ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގެ އެއްވަނަ އިންޑިއާއިން ހޯދައިފިއެވެ. ގުރޫޕް ބީގެ ފަހު މެޗުގައި މިއަދު ބައްދަލުކުރީ އިންޑިއާ އާއި ބަންގުލަދޭޝް އެވެ. މިމެޗަށް ނުކުތްއިރު ދެޓީމު ވެސް ވަނީ މިގުރޫޕްގައި ދެން ހިމެނުނު ޕާކިސްތާނާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަ ހޯދައިފައެވެ.
ގުރޫޕްގެ އެއްވަނަ ކަނޑައަޅާ މިމެޗްގެ ފުރަތަމަ ލަނޑު ޖެހީ، މެޗު ފެށީއްސުރެ ރަނގަޅަށް ކުޅެމުން އައި އިންޑިއާއިންނެވެ. 15 ވަނަ މިނިޓްގައި އިންޑިއާއަށް ލިބުނު ކޯނަރު ގޯލް ކުރިމައްޗަށް ނަގައިދިނުމުން، ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ ވިޝާލް ޔާދަވް އެވެ. މިއީ މި މުބާރާތުގައި ވިޝާލް ޔާދަވް ޖެހި ދެވަނަ ލަނޑެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ބަނގުލަދޭޝްއިން މަސައްކަތް ކުރަމުން ދިޔައިރު، ނަތީޖާގެ ފަރަގު ބޮޑުކުރުމަށް އިންޑިއާއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބި ބޭނުން ނުކުރެވިދިޔަ މިމެޗަކީ ހަމަނުޖެހުން ބޮޑު މެޗެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަންގުލަދޭޝްގެ ކޯޗާއި އިންޑިޔާގެ އޮފިޝަލަކަށް ވަނީ ރަތް ކާޑް ވެސް ދައްކައިފައެވެ.
އިންޑިއާއަށް ދޫދިނުމެއްނެތި ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ބަނގުލަދޭޝްއަށް އެކަން ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ބަންގުލަދޭޝްއަށް ލިބުނު ކޯނަރު، ބެންޖަމިން ސުލިވާން ގޯލް ކުރިމައްޗަށް ނަގައިދިން ވަގުތު ބޯޅަ ދިފާއުކުރަން މަސައްކަތްކުރި އިންޑިއާ ކުޅުންތެރިންގެ ތެރެއިން، ބޯޅަ ލިބުނީ ބަންގުލަދޭޝްގެ އަބްދުލް ރިޔާދު ފަހީމްއަށެވެ. ފަހީމް ވަނީ އެއްފަހަރުން ޖަހައި އެބޯޅަ ގޯލަށް ވައްދާލާފައެވެ.
ފުރަތަމަ ހާފު 1-1 އިން ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެޓީމަށް ލިބުނެވެ.
ދެވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންޑިޔާއަށެވެ. ލާސްޓް ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލަން އިންޑިއާ ކުޅުންތެރިޔާ އޮމަންގު މަސައްކަތްކުރި ބޯޅަ، ބަންގުލަދޭޝްގެ ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ބަނގުލަދޭޝްއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިންޑިއާގެ ކީޕަރެވެ.
މިމެޗް އެއްވަރުވުމުން، ދެޓީމަށް ލިބުނު ޕޮއިންޓް އެއްވަރުވެ އިންޑިއާއަށް ގުރޫޕްގެ އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިމުބާރާތުގެ މެޗެއް ދެން އޮންނަނީ 1 އޭޕްރީލް 2026 ދުވަހު ހަވީރުއެވެ. އެދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނޭޕާލާއި ބަނގުލަދޭޝް އެވެ.
