ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އޭނާގެ އާ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެއެވެ.
ފިލްމުގެ ތަރިންގެ ގޮތުގައި ސަލްމާން ޚާން ނޫން އިތުރު އެއްވެސް ފަރާތެއްގެ މަޢުލޫމާތު ހާމަކޮށްފައި ނުވާ މި ފިލްމުގެ ޝޫޓިން އަންނަ އޭޕްރިލް މަހު 14 ގައި ފަށަން ތައްޔާރުވަމުން އަންނައިރު، މި ފިލްމަކީ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ޝޫޓިންއަށް ތައްޔާރުވުމުގެ ގޮތުން މުމްބާއީގެ ގޮރެގާއޯންގައި ހުންނަ އެސް.އާރު.ޕީ.އެފް ގްރައުންޑުގައި ވަރަށް ބޮޑު ސެޓެއް ހަދަމުން އަންނަކަމަށް ފިލްމާ ގުޅޭ މީހަކު “މިޑް-ޑޭ” އަށް ބުނެފައިވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން އެމީހާ ބުނެފައިވަނީ މިއީ އާދައިގެ ސެޓެއް ނޫން ކަމަށާއި މިއީ ކުޑަ ސިޓީއެއް ކަހަލަ ތަނެއް ކަމަށެވެ. އަދި މި ސެޓު ފަރުމާކޮށްފައިވަނީ ވަރަށް ބޮޑު އެކްޝަން މަންޒަރެއް ދައްކުވައިދޭ ހަމަނުޖެހުން ބޮޑު ސިޓީއެއްގެ ސަރަހައްދެއްގެ ސިފަ ޖެހޭ ގޮތަށް ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
ސެޓް ޑިޒައިން ކުރުމާއި އެކްޝަން ކޮރިއޯގްރަފީ އަދި ކާސްޓިން ފަދަ މުހިންމު ކަންކަން މިހާރު ދަނީ ނިންމަމުން ކަމަށާއި މަޤްސަދަކީ މަސައްކަތް ފަށާއިރު ފުރިހަމައަށް ތައްޔާރުވެފައި އޮތުން ކަމަށްވެސް މައުލޫމާތު ރިޕޯޓްތައް ބުނެއެވެ. މި ވަރުގަދަ އެކްޝަން ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ބޮލީވުޑާއި ދެކުނު އިންޑިއާގެ މަޝްހޫރު ތަރިން ފެނިގެންދާނެ ފިލްމެއް ކަމަށް ވެއެވެ. އަދި މި ފިލްމުގައި ސަލްމާން ކުރިން ނުފެންނަ ތަފާތު ސިފައެއްގައި ދައްކާލުމަށް ޑައިރެކްޓަރު ރާވަމުން ދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އަންނަ 2027 ވަނަ އަހަރު ސިނަމާތަކަށް ގެނައުމަށް އުންމީދުކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ނޭޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ވަމްޝީ ޕައިޑިޕަލީއެވެ. ޕްރޮޑިއުސްކުރަނީ ދިލް ރާޖޫއެވެ.
ސަލްމާން ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ޗިތުރަންގަޅާ ސިންގްއާއެކު “މާތުރުބޫމީ” އިންނެވެ. ކުރިން “ބެޓްލް އޮފް ގަލްވާން” ގެ ނަމުން ނަން ދީފައިވާ މި ފިލްމު ސިނަމާތަކުގައި އަޅުވާ ތާރީޚު ވަނީ އަންނަ އޯގަސްޓް މަހުގެ 14 އަށް ލަސްކޮށްފައެވެ. މިއީ އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ ވަރުގަދަ ހަނގުރާމަ މަތީ އެކްޝަން ފިލްމެކެވެ.
