މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން، ނަފްސާނީ ގޮތުން މީހަކު ބަލިކޮށްލުމަކީ ލޯތްބެއް ނޫނެވެ. އެއީ ހެޔޮއެދޭ ކަމަށް ހެދިގެން ހުރެ މީހާގެ މައްޗަށް ބާރު ފޯރުވުމެވެ.
މިއީ އެތައް އަންހެނުންނެއްގެ ދިރިއުޅުން އެތެރެއެތެރެއިން ހަލާކުވަމުންދާއިރުވެސް، އެ ގުޅުންތަކުގެ ތެރޭގައި ތާށިވެފައި ތިބެންޖެހޭ މައިގަނޑު އެއް ސަބަބެވެ. ކޮންމެ މައްސަލައެކަށްފަހު ފައިސާ އުކާލާއުސޫލު އަދި ކޮންމެ ޒުވާބަކަށްފަހު އަގުބޮޑު ހަދިޔާތައް ގަނެދިނުމެވެ.
ބިލްތައް ދައްކައިދީފައި، ކިޔާނެއެއްޗެއް ކިޔަން ބޭނުން ގޮތަކަށް ކަންތައް ކުރަން ރަސީދެއްގެ ގޮތުގައި އެކަން ބޭނުންކުރެއެވެ. އަދި އޭނާގެ ފަރާތުން ލިބޭ ނަފްސާނީ އަނިޔާއާއި، މީހާ ނިކަމެތިކޮށްލުމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލުވާލާ އަންހެންމީހާ ވާހަކަ ދައްކަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، “އަހަރެން ކަލެއަށްޓަކައި ހުރިހާ ކަމެއް ކޮށްދެމެއްނު” އޭ ބުނެ އޭނާގެ އެންމެ ވަރުގަދަ ހަތިޔާރު ނަގައެވެ.
އަގުބޮޑު ދަބަހަކުން، ރޭގަނޑު ރޮއިރޮއި އޮންނަންޖެހޭ ހިތްދަތިކަމަށް ޝިފާއެއް ލިބޭނެތޯއެވެ؟.އަދި ގޭގެ ކުލި ދައްކައިދިނުމަކީ، އަމިއްލަ ސިކުނޑީގެ ހަމަޖެހުމާމެދު ސުވާލު އުފެދޭ މިންވަރަށް ބުނާ ހިތްދަތި ބަސްތަކަށް އޮތް ބަދަލެއް ތޯއެވެ؟.
އެ އެއްޗެހި ދެނީ ލޯބިވާތީއެއް ނޫނެވެ. އެ އެއްޗެހި ދެނީ، އެއްވެސް ޒިންމާދާރުކަމެއް ނެތި އަންހެންމީހާއަށް އަނިޔާކުރުމުގެ ހުއްދަ “ގަތުމުގެ” ގޮތުންނެވެ.
މިއީ ދީލަތިކަމެއް ނޫނެވެ. މިއީ އަންހެންމީހާ އެ ގުޅުމުގެ ތެރޭގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ހިންގާ މުއާމަލާތެކެވެ. މާލީ ގޮތުން އެހީތެރިވަނީ އެ ގުޅުން ދޫކޮށްލާފައި ދިއުމަކީ ނުވާނެ ކަމެއް ކަމަށް ހީކުރުވުމަށެވެ. އަދި ނަފުސާނީ ގޮތުން އޮޅުންބޯޅުންގަނޑެއްގެ ތެރެއަށް ވައްޓާލަނީ އެއީ ހަގީގަތުގައިވެސް އަނިޔާވެރި ގުޅުމެއްކަން ޔަގީންކުރަން އަންހެންމީހާއަށް އުނދަގޫވާ މިންވަރަށެވެ.
އެ މީހެއްގެ ފަރާތުން ހުރިހާ އުފަލެއް ލިބޭކަމަށް ދުނިޔެއަށް ފެންނައިރު، ހަމަ އެމީހާ އަންހެންމީހާގެ ދިރިއުޅުން ހަލާކުކުރާ ވާހަކަ ދެން ތިބޭ މީހުންނަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އެކަކުވެސް އެކަން ގަބޫލެއް ނުކުރާނެ ނޫންހެއްޔެވެ.
އެހެން މީހުންނަށް ފެންނާނީ ލިބޭ ހަދިޔާތަކާއި، އުޅޭ މުއްސަނދި ދިރިއުޅުމެވެ. އެހެންކަމުން އަންހެންމީހާއީ ނަސީބުވެރިއެއް ކަމަށާއި، ޝުކުރުވެރިވާންޖެހޭނެ ކަމަށް ގިނަ މީހުން ނަސޭހަތްތެރިވެއެވެ. ނަމަވެސް ބަންދުވެފައިވާ ދޮރުތަކުގެ ފަހަތުގައި އަންހެނަކު ކުރާ ހިތްދަތި ތަޖުރިބާތަކެއް މީހުންނަކަށް ނުފެންނާނެއެވެ. އަބަދު ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހުމާއި، މޮޔަވެފައިވާ މީހެއް ފަދައިން އިހުސާސްކުރުވާ އިހުސާސްތަކެއް އެމީހުންނަކަށް ނޭނގޭނެއެވެ. ފިރިމީހާ ހަމަޖެހިލައިގެން ނިދާފައި އޮންނައިރު، އަންހެންމީހާ ގިނަފަހަރު ނުނިދިފައި ހިތް ފުނޑުފުނޑުވެގެން އެތައް ރެޔަކު އޮވެއެވެ. ލޯބީގެ ތެރޭގައި ހިސާބުކިތާބު ބަލަންޖެހޭނަމަ އެއީ ލޯތްބެއް ނޫނެވެ. ދީލަތިކަމާއެކު ޝަރުތުތަކެއް އަންނަނަމަ، އެއީ ދިނުމެއް ނޫނެވެ، އެއީ ގަތުމެކެވެ.
އަދި އެ ހަދިޔާތަކުން މިކަހަލަ ފިރިން އެންމެ އަގުބޮޑުކޮށް ގަންނަ އެއްޗަކީ އަންހެންމީހާގެ ހަނުހުރުމެވެ.
މިފަދަ އަނިޔާވެރި ހިތްދަތި ދިރިއުޅުމަކުން ބޭރުވުން ނުހަނު މުހިންމެވެ. ސަބަބަކީ ތިމާގެ އަމިއްލަ ނަފްސާއި ކަރާމާތް ގެއްލުވާލާފައި ހޯދޭނެ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ނޯންނާނެތީއެވެ.
