ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ރިސޯޓް މުވައްޒަފުންނާއި އާއިލާ: އެކަނިވެރިކަމާއި ގުރުބާނީގެ ހިތްދަތި ދަތުރެއް!

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ފަތުރުވެރިކަމެވެ. މި ދާއިރާ ކުރިއަރުވައި، ރާއްޖެއަށް ބޭރު ފައިސާ ހޯދައިދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނެވެ. ނަމަވެސް، މި ފައިސާގެ ފަހަތުގައި ފޮރުވިފައިވަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމާއި، އާއިލީ ރޭވުންތަކަށް އަންނަ ބޮޑެތި ބަދަލުތަކެކެވެ. ރިސޯޓް މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުން އުފުލަމުންދާ ތަކުލީފުތަކަކީ މިއަދު އަވަސް ހައްލެއް ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ.

ރިސޯޓް މުވައްޒަފުންގެ ދިރިއުޅުން ބިނާވެފައިވަނީ އަމިއްލަ އުފަން ރަށާއި، އަނބިދަރިންނާ އެތައް މޭލެއްގެ ދުރުގައެވެ. ގިނަ މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދެވެނީ އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ލިބޭ ޗުއްޓީގައެވެ. މިއީ ހަމައެކަނި ދުރުމިނެއް ނޫނެވެ. މިއީ ލޯތްބާއި ގާތްކަމުން މަހުރޫމްވެފައިވާ ދިރިއުޅުމެކެވެ. ވަޒީފާގެ މާހައުލުގައި ހުންނަ ބުރަކަމާއި، ޑިއުޓީ ގަޑިތައް ހުންނަ ގޮތުން، އާއިލާއަށް ފޯނުން ގުޅާލައި ހާލުބަލާލުމަކީވެސް ބައެއް ފަހަރު ނާދިރު ކަމެކެވެ. ރޭގަނޑު ދަންވަރު ނުވަތަ ފަތިހު މަސައްކަތަށް ނުކުންނަން ޖެހުމުން، ދަރިންނާ ވާހަކަދައްކާލާނެ ފުރުސަތެއް ގިނަ ދުވަސްދުވަހު ނުލިބެއެވެ.

އާއިލީ ހަޔާތުގައި އަންނަ އެންމެ މުހިންމު އަދި ހާއްސަ މުނާސަބަތުތަކުގައި ބައިވެރިވުމުގެ ނަސީބު ރިސޯޓްތައކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަށް ނުލިބެއެވެ. ދަރިންގެ އުފަންދުވަސް، ކައިވެނީގެ އަހަރީ ދުވަސް، ނުވަތަ އާއިލާގެ ގާތް މީހަކު ބަލިވުމާއި މަރުވުން ފަދަ ކަންކަމުގައިވެސް ގިނަ ފަހަރަށް މުވައްޒަފަށް ހުންނަންޖެހެނީ ވަޒީފާގައެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން މުައްޒަފަށާއި އާއިލާއަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ގާތް މީހެއްގެ ޖަނާޒާގައި ބައިވެރިނުވެވުމުން ނުވަތަ ދަރިފުޅު ބަލިވެގެން އުޅޭއިރު ކައިރީގައި ނުހުރެވުމުން އިހުސާސްކުރަންޖެހޭ ދެރައަކީ ބަޔާންކުރަން ދަތި ކަމެކެވެ.

މި މައްސަލައިގެ އެންމެ ބިރުވެރި ނަތީޖާއަކީ ކުޑަކުދިންނަށް ކުރާ އަސަރެވެ. ބަފައެއްގެ ލޯތްބާއި އަޅާލުމާ ނުލައި ބޮޑެތިވާ ކުދިންގެ އަހުލާގަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ކުދިންގެ ތަރުބިއްޔަތުގައި ބައްޕަގެ ދައުރަކީ ހަމައެކަނި ފައިސާ ފޮނުވުމެއް ނޫނެވެ. ބައްޕަގެ އިރުޝާދާއި، ނަސޭހަތާއި، ގާތްކަން ނުލިބުމުގެ ސަބަބުން ކުދިން މަގުއޮޅުމާއި، ނަފްސާނީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ މުޖުތަމައުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެކެވެ.

ރިސޯޓް މުވައްޒަފުންނަކީ ގައުމުގެ އިގްތިސާދީ ބަތަލުންނަށް ވާއިރު، އެމީހުންގެ އާއިލީ ދިރިއުޅުން ބަރުބާދުވިޔަ ނުދީ ހިމާޔަތްކުރުމަކީ ދައުލަތާއި ރިސޯޓް ހިންގާ ފަރާތްތަކުގެ ޒިންމާއެކެވެ. “އޯފް” ދުވަސްތަކުގައި ރަށަށް ދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާއި، ޗުއްޓީގެ އުސޫލުތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އާއިލާތައް ރޫޅި، ކުދިން ބިކަވުމުގެ ކުރިން މިކަމަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ގެނައުމަކީ މިއަދު ގައުމީ ފެންވަރެއްގައި ކުރަންޖެހިފައިވާ މަސައްކަތެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top