ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބްރިޓިޝް އެއާވޭސް ފްލައިޓެއްގައި މަރުވި މީހެއްގެ ހަށިގަނޑާ އެކު 13 ގަޑިއިރު ދަތުރުކުރަން ޖެހިއްޖެ

ހޮންގް ކޮންގުން ލަންޑަނަށް ދަތުރުކުރި ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް އުދުހެން ފެށިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން، 60 އަހަރުގެ އަންހެނަކު މަރުވެ، އެ ހަށިގަނޑާ އެކު ދެންތިބި ފަސިންޖަރުން 13 ގަޑިއިރަށް ވުރެ ގިނައިރު ދަތުރުކުރަން ޖެހިއްޖެއެވެ.

ފޮކްސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ބީއޭ32 ފްލައިޓުގެ އެއާބަސް އޭ350-1000 ބޯޓު ހޮންގް ކޮންގުން ނައްޓާލިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން އެ އަންހެން މީހާ މަރުވީއެވެ. މީހަކު މަރުވުމަކީ ޢާންމު ގޮތެއްގައި މެޑިކަލް އެމަޖެންސީއެއް ކަމަށް ނުބެލެވޭތީ، ޕައިލެޓުން ނިންމީ ހޮންގް ކޮންގަށް އެނބުރި ނުގޮސް ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ދަތުރު ކުރިއަށް ގެންދާށެވެ. ކްރޫއިން ފުރަތަމަ، މައްޔިތާގެ ހަށިގަނޑު ފާޚާނާއެއްގައި ބާއްވަން ވިސްނި ނަމަވެސް އެ ގޮތް ބޭނުން ނުކޮށް، ހަށިގަނޑު ނިވާކޮށް ބޯޓުގެ ފަހަތު ގެލީ (ކެއުން ތައްޔާރުކުރާ ބައި) ގައި ބޭއްވީއެވެ.

ނަމަވެސް، އެ ގެލީގެ ތަޅުންގަނޑު ހޫނުކުރެވިފައި ހުންނަ ކަން ކްރޫއިންނަށް ފާހަގަ ނުކުރެވުނެވެ. އެ ހޫނުގެ ސަބަބުން ދަތުރު ކުރިއަށް ދިޔަ ވަރަކަށް ނުބައި ވަހެއް އުފެދި ބޯޓުގެ ފަހަތު ބައިގައި ފެތުރެން ފެށީއެވެ. ލަންޑަނާ ގާތްވީ އިރު، 331 ފަސިންޖަރުންނާއި ކްރޫގެ ގިނަ ބަޔަކަށް އެ ވަސް ފާހަގަ ކުރެވުނެވެ. ބޯޓު ޖެއްސުމާ އެކު ފުލުހުން ބޯޓަށް އެރީ ތަހުގީގު ކުރުމަށެވެ. ގާތްގަނޑަކަށް 45 މިނެޓު ވަންދެން ހުރިހާ ފަސިންޖަރުން ގޮނޑީގައި ތިބެން ޖެހުނެވެ.

މި ހާދިސާއާ ގުޅޭ ގޮތުން މަޢުލޫމާތު ދިން މީހަކު ބުނީ “އެ އަންހެން މީހާގެ ޢާއިލާ ތިބީ ވަރަށް ހިތާމައިގައި، ކްރޫވެސް ހާލު ދެރަ. ގިނަ ބަޔަކު ބޭނުންވީ ހޮންގް ކޮންގަށް އެނބުރި ދާން. އެކަމަކު ސީދާކޮށް ބުނާ ނަމަ، ފަސިންޖަރަކު މަރުވެފައިވާ ނަމަ އެއީ އެމަޖެންސީއެއް ކަމަކަށް ނުބެލެވޭ!” ކަމަށެވެ.

ބްރިޓިޝް އެއާވޭސް އިން ފޮކްސް ނިއުސް ޑިޖިޓަލް އަށް ބުނީ “ކަސްޓަމަރަކު ބޯޓުގައި މަރުވި. އެ ޢާއިލާއާއި ރައްޓެހިންގެ ހިތާމައިގައި ބައިވެރިވަން. ކްރޫއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށާއި ހުރިހާ އިޖުރާއަތެއް ރަނގަޅަށް ތަންފީޒު ކުރެވުނު” ކަމަށެވެ.

ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ (އައާޓާ)ގެ އުސޫލުތައް ބުނާ ގޮތުން، ފްލައިޓެއްގައި މީހަކު މަރުވެއްޖެ ނަމަ ހަށިގަނޑު ބޮޑީ ބޭގެއްގައި ނުވަތަ ކަރާ ހަމައަށް ބްލޭންކެޓަކުން ނިވާކޮށް، ވީހާ ވެސް މީހުންނަށް ނުފެންނަ ތަނަކަށް ބަދަލުކުރެއެވެ. ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި 2013 ގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ފްލައިޓް ތެރޭގައި ދިމާވާ މެޑިކަލް އެމަޖެންސީތަކުގެ ތެރެއިން މަރުވަނީ އެންމެ 0.3 އިންސައްތަ މީހުންނެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top