ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލިނޫރު” ނަމުގައި އަމިއްލަ ރާގުގެ ދިވެހި މަދަހަ އަލްބަމެއް ނެރެފި

ސްރީލަންކާގައި ދިރިއުޅޭ މަޝްހޫރު މިއުޒިޝަން އިބްރާހީމް ނިފާރު (ތިއްތި) އިސްނަގައިގެން ތައްޔާރުކުރި ސައްތައިން ސައްތަ އަމިއްލަ ދިވެހި ރާގުގެ މަދަހަ އަލްބަމް “އަލިނޫރު” ނެރެފިއެވެ.

“މިނިމް ސްޓޫޑިއޯ”އިން ތައްޔާރުކުރި މި އަލްބަމް ނެރުނީ 14 މާރިޗު 2026 ގައި ކަމަށް ނިފާރު ބުނެފައިވެއެވެ. ޖުމްލަ ފަސް މަދަހަ ހިމެނޭ މި އަލްބަމުގެ ލީޑް ބައި ކިޔާފައިވަނީ ސްރީލަންކާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންތަކެކެވެ. އެ ކުދިންނަކީ ޝަމްހާން ވަހީދު، މަރްޔަމް މިސްކް މުރުޠަޟާ، ފާތިމަތު ވަފާ ޢަބްދުލް ވާހިދު، މަރްޔަމް އަޝާ އާމިރު އަދި ފާތިމަތު ޒޯޔާ މުޙައްމަދެވެ. ހާމަނީ ބައި ކިޔާފައިވަނީ އިބްރާހީމް ވަހީދާއި ޖައުފަރު ޝަފީއުއެވެ.

ނިފާރު ބުނި ގޮތުގައި އައު ކުދިންތަކަކަށް މި ފުރުސަތު ދިނީ މި ދާއިރާއަށް އައު ފަންނާނުންތަކެއް ނެރުމުގެ މަގުސަދުގައާއި ކުދިންގެ ހުންނަ ހުނަރު ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައެވެ.

މި އަލްބަމުގެ މަދަހަތައް ހައްދަވާފައިވަނީ މަޝްހޫރު ޅެންވެރިޔާ ﷲ އަބްދުއް ރަޝީދު (ލިނެޓް) އާއި އައްޝައިޚު މުހައްމަދު އަފުޒަލް އަދި އިބްރާހީމް ވަހީދެވެ.

ރަމަޟާން މަހު މަޝްވަރާތައްކުރެވިގެން ފެށި މި މަސައްކަތުގެ އޯޑިއޯ ރެކޯޑިންގ އަދި ވީޑިއޯ ނެގުން ވެސް ރޯދަ މަސް ނިމުމުގެ ކުރިން ނިންމައި، އަލްބަމް ނެރުމުގެ ހަފުލާ ބާއްވާފައިވެއެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދިނީ މަޝްހޫރު ޅެންވެރިޔާ އަދި ކުޅިވަރު ދަނޑުގެ އެކުވެރި ޑޮކްޓަރު އަހުމަދު ޝަކީބެވެ. ޚާއްސަ މެހެމާނެއްގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ވެސް އެ ހަފުލާގައި ބައިވެރިވެފައިވެއެވެ.

މި އަލްބަމުގެ އެއް ހިއްސާދާރަކީ މުހައްމަދު އަބްދުއްސައްތާރު (ނިއޯ) ކަމަށާއި، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ އިސްވެރިޔާ މަސްއޫދު އިމާދާއި ތާޑް ސެކްރެޓަރީ އާމިނަތު ޝަރުމީލާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ނިފާރު ބުނެފައިވެއެވެ. މީގެ އިތުރުން ޕިންކް ބެލާ ފިހާރަ، ފިލިވޮށި ޖުވެލަރީ އަދި އެވިޑް ކޮލެޖުން ވެސް މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top