ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ބަލިކޮށް އިންޑިޔާ ސެމީ ފައިނަލަށް
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން

ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާނު ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ގުރޫޕް ބީގައި ހިމެނޭ އިންޑިޔާ އާއި ޕާކިސްތާނު މިއަދު ބައްދަލުކުރި މެޗުން އިންޑިޔާ މޮޅުވީ 3-0 އިންނެވެ.

ފުރަތަމަ މެޗުގައި ބަނގުލަދޭޝް އަތުން ބަލިވުމުން، މުބާރާތުގައި ކުރިއަށް ދިއުމަށް ކޮންމެހެން ވެސް މޮޅެއް ހޯދަން މަޖުބޫރު ވެފައިވާ ޕާކިސްތާނު މި މެޗުން ވީ ބައްޔާއިއެކު ވަނީ މުބާރާތުން ކަޓައިފައެވެ.

މި ގުރޫޕްގައި ހިމެނޭ އިންޑިޔާ އާއި ބަނގުލަދޭޝްއަށް، ކޮންމެ ޓީމަކަށް 3 ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމު ބައްދަލުކުރާ މެޗު އޮތީ ކުރިއަށެވެ. ގުރޫޕް ސްޓޭޖްގައި ޕާކިސްތާނު ކުޅެންޖެހޭ ދެ މެޗު ނިމުނުއިރު އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެއެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނު އިންޑިޔާއިން މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 2 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 14 ނަންބަރު ކުޅުންތެރިޔާ ވިޔާސް ޔާދަވް އެވެ. އޭރިޔާ ތެރެއަށް އޭނާއަށް ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ޕާކިސްތާނުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.

ކައުންޓާރ އެޓޭކަށް އިސްކަންދީގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނަށް ވަނީ ލަނޑު ޖަހާނެ އެތައް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އެގޮތުން 14 ވަނަ މިނިޓާއި 22 ވަނަ މިނިޓް އަދި 32 ވަނަ މިނިޓްގައި ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ޕާކިސްތާނަށް ނުހިފުނުއިރު، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހަން އިންޑިއާއަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމަށް ވެސް ނުހިފުނެވެ.

ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ދެވަނަ ހާފުގައި ކުޅުނު ޕާކިސްތާނަށް ލަނޑު ޖަހާނެ ފުރުސަތުތައް މި ހާފުގައި ވެސް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ޕާކިސްތާނަށް ނުހިފި އުޅެނިކޮށް އިންޑިޔާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ.

ކޯނަރަށް އަރައި ޕާކިސްތާނު ކުޅުންތެރިން ތިއްބައި، އިންޑިޔާ ކުޅުންތެރިންނަށް ލިބުނު ބޯޅަ ހިފައިގެން އެ ޓީމުގެ ތިން ކުޅުންތެރިން ކުރިއަށް އަރައި ހޯދި ފުރުސަތުގައި، އިންޑިޔާއަށް މި ލަނޑު ޖަހައިދިނީ 9 ނަންބަރު ކުޅުންތެރިޔާ އޮމަންގް ދޫދޯވް އެވެ.

އިންޑިޔާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންއެވެ. 88 ވަނަ މިނިޓްގައި ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން އޮމަންގް ދޫދޯވް އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top