ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަ ވެޓަރަންސް” 4 ވަނަ ފަހަރަށް ތަށި ހޯދައިފި
ޗެމްޕިއަން ޓީމް: ދަ ވެޓަރަންސް

ހަންޏާމީދޫ އެކުވެރިންގެ ދިރުން ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި އެޗް.އީ.ޑީ ވެޓަރަންސް ކަޕް 5 ވަނަ މުބާރާތް “އަސްފަރު އެޗް.އީ.ޑީ ވެޓަރަންސް ކަޕް 1447” ގެ ޗެމްޕިއަންކަން ވޭތުވެދިޔަ 3 އަހަރުގެ ޗެމްޕިއަން ދަ ވެޓަރަންސް ހޯދައިފިއެވެ. މިއީ ދަ ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި 4 ވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އަސްފަރު ހުސެއިން އެވެ.

35 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ފިތުރު ޢީދު ދުވަހު ބާއްވާ މި މުބާރާތުގައި، ކުރިން އަހަރުތަކުގައި ހަތަރު ޓީމު ވާދަކުރި ނަމަވެސް މި އަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ 3 ޓީމެވެ. އެ ޓީމުތަކަކީ ވޭތުވެދިޔަ 3 އަހަރުގެ ޗެމްޕިއަން ދަ ވެޓަރަންސް އަދި ވޭތުވެދިޔަ އަހަރުގެ ރަނައަޕް އަޑި ޕާކު ސްޕޯރޓްސް އާއި ފުރަތަމަ އަހަރުގެ ޗެމްޕިއަން ނުގުޑާނެއެވެ.

ރަނައަޕް ޓީމް: އަޑި ޕާކް ސްޕޯޓްސް

މި އަހަރުގެ ފައިނަލްގައި ވާދަކުރީ ވޭތުވެދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި ދަ ވެޓަރަންސް އާއި އަޑި ޕާކު ސްޕޯރޓްސް އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ ފައިނަލް މެޗް ދަ ވެޓަރަންސް ކާމިޔާބުކުރީ ފަހު ހާފުގެ ފުރަތަމަ މިނެޓްގައި އަހްމަދު ތޮލްހަތު އާއި ފަހު ހާފުގެ ފަހުކޮޅު މުޙައްމަދު ޝާހިދު ޖަހައިދިން ލަނޑާއެކު 2-0 އިންނެވެ.

މުބާރާތުގެ މަގާމްތައް ހޯދި ކުޅުންތެރިންނަށް ބަލާލާއިރު:

ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ދަ ވެޓަރަންސްގެ ހަސަން އަޝްރަފް ހޮވުނުއިރު ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޑި ޕާރކް ސްޕޯރޓްސްގެ އަހްމަދު އަސްލަމް އެވެ. ތިންވަނަ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަޑި ޕާރކް ސްޕޯރޓްސްގެ މުޙައްމަދު ތޮލްހަތަށް ލިބުނުއިރު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ވެޓަރަންސްގެ މުޙައްމަދު ޝާހިދު އެވެ.

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ދަ ވެޓަރަންސްގެ އަހްމަދު ތޮލްހަތު އެވެ.

މުބާރާތުގެ ގަދަ 5 ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަޑި ޕާކު ސްޕޯރޓްސްގެ މުޙައްމަދު ޒައިދު އަދި އެ ޓީމުގެ މުޙައްމަދު ތޮލްހަތު އާއި އަހްމަދު އަސްލަމްގެ އިތުރުން ދަ ވެޓަރަންސްގެ ހަސަން އަޝްރަފް އާއި ހުސެއިން ތޮލްހަތު އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ އަޑި ޕާކު ސްޕޯރޓްސްގެ ހަސަން ނިޔާޒް އެވެ. 41 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަޑި ޕާކު ސްޕޯރޓްސްގެ އަހްމަދު އަސްލަމް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމެންޓް)ގެ މަގާމް ހޯދީ ދަ ވެޓަރަންސްގެ ހުސެއިން ތޮލްހަތު އެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top