އަޖޭ ދޭވްގަން 2003 ވަނަ އަހަރުގެ “ބޫތު” އަށް ފަހު އަނެއްކާވެސް ބިރުވެރި ޖޮންރާއަށް އެނބުރި އަންނަނީ، “ސަރްދާރްޖީ” ފްރެންޗައިޒް ޑައިރެކްޓް ކުރި ރޯހިތު ޖުގްރާޖާ ގުޅިގެން ހައި-ކޮންސެޕްޓް ހޮރާ ފިލްމެއް ހެދުމަށެވެ.
ކުމާރް މަންގަތު ޕްރޮޑިއުސްކުރާ މި ފިލްމަށް އަދި ނަމެއް ހަމަޖެހިފައި ނުވާ އިރު، ފިލްމު މިހާރު ވަނީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ. މި ޕްރޮޖެކްޓާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި “މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ އެޓްމޮސްފެރިކް ސްޓޯރީޓެލިންގެ މައްޗަށް، އާންމު ހޮރާ ފިލްމުތަކާ ތަފާތު ގޮތަކަށް. ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާނީ ލަންޑަނުގައި، އަދި މިހާރު ޓެކްނިކަލް ޑިޕާޓްމަންޓްތަކާއި ސްކްރީންޕްލޭ ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން” ކަމަށެވެ.
ފިލްމުގެ ކާސްޓިންގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. އަޖޭ ދޭވްގަންގެ ސްކްރީން ޕްރެޒެންސާ ގުޅޭ އެންސެމްބަލް ކާސްޓެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ އިރު، އާ ޓެލެންޓުން ހިމެނުމަށް ވެސް ބެލެވެއެވެ. ފިލްމުގެ ނަމަކީ ޝައުގުވެރި ނަމެއް ކަމަށާއި، އެ ނަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ޖުލައިގައެވެ.
އަޖޭ ދޭވްގަން މިހާރު ޝޫޓް ކުރަމުން ދަނީ އަކްޝޭ ކުމާރާ އެކު “ގޯލްމާލް 5” އެވެ. ރޯހިތު ޝެޓީގެ އެ ފްރެންޗައިޒް ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 2027 ގައެވެ.
