހިންމު ކަމަކު ކޮންމެހެން ވެސް ބައްދަލު ކޮށްލަން ބޭނުން ވާހަކަ ބުނުމުން ޒިނާން އެދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އަދި ބިޝާރާއަށް ފޯނުކޮށްފައި އެވާހަކަ ބުންޏެވެ.

ޒިނާން ދިޔައީ އަސީދުގެ ފިހާރައަށެވެ. މިގަޑީގައި އޭނާ އިންނާނީ އެތަނުގައިކަން ޒިނާނަށް އެނގެއެވެ. އަސީދު އާއި ވާހަކަ ދައްކަންހުރި މީހާ ފިހާރައިން ނުކުތުމާއިއެކު ޒިނާން ގޮވައިގެން އަސީދު ފިހާރައިން ނުކުތެވެ. ސުވާލުތަކުން ފުރިފައިހުރި ޒިނާން އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާގެ ފަހަތުން ދިޔައީއެވެ.

ޒިނާން ގޮވައިގެން އަސީދު އެރީ އޭނާގެ ގޭގެ ތިންވަނަ ފަންގިފިލާ އަށެވެ. އެއީ އެއްވެސް މީހަކު ދިރިއުޅޭ ތަނެއް ނޫނެވެ. އެތަން ހާއްސަކޮށްފައިވަނީ ރަށަށް އައިސްއުޅޭ ބީރައްޓެހިންނަށް ކުއްޔަށް ދިނުމަށާއި އަސީދުގެ ރައްޓެހިން ޗުއްޓީއަށް އައިސް މަޑުކޮށްލުމަށެވެ.

ޒިނާނާއި އަސީދު މަޑުކޮށްލީ އޯޕަންބައިގަ ހުރި ސޯފާގައެވެ.

“ތިން މަހެއްހާ ދުވަސްކުރިން ފޯނެއް ހަދަން އަހަރެން އަތަށް ގެނެސްދިން ހަނދާންވޭތަ؟ މާލެއިން ފޯނު ނުހެދުނު ވާހަކަ ބުނީމަ ބުނީމެއްނު ރާއްޖޭން ބޭރަށްދާ ފަހަރަކުން ހެދޭތޯ ބަލާލަދޭށޭ. ވައިފް ވަރަށް ލޯބިން ގެންގުޅޭ ފޯނެކޭތީ. ވަރަށް މުހިންމޭ. މިއޮތީ ފޯނު ރަނގަޅުކޮށްފަ … ވައިފަށް އެވަރަށް ތިޔަ ފޯނު މުހިންމުވީ ކީއްވެގެންކަން އެނގޭނެ މީގައި ހުރި މެސެޖްތަކާއި ފޮޓޯތައް ރަނގަޅަށް ބަލާލާ …. އެކަމު ބުނަން … އަހަރެން ހުއްދަ ނުދެނީސް ތިޔަތަނުން ތެދުވެގެން ނުވާނެ.” ވާހަކަ ދައްކަމުން ދައްކަމުން އަސީދު ދިއްކޮށްލީ އޭނާގެ ޖީބުން ނެގި ފޯނެވެ.

ސުވާލުތަކުން ފުރިފައި އަސީދަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން ކަމެއް ޒިނާނަކަށް ނުކުރެވުނެވެ.

“ހުއްދަ ނުހޯދައި ފޯނު ބެލުނީތީ މަޢާފަށް އެދެން. ފޯނު މަރާމާތުކޮށްފައި ރަނގަޅުތޯ ބަލާލާށޭ ބުނީމަ ބަލާލީ. އެކަމު އެއީ ވަރަށް ކުޑަކުޑަކޮށް.” ޒިނާނަށް ފުރުސަތު ދެމުން އަސީދު ދުރަށް ޖެހިލިއެވެ.

ފެނުނު ފޮޓޯތަކާއި މެސެޖްތަކުން އެތައް ވާހަކައެއް ބުނެދިނެވެ. ބިޝާރާ ލޯބިވީ ވެސް ކައިވެނި ކުރަން ބޭނުންވީ ވެސް އަލިއްޔުއާއެވެ. އެދެމީހުނަށް ކައިވެނި ނުކުރެވުނީ ބިޝާރާގެ މައިންބަފައިން އެކަމާއި އެއްބަސް ނުވުމުންނެވެ. މައިންބަފައިންނާއި ދެކޮޅަށް ކައިވެނި ކުރާކަށް ބިޝާރާ ބޭނުންމެއް ނުވިއެވެ.

އެދެމެދުގައި އޮތް ލޯބީގެ ގުޅުން ބިޝާރާގެ ކައިވެންޏަށްފަހު ވެސް އޮތެވެ. އެހެން މީހުންގެ ލޯތަކަށް ސިއްރުން ބާއްވަމުންދިޔަ އެކަހެރި ބައްދަލުވުންތައް ކުރިޔަށް ދިޔައެވެ. އެންމެފަހުން އެމީހުންގެ ރަސްމީ މަންޒިލަކަށްވީ ބިޝާރާ ދިރިއުޅެމުންދިޔަ ގެއާއި ދިމާ އަތިރިމައްޗެވެ. އެހިސާބަކީ އިރުއޮއްސުމަށްފަހު ވަރަށް މަދުންނޫނީ މީހުން ނުކުމެ އުޅޭ ހިސާބެއް ނޫނެވެ. އެތަނުގައިވާ އަނދިރިކަން ދެކި ގިނަ މީހުން ބިރުގަނެއެވެ. ޖެހިލުން ވެއެވެ.

ދަރިއަކު ހޯދުމަށްޓަކައި ޒިނާން ކުރަމުންދިޔަ މަސައްކަތަށް ހުރަސްއެޅި މީހަކީ ބިޝާރާއެވެ. އެކަން ކާމިޔާބު ނުވާނެ ހުރިހާ ދިމާއަކަށް އޭނާ ހުރީ ވިސްނައި ފިޔަވަޅު އަޅައިގެންނެވެ.

ބިޝާރާ ބަލިވެއިނީ ކުއްލިއަކަށެވެ. އެއީ އަލިއްޔުގެ ދަރިއަކަށެވެ. އެހިސާބުން އެދެމެދުގައި މައްސަލަ ޖެހުނެވެ. އެކަން އަލިއްޔު ގަބޫލެއް ނުކުރިއެވެ. އެޒިންމާ ނަގާކަށް އޭނާ ބޭނުމެއް ނުވިއެވެ. ހުރިހާކަމެއް ބިޝާރާގެ ބޮލަށް ކަނޑާލުމަށްފަހު އަލިއްޔު ފިލީ އެވެ. އަބަދުގެ އަބަދަށް ބިޝާރާއާ ދުރަށް ދިޔައީއެވެ.

އެތައް އަހަރަކަށްފަހު، އެތައް ގުރުބާނީއަކަށްފަހު، ލިބުނު ދަރިފުޅަކީ ޒިނާންގެ ފުރާނައެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުމަކީ ޒިނާންގެ އުފަލާއި ހިތްހަމަޖެހުމެވެ. އެއްވެސްކަމަކަށް ދަތިވެފައި އެއްވެސް އެއްޗެއް ނުލިބިފައި އޭނާ ހުންނާކަށް ނުޖެހެއެވެ. އޭނާ ބޭނުން ކޮންމެ ކަމެއް އެހެން ކަންކަމަށްވުރެ ކުރިން ޒިނާން ކޮށްދޭނެއެވެ.

އިތުރަށް ފޯނު ބަލާނެ ހިތްވަރެއް ޒިނާންގެ ނެތެވެ. މަޑުމަޑުން ތެދުވަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ހުއްޓުވީ އަސީދުއެވެ. އަސީދު ދެއްކި ވާހަކަތައް ޒިނާން އަޑުއެހިއެވެ. އޭނާ ބުނި ފަދައިން ކަންތައް ކުރުމަށް އެއްބަސް ވެސް ވިއެވެ.

ޒިނާން ގެއަށް ދިޔައިރު، ބިޝާރާ އާއި އޭނާގެ މައިން ބަފައިން ތިބީ އެ ގޭގައެވެ.

ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަމުގެ ސަބަބުން، ވާހަކަ ދައްކަން އުނދަގޫވި ނަމަވެސް ޒިނާން ހިތްވަރު ކުރިއެވެ. ހުރިހާ ވާހަކައެއް ބިޝާރާގެ ހާޒިރުގައި އޭނާގެ މައިންބަފައިންނަށް ކިޔައިދިނެވެ. އެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ. އެވާހަކަތައް ގަބޫލުކުރަން އެމީހުނަށް ފަސޭހައެއް ވެސް ނުވިއެވެ.

“ޒިނާން ބޭނުންނަމަ މިހާރުން މިހާރަށް އަހަރެން ވަރިކުރިޔަސް އެއްވެސް ޝަކުވާއެއްނެތް. ހިތްބަރުކަމެއް ވެސް ނެތް. އެކަމު އެއްވާހަކަ ބުނެލަން ބޭނުން … ތިބުނި ކަންކަން ތިބުނި މަގުން ހިނގި … އެކަމު އެއީ އަހަރެން ބޭނުން ވެގެނެއް ނޫން … އަހަރެންނަށް އެހެން ގޮތެއް ނެތިގެން. ދުނިޔޭގެ ލަދުން ސަލާމަތްވުމަށްޓަކައި މަޖުބޫރުވެގެން އަހަރެން އެކަންކަން ކުރީ. އެކަމުން މިންޖު ނުވެވިގެން ޒިނާން ކައިރިން އަހަރެން ވަރިއަށް ވެސް އެދުނިން. ޒިނާން ވަރިއެއް ނުކުރި. އަހަރެން އަހަރެންގެ ކުށް ގަބޫލުކުރަން. ތައުބާ ވެސް ވިން. އިތުރަށް ބުނާނެއެއްޗެއްނެތް.” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން ބިޝާރާ ބަލާލީ ގޭގެ ދޮރާއި ދިމާއަށެވެ.

ރާބިޔާ އައިސް ގޯތިތެރެއަށް ވަނީ ކުއްލިއަކަށެވެ.

“އަލިއްޔު އެބުނީ ރަނގަޅަށް …. އެއީ އޭނާގެ ދަރިއެއް ނޫން ….” ރާބިޔާ އައިސް މަޑުކޮށްލީ ގޭގެ ދޮރުކައިރީގައެވެ. ދޮރުކަނީގައި އަތް ވިއްދާލަމުން ނުރުހުމާއިއެކު ބިޝާރާގެ ބައްޕައަށް ބަލާލިއެވެ.

“އަދިވެސް ސިހުރާއި ފަންޑިތަ ހަދައި އެހެން މީހުންގެ ދިރިއުޅުން ހަލާކު ކުރެވޭތޯ ބަލާ. އެންމެ ފަހުން ރީތި ލަގާއެއް ލިބިއްޖެ އެއްނު. ތިމާ މީހާގެ ހުރި ހަމައެކަނި އަންހެންދަރި އެހުރީ އިންސާނީ ނަސްލާއި އެއްވެސް ގުޅުމެއް ނެތް މަހުލޫގަކަށް ބަލިވެ އިނދެ ވިހައިފަ. މައިހާ މަރެއް ނުވޭ. ގަދަވެ ސަލާމަތުން ހެޔޮހާލުގައި މައިހާ އެބަހުރި. ބިޝާރާއަށް އޭނާ ފެންވެސް ފެންނާނެ. އެއީ އަލިއްޔުއެއް ނޫން. އަމިއްލައަތުން އަލިއްޔުއަށްޓަކައި ހުޅުވާލި ފުރުސަތު …. އެވަރަށް މަސްތުވެ ހޭކުޑަވާކަށް ނުވާނެ އެއްނު. މިއީ މީހުން އެކަހަލަ ކަންކަން ކުރާ ކަހަލަ ތަނެއް ވެސް ނޫންވިއްޔަ … އެތައް މަހުލޫގުން އެއާރުން ކަރުހިއްކުން ފިލުވައި ބަނޑުފުރާލައިގެން ދިޔައިރު ވާނުވާ ވެސް ރޭކާނުލި. ” ރާބިޔާގެ ކިބައިން ފާޅުވީ ހިތްހަމަޖެހުމެވެ. ލިބުނު ކާމިޔާބަށް އުފާކޮށް ހެމުން ހެމުން އޭނާ އެތަނުން ނުކުމެގެން ދިޔައީއެވެ.

ޒިނާން ބިޝާރާ ވަރިކުރިއެވެ.

ކަންކަން ފަހުމުވާން ދުވަސްކޮޅެއް ނެގިއެވެ. ފަހަރަކު ކަމެއް ފާޅުވަމުން އެނގެމުން އައިސް ބިޝާރާއަށް ހުރިހާ ކަމެއް އެނގުނެވެ. އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް އާދެވުނެވެ. ގެއްލުނު ވަގުތު އަނބުރާ ނުލިބުނަސް، އެފަދަ ފިޔަވަޅެއް ދެން އޭނާ ނާޅާނެއެވެ.

ރާބިޔާ ބުނީ ތެދެކެވެ. އެއްވެސް މީހަކު ގަބޫލު ނުކުރިޔަސް ބިޝާރާއަށް މައިހާ ފެނެއެވެ. ވާހަކަ ދެކެވެއެވެ. އަތްލެވެއެވެ. ބައްދާލާ ލޯބި ކޮށްލެވެއެވެ. އެވަރުން ބިޝާރާއަށް ފުދެއެވެ.

(ނިމުނީ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top