ކޮންމެ އިންސާނަކީވެސް ތަފާތު ހުނަރުތަކާއި ޤާބިލުކަން ލިބިގެންވާ މީހެކެވެ. މިއަދުގެ ވާދަވެރި ދުނިޔޭގައި މީހެއްގެ ފެންވަރު ވަޒަންކުރުމަށް އެންމެ ބޮޑަށް ބޭނުންކުރެވޭ މިންގަނޑަކީ އެމީހަކު ހާސިލުކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކެވެ. ވަޒީފާއަކަށް ދިޔަޔަސް ނުވަތަ މުޖުތަމަޢުގެ ތެރޭގައި މީހާ ބަލައިގަތުމުގައިވެސް ސެޓްފިކެޓަށް އިސްކަންދެވޭތަން ފެނެއެވެ. ނަމަވެސް ހަޤީޤަތަކީ މީހެއްގެ އަސްލު ފެންވަރާއި އޭނާގެ އިންސާނިއްޔަތުކަން ވަޒަންކުރަންވީ ހަމައެކަނި އަތުގައި އޮންނަ ކަރުދާސްކޮޅަކުން ނޫން ކަމެވެ.
މީހެއްގެ ފެންވަރު ވަޒަންކުރުމުގައި އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭނީ އެމީހެއްގެ އަޚުލާޤާއި ސުލޫކަށެވެ. އިސްލާމްދީނުގައިވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ ރީވެތި އަޚުލާޤަށެވެ. މީހަކީ ކިތަންމެ މަތީ ސެޓްފިކެޓްތަކެއް ހާސިލުކޮށް، ދުނިޔޭގެ އެންމެ މަތީ ޔުނިވަރސިޓީތަކުން ކިޔަވައިގެން ހުރި މީހަކަށް ވީނަމަވެސް، އޭނާގެ ކިބައިގައި އަދަބުވެރިކަމާއި، ތެދުވެރިކަމާއި، މީހުންނަށް އިހުތިރާމްކުރުން ފަދަ ސިފަތައް ނެތްނަމަ، އެ އުނގެނުނު ތައުލީމުގެ ހަޤީޤީ ފައިދާއެއް ނެތެވެ. ސެޓްފިކެޓަކީ ހަމައެކަނި ސިކުނޑީގެ މުއްސަނދިކަން އަންގައިދޭ އެއްޗެކެވެ. ނަމަވެސް އަޚުލާޤަކީ އިންސާނާގެ ހިތާއި ރޫޙުގެ މުއްސަނދިކަން އަންގައިދޭ މިންގަނޑެވެ.
މީހެއްގެ ފެންވަރު ހާމަވާ ދެވަނަ ގޮތަކީ އޭނާގެ ޢަމަލީ ހުނަރާއި ކަންކަން ނިންމުމުގެ ޤާބިލުކަމުންނެވެ. ގިނަ ފަހަރަށް ފޮތްތަކުން ކިޔަވާ ތިއަރީތަކަށްވުރެ ޢަމަލީ މައިދާނުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލާ މީހާ މާ ފެންވަރު ރަނގަޅުވާނެއެވެ. އެކި ދާއިރާތަކުން ސެޓްޕިކެޓެއް ނެތި އަމިއްލަ ހިތްވަރުން މަސައްކަތް ދަސްކޮށްގެން އާދަޔާ ޚިލާފު ކުރިއެރުންތައް ހޯދާފައިވާ މީހުން މުޖުތަމަޢުގައި މަދެއް ނޫނެވެ. އެމީހުންގެ ފެންވަރު ވަޒަންކުރެވެނީ އެމީހުން ކުރާ މަސައްކަތުގެ ފެންވަރާއި އެ މަސައްކަތަކުން މުޖުތަމަޢަށް ކުރާ ފައިދާއެއްގެ މައްޗަށެވެ.
މީގެ އިތުރުން، އިންސާނިއްޔަތުކަމާއި އަނެކުންނަށް އެހީތެރިވުމުގެ ސިފައަކީ މީހާގެ ފެންވަރު ދައްކުވައިދޭ ވަރަށް މުހިންމު ކަމެކެވެ. މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމާއި، ނިކަމެތިންނަށް އޯގާތެރިވުމަކީ އެއްވެސް ސެޓްފިކެޓަކުން ދަސްކޮށްދެވޭނެ ކަންކަމެއް ނޫނެވެ. މިއީ އިންސާނާގެ ފިތުރަތުގައި ހުންނަންޖެހޭ މަތިވެރި ސިފަތަކެވެ. މީހަކީ ކިތަންމެ މުއްސަނދި، ކިތަންމެ ތަޢުލީމީ މީހަކަށް ވިޔަސް، އަނެކާގެ އިހުސާސްތައް ދެނެގަނެ، އޯގާތެރިކަން އިސްނުކުރެވޭނަމަ އެއީ “ފެންވަރު” ހުރި މީހެއް ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ.
ގިނަ ސެޓްފިކެޓްތަކެއް ނެތްނަމަ އެއީ “ފެންވަރު ރަނގަޅު” މީހެއް ނޫންކަމަށް ދެކޭ މީހުން ގިނަ ނަމަވެސް އެއީ މުޅިން ހަޤީޤަތެއް ނޫންކަން ހާމަވާ ގިނަ މިސާލުތަކެއް މުޖުތަމަޢުން ދެއްކިދާނެއެވެ. އެންމެ މަތީ ފާސް ނަގައިގެން ކިޔަވައިދޭ ޓީޗަރަށް އެޔަށްވުރެ ތަޢުލީމީ ގޮތުން ދަށް ޓީޗަރު ބުނެދޭހާ ފަސޭހަކޮށް، ދަރިވަރުންނަށް ފަސޭހައިން ފަހުމުވާގޮތަށް ބުނެދޭން ނޭނގޭ ފަހަރު ވަރަށް ގިނައިން ދިމާވެއެވެ. މިކަމުންވެސް ހާމަވަނީ މީހެއްގެ ފެންވަރު ދައްކުވައިދެނީ ހަމައެކަނި ސެޓްފިކެޓަކުން ނޫންކަމެވެ.
ސެޓްފިކެޓަކީ މީހާގެ ތަޢުލީމީ ހަރުފަތް އަންގައިދޭ މުހިންމު ލިޔުމެއް ކަމާމެދު ޝައްކެއް ނެތެވެ. އެއީ ވަޒީފާގެ ދޮރުތައް ހުޅުވައިދޭ ތަޅުދަނޑިއެކެވެ. ނަމަވެސް އެ ދޮރުން އެތެރެވުމަށްފަހު އެތަނުގައި ހިފަހައްޓައިދެނީ އެމީހެއްގެ ކިބައިގައި ހުންނަ އަޚުލާޤާއި މަސައްކަތަށް ހުންނަ ފަރުވާތެރިކަމެވެ. އެހެންކަމުން، މީހެއްގެ ފެންވަރު ވަޒަންކުރަންވާނީ ހަމައެކަނި އޭނާގެ އަތުގައި އޮތް ސެޓްފިކެޓަކުން ނޫނެވެ. އޭނާގެ އުޅުމާއި، ގުޅުމާއި، އަދި މުޖުތަމަޢަށް އޭނާގެ ފަރާތުން ލިބޭ މަންފާގެ މައްޗަށް ބިނާކޮށެވެ. ހަޤީޤީ ފެންވަރަކީ އިންސާނާގެ ޝަހުސިއްޔަތެވެ.
