ބައެއް ފަހަރު، ހާސްކަމާއި ނުތަނަވަސްކަން ކުއްލިއަކަށް ހުއްޓުވުމަށްޓަކައި، ސިކުނޑިއަށް ވަރުގަދަ ސިގްނަލެއް ނުވަތަ އިހުސާސެއް ފޯރުކޮށްދޭން ޖެހެއެވެ.
ނަފްސާނީ ދާއިރާގެ ބައެއް މާހިރުން ލަފާދެއްވާ ގޮތުގައި، ހާސްކަން އިތުރުވާ ވަގުތުތަކުގައި ނުވަތަ “ޕެނިކް އެޓޭކެއް” ކުރިމަތިވާ ހިނދު، ހަމައަކަށް އެޅުމަށްޓަކައި “ގްރައުންޑިންގ” އުކުޅެއްގެ ގޮތުގައި ހުތްފޮނި މެޓާ ކޮޅެއް (sour candy) ބޭނުންކުރެވިދާނެއެވެ.
އިންތިހާއަށް ހުތް ރަހައިގެ ސަބަބުން އިންސާނާގެ ހިއްސުތަކަށް ކުއްލި ސިގްނަލެއް ލިބިގެންދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ބިރުވެރިކަމާއި ނުތަނަވަސް ޚިޔާލުތަކަށް ހުސްވެފައިވާ ސިކުނޑީގެ ސަމާލުކަން، އެވަގުތު ތަހައްމަލު ކުރަންޖެހޭ ގަދަ ރަހައަށް ކުއްލިއަކަށް ބަދަލުވެގެންދެއެވެ. މިގޮތަށް ސަމާލުކަން އަނބުރާލުމަކީ ހާސްކަން އިތުރުކޮށްދޭ ނަފްސާނީ ވަސްވާސްތަކުން މީހާ މިންޖުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަމައެއާއެކު، އެއްޗެއް ހަފަން ފެށުމާއި އަނގައިން ކުޅު އުފެދޭ މިންވަރު އިތުރުވުމަކީ، ހަށިގަނޑު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ ނިޒާމުތައް ހޭލައްވާލައި، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް އަލުން ހޯދުމަށް މަގުފަހިވާ ކަމެކެވެ.
މާހިރުން ފާހަގަކުރައްވާ ގޮތުގައި މިއީ ވަގުތީ ގޮތުން ހާސްކަން ކުޑަކުރުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ. މިއީ ނަފްސާނީ ފަރުވާ ނުވަތަ ޑޮކްޓަރީ އެހީގެ ބަދަލުގައި ބޭނުންކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ހާސްކަން އިންތިހާއަށް ބޮޑުވާ ވަގުތު، އާދައިގެ ހުތްފޮނި މެޓާކޮޅެއްގެ އެހީގައި އަލުން ހަމައަކަށް އެޅި، ހާސްކަމުން ދުރުވުމަށް މިއީ ފަސޭހަ ވަސީލަތަކަށް ވެދާނެއެވެ.
