ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ތިބާގެ ލޯތްބަށްޓަކައި – ކުރު ވާހަކަ

– އެންމެ ފަހު ނޭވާއާ ހަމައަށް

މާލޭގެ ހަލަބޮލި މާހައުލެއްގެ ތެރޭގައި، ހެންވޭރު ގޯޅިގަނޑެއްގެ ތިން ކޮޓަރީގެ ކުޑަ ގެއެއްގައި ހަމްދާ ޢަބްދުﷲ ދިރިއުޅެމުންދެއެވެ.  އޭނާއަކީ ދީންވެރި، ހިތްހެޔޮ، އަދި ލަދުވެތި ކުއްޖެކެވެ. ނިވާކަންބޮޑު ހެދުމާއި ބުރުގާއިން ޒީނަތްތެރިވެގެން ހުންނަ ހަމްދާ، ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ދުވަސް ފަށަނީ ﷲ އަށް ހަމްދުކުރަމުންނެވެ. ނަމަވެސް އޭނާގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލައެއް ނެތެވެ. ތިން އަހަރު ކުރިން އޭނާގެ ބައްޕަ ނިޔާވުމާއި ގުޅިގެން، ގޭގެ ހުރިހާ ޒިންމާއެެއް ހަވާލުވީ ބޭބެ ހާމިދު ޢަބްދުﷲ އާއެވެ. ކިބުރުވެރި އަދި ހަރުކަށި މިޒާޖެއްގެ ހާމިދުގެ ހިތުގައި ކޮއްކޮއަށްޓަކައި އެއްވެސް ކުލުނެއް އަދި ލޯތްބެއް ނެތެވެ. މި ހިތްދަތިކަމުގައި ހަމްދާއަށް އޮތް ހަމައެކަނި ހިތްވަރަކީ ޚާލިޤުވަންތަ މާތް ﷲގެ ހަޟްރަތަށް ކުރާ ދުޢާއެވެ.

ހަމްދާމެންގޭގެ ކުރިމަތީގައި ހުރި އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅެނީ ސާރިމް ޢަލީއެވެ. އޭނާއަކީ ރަށުން މާލެއަށް ވަޒީފާ ހޯދަން އައި، އެކަނިވެރި ދިރިއުޅުމަކަށް އާދަވެފައިވާ ޒުވާނެކެވެ. ބޭރުފުށުން ހިތްހަރު، މަޑުމައިތިރި މީހެއްގެ ގޮތުގައި ފެނުނަސް، ސާރިމްގެ ހިތުގައި ފޮރުވިފައިވާ ބޮޑު ހިތާމައެއްވެއެވެ. ކުޑައިރު އާއިލާގެ އަޅާލުމުން މަހުރޫމުވުމުގެ ސަބަބުން، ދިރިއުޅުމުގައި އުފާވެރިކަމެއް އަތުވެދާނެކަމުގެ އުންމީދު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފުރަތަމަ ފަހަރަށް ސާރިމް ފެނުމުން ހަމްދާގެ ހިތަށް ބަޔާންކުރަން ދަތި އިހުސާސެއް ކުރެވުނެވެ. ނަމަވެސް، ވަގުތުން އިސްޖަހާލައި ﷲ ގެ ހަޟްރަތުން ހަމްދާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރިއެވެ. ދީންވެރި ކުއްޖެއްގެ ހިތަށް މިފަދަ ޚިޔާލެއް އައުމުން އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، މި ދެ ޒުވާނުންގެ ދިރިއުޅުން އެއް މަގަކުން ބައްދަލުވާން ފެށިއެވެ. ކޮންމެ ދުވަހަކު ހެނދުނު ގޯޅިގަނޑުގެ ތެރެއިން ދެމީހުން ދިމާވެއެވެ. ހަމްދާ ކިޔަވަން ދާއިރު، ސާރިމް ދަނީ ވަޒީފާއަށެވެ. ކޮންމެ ފަހަރަކުވެސް ހަމްދާ ލޯ ތިރިކޮށްލާއިރު، ސާރިމްގެ ހިތުގައި އާދަޔާ ޚިލާފު ތެޅުމެއް އުފެދެއެވެ. ނަމަވެސް ދެފަރާތުންވެސް ފެންނަނީ މަޑުމައިތިރިކަމެވެ.

އެއްދުވަހެއްގެ ހަވީރު، ހަމްދާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް އޭނާގެ އަތުގައި ހުރި ފޮތްތައް ބިންމައްޗަށް ވެއްޓި ކަރުދާސްތައް ވަޔާ ބުރައިގެންދިޔައެވެ. އެ ވަގުތު އެތަނުން ދިޔަ ސާރިމް ހުއްޓި، އޯގާތެރިކަމާއެކު އެ ކަރުދާސްތައް ހޮވައިދިނެވެ. ދެމީހުންގެ ލޯ ބައްދަލުވި އެ ކުޑަ ހިނދުކޮޅުގައި ދެ ހިތުގެ ވިންދު އަވަސްވެގެންދިޔައެވެ. ހަމްދާ މަޑުމައިތިރި އަޑަކުން “ޝުކުރިއްޔާ” އޭ ބުނުމުން، ސާރިމް ބޯޖަހާލުމަށްފަހު ހިނގައިގަތެވެ. މި ހާދިސާއަށްފަހު ހަމްދާ ކަންބޮޑުވެ، ގެއަށް ގޮސް ވުޟޫކޮށް ނަމާދުކޮށް، އޭނާގެ ހިތް ސާފުކޮށްދެއްވުމަށް އެދި ދުޢާކުރިއެވެ. ސާރިމްވެސް އެ ރޭ ކޮޓަރީގައި ހުރެ، ހަމްދާގެ އެ ލަދުވެތި ސޫރައާ މެދު ފުންކޮށް ވިސްނާލިއެވެ.

ނަމަވެސް، މިކަމުގެ ސަބަބުން ހަމްދާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަމިއްލަ ހިތަށް ވެރިވާ ކޮންމެ ޚިޔާލެއް ﷲ ދެނެވޮޑިގެންވާކަން އޭނާއަށް އެނގެއެވެ. ވަގުތުން ގެއަށް ގޮސް ވުޟޫކޮށް ދެ ރަކްޢަތް ނަމާދުކޮށް، ހިތް ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރިއެވެ. ނަމަވެސް ސާރިމްގެ ސޫރަ އޭނާގެ ޚިޔާލުން ފިލައިގެނެއް ނުދިޔައެވެ.

ސާރިމްގެ ހާލަކީވެސް އެއީއެވެ. ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭރު ބަލަހައްޓައިގެން ހުރިއިރު، މާޒީގެ ހިތި ހަނދާންތަކުގެ ބަދަލުގައި އޭނާގެ ހިތުގައި ކުރެހެމުންދިޔައީ ހަމްދާގެ އެ މަޑުމައިތިރި އަދި ލަދުވެތި ސޫރައެވެ.

ހަފުތާތައް ފާއިތުވަމުން ދިޔައިރު، ގޯޅިގަނޑުގެ ތެރެއިންނާއި ފިހާރަ ކައިރިން ދެމީހުން ދިމާވެއެވެ. ނަމަވެސް ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހަމްދާ އަބަދުވެސް އިސްޖަހާލައިގެން ހުންނައިރު، ސާރިމްގެ ހިތުގައި ކޮންމެ ފަހަރަކުވެސް އާ އިހުސާސެއް އުފެދެއެވެ.

އެއްރެއަކު، ހާމިދުގެ ރަހުމަތްތެރިންގެ މެދުގައި ސާރިމްގެ ވާހަކަ ދެކެވުނެވެ. ސާރިމް ދިރިއުޅޭ އިމާރާތުގައި އުޅޭ ޝިޔާދު، ހާމިދު ގާތު ބުންޏެވެ. “ހާމިދު، ތިގޭ ކުރިމަތީ ބިލްޑިންގްގަ ހުންނަ ސާރިމް ދަންނަންތަ؟ ރަނގަޅު ކުއްޖެއް. ވަޒީފާވެސް ރަނގަޅު. ހިތް ސާފު ކުއްޖެއް.”

ދެތިން ދުވަސް ފަހުން، ހާމިދު ސާރިމްގެ ގެއަށް ދިޔައެވެ. ސާރިމް ދޮރު ހުޅުވާލުމުން، ހާމިދު ހިނިތުންވެލަމުން ބުންޏެވެ. “ސާރިމް ދޯ؟ އަހަންނަކީ ހާމިދު. ހަމްދާގެ ބޭބެ. އަހަރެން ވަދެލަންތަ؟”

ދެ ތިން ހަފްތާ ތެރޭ، ހާމިދު ސާރިމްގެ ރަހްމަތްތެރިއަކަށް ވިއެވެ. ދެ ޒުވާނުން ދިމާ ވަމުން ދިޔައެވެ. ވާހަކަ ދެކެވެމުން ދިޔައެވެ. ހާމިދުގެ ނިޔަތް ސާރިމްއަކަށް ނޭނގެއެވެ.

އެއް ދުވަހެއްގެ ހަވީރު، ހާމިދު ސާރިމް ގާތު ބުންޏެވެ. “ސާރިމް، އަހަރެންގެ ކޮއްކޮ ހަމްދާ ދަންނަންތަ؟ މިގޭގެ ކުރިމަތީގައި ހުރި ގޭގައި ދިރިއުޅޭ ކުއްޖެއް.” ސާރިމްގެ ހިތުގެ ތެރޭގައި ކޮންމެ ވެސް ކަމެއް ތެޅިލި ނަމަވެސް، މަޑުމައިތިރިކަމާއެކު ބުންޏެވެ.

“ފެނޭ ދޭތެރެ ދޭތެރެ އިން.” ސާރިމް އެހެން ބުނުމުން ހާމިދު ހިނިތުންވެލިއެވެ.

“ރަނގަޅު ކުއްޖެއް. ދީންވެރި ކުއްޖެއް. ކިޔަވާ ކުއްޖެއް. ސާރިމް ކައިވެނި ކުރަން ވިސްނަންތަ؟” ހާމިދު ބުނެލިއެވެ. ސާރިމް ހައިރާންވެފައި، މަޑުމައިތިރި ރާގަކަށް ބުންޏެވެ. “އުހުން، އަހަރެން މިވަގުތު ކައިވެންޏަކަށް ތައްޔާރެއް ނޫން.”

ހާމިދު ހިނިތުންވެ ހުރެ ވާހަކަ ބަދަލުކޮށްލި ނަމަވެސް، އޭނާގެ ރޭވުން ހުއްޓައެއް ނުލައެވެ. އޭނާ ތަކުރާރުކޮށް ސާރިމް ގާތު ހަމްދާގެ މާތް ސިފަތަކުގެ ވާހަކަ ދައްކަން ފެށިއެވެ. ސާރިމްގެ ހިތުގައި ހަމްދާއަށްޓަކައި ލޯބި އުފެދެމުން ދިޔަ ނަމަވެސް، އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނީ ހަމްދާ ފަދަ ކުއްޖަކު އޭނާއަށް ހައްޤު ނޫން ކަމަށެވެ.

އެއްރެއަކު ދަންވަރު، ހަމްދާގެ ގޭގެ ތިރީ ފަންގިފިލާގައި ބާރަށް ހަޅޭއްލަވާ އަޑު ސާރިމްގެ ކަންފަތަށް އިވުނެވެ. ކުޑަދޮރުން ބަލާލިއިރު، ހާމިދާއި އޭނާގެ ދެތިން ރަހުމަތްތެރިން ހަމްދާގެ ގޭގެ ދޮރުމަތީގައި ތިއްބެވެ. ހަމްދާ ބިރުން ރޮމުން ދޮރު ހުޅުވަން އިންކާރު ކުރަމުންދިޔައެވެ. ސާރިމް ވަގުތުން ތިރިއަށް ފައިބައި، ހާމިދުގެ ކުރިމައްޗަށް ހުއްޓި ބުންޏެވެ. “ހާމިދު، ދަންވަރު ގޭ ދޮށުގައި ތިގޮތަށް ތިބުން ރަނގަޅެއް ނޫން. ދޭ ގެއަށް!”

ހާމިދު ހިތްހަމަނުޖެހިފައި ބުންޏެވެ. “މިއީ އަހަރެންގެ ކޮއްކޮ. އަހަރެން ބޭނުން ގޮތަކަށް އަހަރެން ކަންތައް ކުރާނީ.” ސާރިމް ހިތްވަރާއެކު ބުންޏެވެ. “ދީންވެރި ކުއްޖަކަށް ދަންވަރު ތިހެން ހެދުން ހެޔޮނުވާނެ. ﷲ ދެކެވޮޑިގެންވޭ.” ހާމިދު އޭނާގެ ރަހުމަތްތެރިންނާއެކު އެތަނުން ދިޔައެވެ.

ހަމްދާ ދޮރު ހުޅުވާލިއިރު، އޭނާގެ ދެލޮލުން ކަރުނަ ފައިބަނީއެވެ. ސާރިމް ހަމްދާއާ ދިމާއަށް ބަލާވެސް ނުލައި ބުންޏެވެ. “ﷲ ހަމްދާ ރައްކާތެރިކޮށްދެއްވާށި! އާމީން!”

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ހާމިދު ހަމްދާއަށް ބާރުއަޅަން ފެށީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރިފާޢަތާ ކައިވެނިކުރުމަށެވެ. ރިފާޢަތަކީ ދީންވެރިކަމެއް ނެތް، އަޚްލާޤު ގޯސް މީހެކެވެ. ހަމްދާ މިކަމާ ދެކޮޅު ހެދުމުން ހާމިދު ބުންޏެވެ.

“ތިއީ އަހަރެންގެ ބެލުމުގެ ދަށުގަ ހުރި ކުއްޖެއް. އަހަރެން ބުނި ގޮތެއް ހަދަންވާނީ. ބައްޕަ ދިޔަ ފަހުން އަހަންނަށް އޮތީ ހަމްދާގެ ވަލީ.” ހަމްދާ ހިތްވަރާއެކު ބުންޏެވެ. “ބޭބޭ، ﷲ ގެ ދީނުގައި ވަލީގެ ރުހުން ހޯދަން ޖެހޭ. ނަމަވެސް ދީންވެރި ނޫން މީހަކާ ކުރާ ކައިވެންޏަކަށް އަހަރެން ދެކޮޅު ހަދަން.”

މި ދަތި ދަނޑިވަޅުގައި، ސާރިމްގެ ހިތަށް ހަމްދާއާ މެދު އިތުރަށް ލޯބި އުފެދިގެން ދިޔައެވެ. އޭނާ ހިތްވަރުކޮށްފައި ހާމިދު ގާތަށް ގޮސް ބުންޏެވެ. “ހާމިދު، އަހަރެން ހަމްދާ ހަލާލު ގޮތުގައި ހޯދަން ބޭނުން. އަހަރެން ހަމްދާއާ ކައިވެނިކުރަން ބޭނުން.”

ހާމިދު ހިތްހަމަޖެހިފައި މިކަމަށް އެއްބަސްވިއެވެ. ހަމްދާއަށް މި ޚަބަރު އިވުމުން، އޭނާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. ސާދާ ގޮތަކަށް، ކޯޓުގައި ކުރެވުނު ކައިވެންޏަށްފަހު، ދެމީހުންގެ ދިރިއުޅުން އުފާވެރިކަމާއެކު ފެށުނެވެ. ހަމްދާގެ ދީންވެރިކަމުގެ ސަބަބުން ސާރިމްވެސް ނަމާދަށް ސަމާލުކަންދީ، ﷲ ގެ މަގަށް ރުޖޫޢަވިއެވެ.

ދެފަރާތުން ހިތްރުހިގެންދާ ކައިވެންޏެއް ﷲ ލިޔުއްވާ ކަމަށް ހިތަށް ވެރިވި ހިނދު، ހަމްދާ ﷲ ގެ ހަޟްރަތަށް ދެ ރަކްޢަތް ނަމާދުކޮށް ދުޢާ ކުރިއެވެ.

ކައިވެންޏަށް ފަހު، ދެމީހުންގެ ދިރިއުޅުން ގުޅިލާމެހިގެންދިޔައެވެ. ސާރިމްއާއި ހަމްދާގެ ދިރިއުޅުން ހިތްހަމަ ޖެހޭ ގޮތަކަށް ބައްޓަން ކޮށްދިނުމަށް ހިތް ހެޔޮ ވިއެވެ. ހަމްދާގެ ރުހުން ހޯދުމަށްޓަކައި ސާރިމް ހިތްވަރު ކުރިއެވެ. ދެ ދިރިއުޅުން ގުޅި، ދެ ހިތް ގާތް ވަމުން ދިޔަ ވަރަކަށް، ﷲ ގެ ރަހްމަތް ދެ ދިރިއުޅުމަށް ވެހެމުން ދިޔަ ކަން ދެ ހިތްވެސް ދެނެ ގަތެވެ.

ސާރިމްގެ ދިރިއުޅުން ބަދަލުވިއެވެ. ފަތިހު ނަމާދަށް ހޭލިއެވެ. ހަމްދާގެ ދީންވެރިކަން ސާރިމްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދިނެވެ. ހަމްދާގެ ހިތްހެޔޮ ކަމާ ލަދުވެތިކަން ސާރިމްގެ ހިތް ތިރި ކޮށްދިނެވެ. ދެ ދިރިއުޅުން ﷲ ގެ ހަޟްރަތަށް ހަވާލު ކޮށްލައިގެން، ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ވަރަކަށް، ދިރިއުޅުން ހިތްހަމަ ޖެހޭ ގޮތަކަށް ބައްޓަން ވަމުން ދިޔައެވެ.

ނަމަވެސް، މި އުފާވެރިކަން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ހަމްދާގެ ހާލު ދެރަވެ، ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރު ބުންޏެވެ.

“ހަމްދާ، ހަމްދާގެ ހިތުގެ ބަލިކަމެއް އެބަހުރި. ވަރަށް ސީރިއަސް ކަމެއް.” ސާރިމް ހިތްވަރު ދޫނުކޮށް ބުންޏެވެ. “ކިތަންމެ ގިނަ ވަގުތެއް ނެގިއަސް އަދި ޚަރަދުތަކެއް ކުރަން ޖެހުނަސް، ﷲ ގެ ރަހުމަތާއެކު ހަމްދާގެ ފަރުވާ ކުރާނަން.”

ހަމްދާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް، ސާރިމްގެ ލޮލަށް ބަލައިލި ހިނދު އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ. އެއީ ﷲގެ މިންވަރުފުޅަށް ފުރިހަމައަށް އިތުބާރުކޮށް، އެކަލާނގެ ތަޤްދީރަށް ނުހަނު ރުހުމާއެކުގައެވެ. “ސާރިމް! ﷲގެ ތަޤްދީރަށް އަހަރެން ފުރިހަމައަށް ރުހި ގަބޫލުވަން. އެކަލާނގެ ކަމަކަށް މިންވަރު ކުރައްވައިފި ނަމަ، އަހަރެމެންނަށް އޮތީ ހަމައެކަނި އެކަލާނގެ ހަޟްރަތުން ހިތްވަރަށް އެދި ދުޢާކުރުން،” ބަލިކަށި ރާގަކަށް ހަމްދާ ބުންޏެވެ.

ސާރިމްގެ ހިތް ބިރުގަނެ ތެޅެމުން ދިޔަ ނަމަވެސް، އޭނާގެ ހިތްވަރު ދޫކޮށެއް ނުލައެވެ. އޯގާތެރިކަމާއެކު ހަމްދާގެ ކޮނޑުގައި އަތް ބާއްވާލައި، އޭނާއަށް ހިތްވަރު ދިނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހަމްދާގެ ބަލިހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. ނަމަވެސް ސާރިމް އޭނާގެ އަނބިމީހާގެ ޚިދުމަތުގައި ވަރުބަލިކަމެއް ނެތި ދެމިހުއްޓެވެ. އޭނާގެ މުޅި ދިރިއުޅުން ހަމްދާގެ ފަރުވާއަށްޓަކައި ހުސްކޮށްލިއެވެ. ވަޒީފާގައި ކުރިއަށްވުރެ ބުރަކޮށް އުޅެމުންވެސް، ﷲ ގެ ހަޟްރަތަށް ދުޢާކުރުން ސާރިމް އިތުރުކުރިއެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދަށްފަހު، ކަރުނައިން ފުރިގެންވާ ދެލޮލާއެކު އޭނާ އާދޭސް ކުރަމުން ދިޔައެވެ.

ސާރިމްގެ ހިތްވަރު ގަދަ ނަމަވެސް، ހަމްދާގެ ހަށިގަނޑުން ފެންނަމުންދިޔަ ބަލިކަށިކަމުގެ ސަބަބުން އޭނާގެ ހިތް ކުދިކުދިވަމުން ދިޔައެވެ.

ހަމްދާ ހޮސްޕިޓަލުގައި އޮތް އެ ހިތްދަތި ދުވަސްތަކުގައި، ސާރިމް އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ގާތުން ދުރަކަށް ނުދެއެވެ. އެކަކު އަނެކަކުގެ އަތުގައި ބާރަށް ހިފަހައްޓައިގެން ތިބެ، އެ ދެމަފިރިން ދިޔައީ ﷲ ގެ ރަހްމަތަށް އެދި ދުޢާކުރަމުންނެވެ. ބަލިހާލަތުގެ ސަބަބުން ހަމްދާ ނުހަނު ބަލިކަށިވެފައި ވީނަމަވެސް، އޭނާގެ މޫނުމަތިން ފެންނަނީ މިންވަރުފުޅަށް ރުހިގެން ހުރިކަމުގެ ނިޝާންތަކެވެ. އެ ދެމަފިރިންގެ ދިރިއުޅުމަށް ކުރިމަތިވި މި ބޮޑު އިމްތިޙާނުގައިވެސް، އެކަކު އަނެކަކަށް އޮތް ލޯތްބާއި އިތުބާރު ދިޔައީ އިތުރުވަމުންނެވެ.

އެންމެ ފަހު ރޭ، ހަމްދާގެ ދެލޮލުން ފޭބި ކަރުނަތަކާއެކު ސާރިމްގެ މޫނަށް ބަލައިލީ އިންތިހާ ލޯތްބާއެކުގައެވެ. ވަރަށް އަސަރާއެކު އޭނާ ބުންޏެވެ. “ސާރިމް! އަހަންނަށްޓަކައި ތިވަމުންދާ ގުރުބާނީއާއި ތިބަހައްޓާ އޯގާތެރިކަމުގެ ހެޔޮ ޖަޒާ އެކަލާނގެ ދެއްވާނެއެވެ. އަހަރެން މިދުނިޔެ ދޫކޮށް ދިޔަޔަސް، އަހަރެމެންގެ ހިތްތައް ވަނީ ގުޅިފައެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި އަހަރެމެން އަލުން ބައްދަލުވާނެ ދުވަހަށް އަހަރެން އިންތިޒާރު ކުރާނަން.” ހަމްދާގެ އެ ފަހު ބަސްތަކުން ސާރިމްގެ ހިތަށް ބަޔާންކުރަން ދަތި ރިހުމެއް ލިބުނެވެ.

ފަތިސް ނަމާދުގެ ބަންގީގެ ރީތި އަޑު މުޅި މާލެތެރެއަށް ފެތުރިގެން ދިޔަ ވަގުތަކީ، ހަމްދާގެ ފަހު ވަގުތެވެ. އޭނާގެ ތުންފަތްމަތީގައިވި ފަނޑު ހިނިތުންވުމާއެކު، ނުހަނު އަމާންކަމާއެކު “ލާ އިލާހަ އިއްލަﷲ” ކިޔައި މި ދުނިޔެއަށް ފަހު ނޭވާއެއް ދޫކޮށްލިއެވެ. ސާރިމް އޭނާގެ ލޯބިވާ އަނބިމީހާގެ އަތުގައި ހިފަހައްޓައިގެން ހުރެ ކަރުނަ އަޅަމުން ދިޔައިރުވެސް، އޭނާގެ ދުލުން ތަކުރާރުކުރަމުން ދިޔައީ “އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން” އެވެ.

ހަމްދާ ވަކިވެގެންދިޔަ ފަހުން ސާރިމްގެ ދިރިއުޅުން ފަޅުވެ، ހިތްދަތިވި ނަމަވެސް، އޭނާ ﷲ ގެ ހަޟްރަތަށް ކުރާ އަޅުކަންތަކަށް ފަރުވާކުޑައެއް ނުކުރެއެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ހޭލާއިރު، ހަމްދާގެ އެ ހިތްހެޔޮ ސޫރަ އޭނާގެ ލޯމައްޗަށް ސިފަވެއެވެ. ނަމަވެސް އޭނާ ކެތްތެރިކަން އިސްކޮށް، ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކުރަމުން ދިޔައީ ހަމްދާ ދަސްކޮށްދިން ދީނީ ރީތި އުސޫލުތަކުގެ މަތީގައެވެ.

ކޮންމެ ދުވަހަކުވެސް ސާރިމް ހަމްދާގެ ފުރާނައަށް ރަޙުމަތްލެއްވުން އެދި ދުޢާކުރެއެވެ. އެކަނިވެރި ވަގުތުތަކުގައި އޭނާ ދުޢާ ކުރަނީ އެކުގައި ސުވަރުގޭގައި ލެއްވުމަށް އެދިއެވެ.

ދިރިއުޅުމަކީ އިމްތިޙާނެކެވެ. ލޯތްބަކީ ﷲ ދެއްވާ މަތިވެރި ނިޢުމަތެކެވެ. ހަމްދާ މިދުނިޔެއާ ވަކިވެދިޔަ ނަމަވެސް، އޭނާ ސާރިމްގެ ހިތުގައި އިންދި ދީންވެރިކަމުގެ އޮށް މިހާރު ވަނީ ބޮޑު ގަހަކަށްވެ ހިޔާ ދޭން ފަށާފައެވެ. ސާރިމްގެ ކޮންމެ ނޭވާއެއްގައިވަނީ ހަމްދާއާއެކު ސުވަރުގޭގައި ބައްދަލުވާނެ ދުވަހުގެ އުންމީދެވެ. އެ އުންމީދުގައި އޭނާ ﷲ އަށް ވަކީލުކޮށް، ހިތްވަރާއެކު ދިރިއުޅުން ކުރިއަށް ގެންދެއެވެ.

— ނިމުނީ —

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top