މަޝްހޫރު ފިލްމު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އުފައްދާ ފުރަތަމަ ވެބް ސީރީޒް “ޕްރީތަމް އެންޑް ޕެޑްރޯ” އަންނަ ޖުލައި މަހު ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު މި ވެބް ސީރީޒްގެ ޓްރެއިލާގައި، އަރުޝަދު ވަރްސީ ފެންނަނީ “ޕެޑްރޯ” ނަމަކަށް ކިޔާ ކްރައިމް ބްރާންޗް އޮފިސަރެއްގެ ރޯލުންނެވެ. އޭނާ ސައިބަރ ސެލްއަށް ބަދަލުވުމުން، ކޮމްޕިއުޓަރާއި ޑިޖިޓަލް ތަހުގީގުތަކަށް އަހުލުވެރި ނުވުމުގެ ސަބަބުން ދިމާވާ މަޖާ އަދި އުނދަގޫ ހާދިސާތަކެއް ޓްރެއިލާގައި ހިމަނާފައިވެއެވެ.
މި ސީރީޒްގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ސިޔާސީ ބޭފުޅެއްގެ ދަރިއަކު ރަހީނުކުރާ މައްސަލައެއް ހައްލުކުރުމަށް ޕެޑްރޯ އާއި “ޕްރީތަމް ޕާކާ” (ވީރް ހިރާނީ) ގުޅިގެން ކުރާ މަސައްކަތުގެ މައްޗަށެވެ. ޕްރީތަމް އަކީ މޮޅު އެތިކަލް ހެކަރެކެވެ. މި ދެމީހުންނަށް ކުރިމަތިލާން ޖެހެނީ ވިކްރަންތު މަސީ ކުޅޭ ނުރައްކާތެރި ހެކަރަކާއެވެ.
މި ސީރީޒާ ބެހޭގޮތުން ވާހަކަ ދައްކަމުން ރާޖްކުމާރު ހިރާނީ ބުނީ، މިއީ ތަފާތު ދެ ދުނިޔެއަކުން އައިސްފައިވާ ދެމީހެއްގެ މެދުގައި އުފެދޭ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ޝައުޤުވެރި ވާހަކައެއް ކަމަށެވެ. އަރުޝަދު ވަރްސީ ބުނިގޮތުގައި އޭނާގެ ކެރެކްޓަރަކީ އެއްވެސް ކަމަކާ މާ ބޮޑަށް ނުވިސްނާ، އޭނާގެ ހިތް ބުނާގޮތަށް ކަންކަން ކުރާ މީހެކެވެ.
މި ސީރީޒުން ބޮޑު ރޯލަކުން ފުރަތަމަ ފަހަރަށް ފެނިގެންދާ ވީރް ހިރާނީ ބުނީ، މިއީ އިންޑިއާގެ މޮޅު އެކްޓަރުންނާއި ފަންނާނުންގެ ފަރާތުން އުނގެނުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ވިކްރަންތު މަސީ ފާހަގަކުރި ގޮތުގައި މި ސީރީޒަކީ ހިނިތުންވުމާއި، ސަސްޕެންސް އަދި އަސަރުގަދަ ހާދިސާތަކެއް އެކުލެވިގެންވާ ތަފާތު އުފެއްދުމެކެވެ.
ގޯއާގައި މަންޒަރުތައް ނަގާފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ އަވިނާޝް އަރުންއެވެ. މީގެ އިތުރު ރޯލުތަކުން މޯނާ ސިންގް، ބޯމަން އިރާނީ، ސަތުޔަދީޕް މިޝްރާ، ޝްރުތީ މަރާތޭ އަދި ރާޖޭޝް ޝަރުމާ ފެނިގެންދާނެއެވެ.
“ޕްރީތަމް އެންޑް ޕެޑްރޯ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު ޖިއޯހޮޓްސްޓާ މެދުވެރިކޮށެވެ.
