ހިންދީ ފިލްމު “އަގްނި ސާކްޝީ” އަކީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓެކެވެ. އަނިޔާވެރި ފިރިއެއްގެ ކިބައިން ސަލާމަތްވުމަށް އަމިއްލަ މީހާގެ އަސްލު އޮޅުވާލައިގެން އުޅޭ އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި މަނީޝާ ކުޅުނު ޝިވާންގީގެ ރޯލުން އޭނާ ވަނީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ.
* ޝިވާންގީގެ ރޯލަށް ތަރިން ހޮވުން
ޝިވާންގީގެ ރޯލު ފުރަތަމަ ހުށަހެޅީ މާދޫރީ ޑިކްޝިޓް އަށެވެ. ނަމަވެސް އޭރު އޭނާ “ޔާރާނާ” ގެ މަސައްކަތުގައި ބުރަކޮށް އުޅޭތީ ވަނީ މި ފިލްމަށް ނޫނެކޭ ބުނެފައެވެ. ދެން އެ ރޯލު ހުށަހެޅީ ޖޫހީ ޗާވްލާއަށެވެ. ޖޫހީ ވަނީ އޭނާ އޭރު ކުޅެމުންދިޔަ “ދަރާރް” ފިލްމާއި ވާހަކަ އެއްގޮތްކަމުން ބެލުންތެރިން އޭނާ އެއް ރޯލަކުން ދެފަހަރަށް ފެންނަން ބޭނުން ނުވާނެކަމަށް ބުނެ މި ފިލްމަށް ނޫނެކޭ ބުނެފައެވެ. މަނީޝާއަށް މި ރޯލު ލިބުނީ ދެނެވެ.
* ހޮލީވުޑް ފިލްމު “ސްލީޕިން ވިތު ދި އެނެމީ”ގެ ހިންދީ ރީމޭކެއް
މިއީ ހޮލީވުޑް ސައިކޮލޮޖިކަލް ތުރިލާ ފިލްމު “ސްލީޕިން ވިތު ދި އެނެމީ”ގެ ތިންވަނަ ހިންދީ ރީމޭކެވެ. ވަރަށް ކައިރިކައިރީ ރިލީޒްކުރި މި ރީމޭކްތަކަކީ 1995ގެ “ޔާރާނާ” އަދި 1996ގެ “ދަރާރް” އެވެ. އެ ދެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބުވީއިރު “އަގްނި ސާކްޝީ” އަށް ވަނީ ބޮކްސް އޮފީހުގައި “ބްލޮކްބަސްޓާ” އެއްގެ ދަރަޖަ ލިބިފައެވެ.
* މަނީޝާއާއި ނާނާ ޕަޓޭކަރްގެ ލޯބީގެ ގުޅުން
މި ފިލްމު ކުޅުނު ދުވަސްވަރު މަނީޝާއާއި ނާނާ ޕަޓޭކަރްގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ ވަރަށް މަޝްހޫރުވި ވާހަކައެކެވެ. އެ ދެމީހުން ކައިވެނިވެސް ކުރަން އުޅުނު ވާހަކަ ވަރަށް ގަދައަށް ދެކެވެމުން ދަނިކޮށް އެ ގުޅުމަށް ވަނީ ނިމުން އައިސްފައެވެ. ޚަބަރުތައް ބުނާގޮތުން އެ ދެމީހުން ވަކިވީ ނާނާގެ ސިއްރު ލޯބިވެރިއެއްގެ ކަންތައް މަނީޝާއަށް ފަޅާއަރައިގެންނެވެ. ނަމަވެސް ފަހުން މި ވާހަކަތައް ވަނީ ތުންތުންމަތިން އިވުނު އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެއްގެ ގޮތުގައި އާންމުވެފައެވެ.
* ފިލްމުގެ ލަވަތައް
ނުވަދިހައިގެ އަހަރުތަކުގެ އެންމެ މަޤުބޫލު ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދިން ނަދީމް-ޝްރަވަންގެ މިއުޒިކް އިވިގެން ދިޔަ މި ފިލްމުގެ ލަވަތައް ވަރަށް މަޝްހޫރުވިއެވެ. އޭގެ ތެރެއިންވެސް “އޯ ޕިޔާ އޯ ޕިޔާ” އަދި “އޯ ޔާރާ ދިލް ލަގާނާ” ޚާއްސަކޮށް ފާހަގަކޮށްލެވުނެވެ. މި ފިލްމުގެ ލަވަތައް ކިޔައިދީފައިވަނީ ބާބުލް ސުޕްރިޔޯ، ކަވީތާ ކްރިޝްނަމުރްތީ، ޖޮލީ މުކަރްޖީ، ސޯނޫ ނިގަމް، އަލްކާ ޔަގްނިކް، ކުމާރް ސާނޫ، ވިނޯދު ރާތޯޅް އަދި އަލީޝާ ޗިނޯއީއެވެ.
މި ފިލްމުގެ ލަވަ އަލްބަމް ވަނީ އެ އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު 10 ފިލްމީ ލަވަ އަލްބަމްތަކުގެ ލިސްޓުގެ ތިންވަނައިގައެވެ.
* މި ފިލްމުގައި ދެއްކި މޮޅު އެކްޓިންއަށް ނާނާ ޕަޓޭކަރްއަށް ވަނީ 1997 ވަނަ އަހަރުގެ ނެޝަނަލް އެވޯޑްގައި ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިފައެވެ.
މީގެ 30 އަހަރު ކުރިން 29 މާރިޗު 1996 ގައި ރިލީޒްކުރި “އަގްނި ސާކްޝީ” އަކީ ރަންބީރް ޕުޝްޕް އާއި ހްރިދޭ ލާނީގެ ސްކްރީންޕްލޭއަކަށް ޕަރްތޯ ގޯޝް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. ޕްރޮޑިއުސްކުރީ ނޭހާ ފިލްމްސްގެ ކުޑައިގެ ދަށުން ބިންދޫމާދަވް ތާކްރޭއެވެ.
