ހަނދާންތަކެއް ނުފިލާނެ
އަމީރާއަށް ކަނޑުމަތީގައިވެސް ސަލާމަތްވެވުނުކަމުގެ އިހުސާސެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި، ހީވަނީ ހުރިހާ ފަރާތަކުން މީހުން ފާރަލަމުން ދާހެންނެވެ. މާލެއާ ދުރަށް، ދޯނި ދަތުރުކުރަމުން ދިޔައެވެ. ފަހަތުން ފެންނަމުންދިޔަ މާލޭގެ މަންޒަރު މުޅިން ފަނޑުވަމުން ދިޔައީ، ބިރުވެރި ހަނދާންތަކެއްގެ ސިފައިގައެވެ. އަދި އެއީ ރައްކާތެރި މަންޒިލެއްވެސް ނޫނެވެ. އަމީރާއަށް އެކަން އިހުސާސްވިއެވެ. އެއީ އަތޮޅުގެ އެހެން ރަށްތަކާ ވަކިން އޮތް ހިމޭން ސަރަހައްދެކެވެ. އަމީރާ އޭނާގެ ދަރިން ގަޔާލައި ބޮނޑިކޮށްލިއެވެ. އެ އަންހެންކުއްޖާ އިނީ އަމީރާގެ ކުރިމަތީގައެވެ. މިހާރު އޭނާގެ ހަރަކާތްތައް އާދަޔާ ޚިލާފަށް ހިމޭންވެއްޖެއެވެ. އޭނާގެ ދެއަތުން ދޯނީގެ އަރިމަތީގައި ބާރަށް ހިފަހައްޓަމުން ދިޔައެވެ. އަމީރާއަށް އެކަން ފާހަގަވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. އަދި ވަގުތު ނުޖެހެނީއެވެ.
މިނިވަންކަމުގެ ފުރަތަމަ ދޮޅުގަޑިއިރު ފާއިތުވެއްޖެއެވެ. މިހާރު ފެންނަން އޮތީ ހަމައެކަނި ކަނޑެވެ. ކޮޅެއް ނުފެންނަ، ކަޅު ނޫކުލައިގެ ކަނޑެވެ. އެއަށްފަހު އަނދިރިގަނޑާއި ދުންފިނީގެ ތެރެއިން ކުޑަ ރަށެއް ފާޅުވާން ފެށިއެވެ. ހިމޭން، ފެހިކަން ގަދަ، މަޑުމޮޅި ރަށެކެވެ. އެއީ ވިލަރެސްފުށްޓެވެ. ބަލާބެލުމަށް އެ ރަށް ފެންނަނީ ވަރަށް އަމާން ތަނެއްގެ ގޮތުގައެވެ. ނަމަވެސް، މިހާރު އެއްވެސް ކަމަކުން އަމާންކަމެއް އިހުސާސެއް ނުވެއެވެ. ދޯނީގެ ދުވެލި މަޑުވިއެވެ. އިންޖީނުގެ އަޑު މަޑުވި ވަގުތު ވެރިވި ހިމޭންކަން، އަޑުގަދަ ގޮވުމަކަށްވުރެ ވެސް ބާރުގަދައެވެ. އެންމެ ފުރަތަމަ ތެދުވީ އެ އަންހެން ކުއްޖާއެވެ. “ފައިބާ.” އޭނާ ވަރަށް އަވަސްއަރުވާލާފައި ބުންޏެވެ. މާ ބޮޑަށް ވެސް އަވަސްއަރުވާލީއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަމީރާއަށް ޔަގީންވިއެވެ. އެހެނަސް އޭނާ ކުރިއަށް ހިނގައިގަތެވެ. ސަބަބަކީ މަޑުކުރުމަކީ އެނބުރި ދިއުމެވެ. އަދި އެނބުރި ދިއުމަކީ އޮތް ގޮތެއް ނޫނެވެ.
އެ އަންހެން ކުއްޖާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި އިޝާރާތްކޮށްލީއެވެ. “މަޑުމަޑުން ހުރޭ.” އޭނާ ސިއްރުސިއްރުން ބުންޏެވެ. “އަހަރެން ދިއުމުގެ ކުރިން ކަލެއަށް އެއްޗެއް ދައްކާލަން އެބަޖެހޭ.” އަމީރާ ކަންބޮޑުވުމާއެކު އަހާލިއެވެ. “ކޮން އެއްޗެއް؟” އެ ކުއްޖާ ޖަވާބެއް ނުދިނެވެ. އޭނާ އަމީރާ ގޮވައިގެން ރަށުގެ އެތެރެއަށް ހިނގައިގަތެވެ. ފޮރުވިފައިވާ އެ ތަން ފެންނަ ފެނުމަށް އެއީ ފަޅުވެފައިވާ ތަނެކެވެ. ބާވެފައިވާ ލަކުޑި ފިލާތަކާއި، ދަބަރު ޖަހާފައިވާ ދަގަނޑުތަކެވެ. ގަސްބޯވެ، މުޅި ތަން އޮތީ ވަށައިގެން ފޮރުވިފައެވެ. ނަމަވެސް އެތަނުގެ ދޮރަކީ އާ ދޮރެކެވެ. ތަޅުލާފައިވާ، ވަރުގަދަ ދޮރެކެވެ. އަމީރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މިއީ މިފަދަ ތަނަކާ ގުޅޭ އެއްޗެއް ނޫނެވެ. މިކަހަލަ ރަށެއްގައި މިފަދަ ތަނެއް ހުރެގެން ނުވާނެއެވެ. ކަނޑުގެ ހިތްގައިމުކަމާއި އަމާންކަމުގެ ތެރޭގައި ބޮޑުވި އަމީރާއަށް މިއީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. އެ ކުއްޖާ ކުޑަ ތަޅުދަނޑިއެއް ނެގިއެވެ. ދޮރު ހުޅުވާލިއެވެ. “ވީ އާ ނޮޓް ސަޕޯސްޑް ތު ބީ ހިއާ.” އޭނާ މަޑުމަޑުން ބުންޏެވެ. “މިކަން އެނގުން އެހާ ރައްކާތެރިއެއް ނޫން.”
ދޮރު ހުޅުވުނެވެ. އެތެރެ އޮތީ އަނދިރިކޮށެވެ. ވައި ބަރުވެފައި، ދަގަނޑު ވަސް ދުވައެވެ. އަމީރާ އެތެރެއަށް ވަދެ، ހުއްޓުން އެރިއެވެ.
އަތުރާފައި ހުރި ގިނަ އަދަދެއްގެ ފޮށިތަކެވެ. ބައެއް ފޮށިތަކުގައި ފާހަގަ ޖަހާފައެވެ. އަނެއްބައި ފޮށިތަކުގައި އެއްވެސް ނިޝާނެއް ނެތެވެ. ބައެއް ފޮށިތައް ބަންދުކޮށްފައި ހުރިއިރު، އަނެއްބައި ފޮށިތައް ހުރީ ހުޅުވިފައެވެ. އަމީރާ މަޑުމަޑުން ގާތްވެލިއެވެ. އޭނާ އެއް ފޮށި ހުޅުވާލިއެވެ. އަދި ވަގުތުން ފަހަތަށް ޖެހުނެވެ. ހަތިޔާރެވެ. އެއީ އާދައިގެ ކުދި ހަތިޔާރެއް ނޫނެވެ. އެއީ އޮޅުމަކުން ނުވަތަ އިއްތިފާޤުން އެތަނުގައި ހުރި އެއްޗެއް ނޫނެވެ. އެއީ ރޭވުންތެރިކަމާއެކު، ރައްކާކޮށް، ފޮނުވުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ބަޑިތަކާއި، ރައިފަލްތަކާއި، އޭގެ ބައިތަކެވެ. ހުރީ ސާފުކޮށް، ބަލަހައްޓައި، ބޭނުންކުރަން ތައްޔާރަށެވެ. ދިވެހިރާއްޖޭގެ މިފަދަ ރަށަކުން ފެންނާނެ ކަމަށް އޭނާ ދުވަހަކުވެސް ހީކުރި މަންޒަރެއް ނޫނެވެ.
އަމީރާގެ ނޭވާ ތާށިވިއެވެ. “ކީއްކުރަން؟ ކީއްވެ؟” އޭނާ ހައިރާންކަމާއެކު މަޑުމަޑުން އަހާލިއެވެ. “މިތަނަށް މިތަކެތި ބޭނުންވަނީ ކީއްވެ؟” އެ ކުއްޖާ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ އަޑު އިވެނީ ވަރަށް މަޑުންނެވެ. “ވިޔަފާރި، ބިރުދެއްކުން، ވަގު އެކްސްޕޯރޓް.” އޭނާ ބުންޏެވެ. މަޑުޖެހިލުމަކަށްފަހު އޭނާ ކުރިއަށް ގެންދިޔައެވެ. “ބަނދަރުތަކާއި، މުދާ ބަދަލުކުރުމާއި، ރަށްތަކުގެ ދެމެދުގައިވާ ސިއްރު މަގުތައް. އެއްވެސް އެއްޗެއް އެއްތަނެއްގައި މަޑެއް ނުވާނެ.”
އަމީރާ އަލުން ވަށައިގެން ބަލާލިއެވެ. ގިނަ އަދަދެއްގެ ފޮށިތަކެވެ. ރޭވުންތެރި ނިޒާމެކެވެ. ހެކިތަކެވެ. މިއީ ހަމައެކަނި ކުށްކުރުމެއް ނޫނެވެ. މިއީ މުޅި ނިޒާމުގެ ތެރެއަށް ފެތުރިފައިވާ އޮނިގަނޑެކެވެ. “މިއީ.. ހަނގުރާމައަށް ބޭނުންކުރާ ސާމާނު.” އެ ކުއްޖާ ބޯ ޖަހާލިއެވެ. “ހަނގުރާމައެއް ނޫން.” އޭނާ މަޑުމަޑުން އިސްލާހުކޮށްދިނެވެ. “ކޮންޓްރޯލް ކުރުން.” އަމީރާ މަޑުމަޑުން ފަހަތަށް ޖެހުނެވެ. އޭނާގެ ސިކުނޑި ހުރިހާ ކަމެއް ގުޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. ގާއްޑޭ، ބޮޑުބޭބެ، މާލޭގައި ތިބި މީހުން، ބިރުވެރިކަން، ހިމޭންކަން، ގެއްލޭ މީހުން. ކުއްލިއަކަށް، މިއީ ހަމައެކަނި ގޭންގުތަކެއްގެ މައްސަލައެއް ނޫންކަން އޭނާއަށް އެނގުނެވެ. މިއީ ރޭވުންތެރިކަމާއެކު ފެތުރިފައިވާ، ރައްކާތެރިކަން ލިބިފައިވާ، އަދި އާދައިގެ ދިރިއުޅުމުގެ ތެރޭގައި ފޮރުވިފައިވާ ކަމެކެވެ. ރަށްތަކުގެ ތެރޭގައެވެ. ހިމޭންކަމުގެ ތެރޭގައެވެ. މީހުން ވާހަކަދައްކަން ބިރުގަންނަ ހުރިހާ ކަމެއްގެ ތެރޭގައެވެ.
ބޭރުން އަޑެއް އިވުނެވެ. އެ ކުއްޖާ ވަގުތުން ހުއްޓުން އެރިއެވެ. އަމީރާވެސް އަވަހަށް އެދިމާލަށް އެނބުރުނެވެ. ހިނގާ އަޑެވެ. ގިނަ ބައެއްގެ އަޑެވެ. ވަރަށް ކައިރިންނެވެ. “ވަގުތެއް ނެތް.” އެ ކުއްޖާ އަވަސްއަރުވާލާފައި ބުންޏެވެ. “އެމީހުން އެނބުރި އެބަ އާދޭ.” އަމީރާ އެއް ފޮށީގެ މަތިގަނޑުގައި ހިފާ، އޭގައިވާ ހުރިހާ ކަމެއް ސިކުނޑީގައި ކުރަހާލެވޭތޯ މަސައްކަތް ކުރިއެވެ. ސިފަތަކާއި، ކޯޑުތަކާއި، ނިޝާންތަކެވެ. އެއީ ހެކިތަކެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔަ ނަމަވެސް، ސިކުނޑި ހުރީ ސާފުކޮށެވެ. މިއީ މުހިންމު ކަމެކެވެ. މިއީ ހަޤީޤަތެވެ. އެ ކުއްޖާ އަމީރާގެ އަތުގައި ހިފިއެވެ. “ދޭ!” އޭނާ ބުންޏެވެ. “އެކަމަކު މިއީ..” “ހިނގާ!” އޭނާ ބާރުއަޅައި ބުންޏެވެ. “އެމީހުންނަށް އަހަރުން މިތަނުން ފެނިއްޖެނަމަ، ސަލާމަތުން ދިއުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ.” އަމީރާ ފަސްޖެހުނީ އެންމެ ސިކުންތަކަށެވެ. ދެން އޭނާ ދުއްވައިގަތެވެ. ރަށުގެ އަނދިރި ރޭގަނޑުގެ ތެރެއަށެވެ. ހިޔަނިތަކުގެ ތެރެއަށެވެ. ސަލާމަތްވުމަށްޓަކައެވެ.
ދުރަށް ދަމުން، އަމީރާ އެއްފަހަރު ފަހަތަށް ބަލާލިއެވެ. އެ ގުދަން އަނދިރިކަމުގެ ތެރެއަށް ގެއްލުނެވެ. އެއީ ދުވަހަކުވެސް އެތަނުގައި ހުރި ތަނެއް ނޫން ފަދައެވެ. ހަޤީޤަތް އަމިއްލައަށް ފޮރުވިގެންވާ ފަދައެވެ. އެކަމަކު މިހާރު އޭނާއަށް އެނގެއެވެ. މިއީ ހަމައެކަނި ގާއްޑޭގެ ކަމެއް ނޫނެވެ. ހަމައެކަނި މަސްތުވާތަކެއްޗެއް ބިރުވެރިކަމެއް ނޫނެވެ. މިއީ ރަށްތަކުގެ ތެރެއިން ހިނގާ، ހިމޭންކަމުގެ ތެރެއިން ދަތުރުކުރާ، ދުވާލު ހިނިތުންވެފައި ތިބެ ރޭގަނޑު އަނދިރިކަމުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ ނިޒާމެކެވެ. އަދި އެ ނިޒާމުގެ ތެރޭގައި ކޮންމެވެސް ހިސާބަކުން އޭނާގެ ފިރިމީހާއަކީ ހަމައެކަނި އަނިޔާ ލިބުނު މީހެއް ނޫނެވެ. އޭނާއަކީ އެކަން ހުއްޓުވަން މަސައްކަތްކުރި މީހެކެވެ. އަދި އެކަމުގެ ތެރޭގައި މަރުވި މީހެކެވެ. އަމީރާ އޭނާގެ ދަރިންގެ އަތުގައި ބާރަށް ހިފިއެވެ.
ގުދަނުގައި ހިނގި ހާދިސާއަށްފަހު، މުޅި ރަށުގެ މާހައުލު ބަދަލުވެފައިވާ ކަހަލައެވެ. ވައިރޯޅިތަކުގައިވެސް ބަރުދަނެއް ހުރިހެން ހީވެއެވެ. އަމީރާއަށް ފެނުނު މަންޒަރުތައް އެނގޭ ފަދައެވެ. އެނބުރި އައި މަގުމަތީގައި އަމީރާ މާގިނަ ވާހަކައެއް ނުދައްކައެވެ. އޭނާއާއެކު ހުރި އަންހެން ކުއްޖާވެސް ހުރީ ހިމޭނުންނެވެ. ނަމަވެސް، އެ ދެމެދުގައި ބުނެދޭން ނޭނގޭ ފަދަ އެއްބަސްވުމަކާއި އަވަސްއަރުވާލުމުގެ އިހުސާސެއް އުފެދިފައިވެއެވެ. އަމީރާއަށް މިހާރު ފެނިފައިވަނީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ. އެއީ ހަމައެކަނި ބިރެއް ނޫނެވެ. އެއީ ހޭލުންތެރިކަމެވެ.
އެރޭ އެމީހުން އަމީރާ ގެންދިޔައީ އެރަށުގެ ލަކުޑި ފާލަން ކައިރީ ހުރި ވަރަށް ހިމޭން ސަރަހައްދަކަށެވެ. އަލިކަމެއް ނެތެވެ. އަޑުގަދަ ކުރާނެ މީހަކު ނެތެވެ. ގަސްތަކުގެ ތެރޭގައި ހުރި ކުޑަ ގެއެކެވެ. އެކަކު އެތާ މަޑުކޮށްގެން ހުއްޓެވެ. ދޮރުމަތީގައި އަންހެން ކުއްޖާ މަޑުކޮށްލިއެވެ.
“މިއީ އަހަރެން ދާނެ އެންމެ ދުރަކީ.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
އަމީރާ ނުރުހިފައި އެހިއެވެ. “ކަލޭ އެތެރެއަކަށް ނުވަންނާނަންތަ؟”
އެ ކުއްޖާ ބޯ ހޫޫރާލިއެވެ. “ކަލެއަށް އެހީތެރިވުމުގައި އަހަރެންނަށް މިހާރުވެސް މާ ބޮޑަށް އުޅެވިއްޖެ.” ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އޭނާ ބުންޏެވެ. “އޭނާއާ ބައްދަލުވާއިރު.. ފުރަތަމަ ފެންނަ ސިފައަށް އިތުބާރު ނުކުރާތި.”
އަމީރާއަށް އެ ބުނި އެއްޗެއް ފަހުމެއް ނުވިއެވެ. ނަމަވެސް އެ ޖުމްލަ ހަނދާނުގައި ބެހެއްޓިއެވެ.
މީހަކު އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. އެއީ ބޮޑުބޭބެއެއް ނޫނެވެ. އެއީ އެހީތެރިއެއް ވެސް ނޫނެވެ. އެއީ މުޅިން ނުދަންނަ މީހެކެވެ. އޭނާގެ ހައިބަތަކީ ފަރިތަ ހައިބަތެކެވެ. ނަމަވެސް އޭނާއާ މެދު އޮތް ޔަގީންކަމެއް ނެތެވެ. އެ އަންހެން ކުއްޖާ ހިނގުން ހުއްޓާލިއެވެ. އަމީރާގެ ހިތް ނުތަނަވަސްވިއެވެ. “މީހެއް މިތަނުގައި ހުންނާނެ ވާހަކައެއް ނުބުނަމެއްނު.” އަމީރާ ސިއްރުސިއްރުން ބުންޏެވެ. އެ ކުއްޖާ ޖަވާބެއް ނުދިނެވެ. އެއީ ފުދޭވަރުގެ ޖަވާބެކެވެ. އެ މީހާ ކުރިއަށް ޖެހިލިއެވެ. ލަސްލަހުން، މަޑުމައިތިރިކަމާއެކުއެވެ. ހީވަނީ ވަރަށް އަދަބުވެރި މީހެއް ހެންނެވެ. “ތި އާދެވުނީ ދޯ.” އޭނާ ބުންޏެވެ. އަމީރާ ގަނޑުވި ކަހަލައެވެ. އެއީ ފަރިތަ މީހަކަށް ވުމަކުން ނޫނެވެ. ކަން ހިނގާގޮތް ވިސްނުމުންނެވެ. މިއީ ސަލާމަތްވުމެއް ނޫނެވެ. މިއީ އެކަކު އަތުން އަނެކަކު އަތަށް ބަދަލުވުމެވެ. އޭނާގެ ފަހަތުން ދޯނީގެ އިންޖީނު އަނެއްކާވެސް ޖެއްސިއެވެ. ފުރަނީއެވެ. އެހާ އަވަހަށް ފުރަނީއެވެ. އެ އަންހެން ކުއްޖާ އަމީރާއާ ހަތަރުކަޅި ހަމައެއް ނުކުރިއެވެ. ފަސްއެނބުރި ބަލައެއް ނުލިއެވެ. ހަމައެކަނި ދިޔައީއެވެ.
އަމީރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މާވިން އަމީރާގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފެހެއްޓިއެވެ. “މަންމާ..” މިޝާ އަމީރާގެ ފައިގެ ފަހަތަށް ވަދެ ފިލިއެވެ. އަމީރާ ހަރަކާތެއް ނުކުރެއެވެ. އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ބަލަން ހުރީއެވެ. އެ މީހާ ކުޑަކޮށް ހިނިތުންވެލިއެވެ. “ކަލޭ ފަހަތުން ދުވުމަކީ ވަރަށް އުނދަގޫ ކަމެއް.” އޭނާ ބުންޏެވެ. “އެކަމަކު ކަލޭގެ އަމަލުތައް ހުރީ ކުރިންވެސް ލަފާކުރި ގޮތަށް.” މަޑުޖެހުމަކަށްފަހު، “އަހަރެން މަސައްކަތް ކުރަނީ ކަލޭގެ ފިރިމީހާ ދުވަހަކުވެސް ދަރަނިވެރިވާން ނުޖެހޭނެ ބައެއްގެ ގާތުގައި.” ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. ރަށުގެ ވަައިރޯޅިތައް މިހާރު ކުރިއަށްވުރެ ބަރުހެން ހީވެއެވެ. މިއީ މިނިވަންކަމެއް ނޫނެވެ. މިއީ ބަންދުވުމެވެ. އަމީރާ މަޑު އަޑަކުން ބުންޏެވެ. “އަހަރެންގެ ފިރިމީހާ ވަނީ މަރުވެފައި.” އެ މީހާ ބޯޖަހާލިއެވެ. “ހަމަ އެ ސަބަބަށްޓަކައި ކަލޭ މުހިންމު މީހަކަށް ވީ.”
އޭނާ އިތުރަށް ގާތަށް ޖެހިލިއެވެ. ބިރުދައްކާކަށް ނޫނެވެ. އަވަސްއަރުވާލާކަށް ވެސް ނޫނެވެ. ޔަގީންކަމާ އެކުގައެވެ. “މާޒިން މަރުވީ އިއްތިފާޤަކުން ނޫން.” އޭނާ ބުންޏެވެ. “އޭނާ އެއްފަރާތް ކުރީ. ވަރަށް ސާފުކޮށް. އެއީ އޭނާ ވަރަށް މޮޔަ ކަމެއް ކުރަން އުޅުނީމަ.” އަމީރާގެ ނޭވާ ކުރުވިއެވެ. “ކޮން ކަމެއް؟” އެ މީހާ އަމީރާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ބުންޏެވެ. “އެމީހުން ފަޅާއަރުވާލަން އުޅުނީމަ.” ހިމޭންކަން ވެރިވިއެވެ. މުޅި ރަށް ވެސް އެ ވާހަކަ އަޑުއަހަން އޮތް ކަހަލައެވެ. “ކަލޭ ތި ފިލައިގެން ދުވަނީ ހަމައެކަނި ގޭންގުތަކަކުން ނޫން.” އޭނާ އިތުރަށް ބުންޏެވެ. “ކަލޭ ތި އުޅެނީ މާ ކުރީގެ، މާ ބޮޑު ކަމެއްގެ ތެރޭގައި.” މަޑުޖެހުމަކަށްފަހު، “ސިޔާސީ ކަންކަން، ކޮންޓްރެކްޓްތައް، ފޮރުވިފައިވާ ދަތުރުފަތުރުގެ މަގުތައް، ރަށްތައް ބަދަލުކުރުން، ލިޔެކިޔުންތަކުން ފެންނަން ނެތް ފައިސާ.” އަމީރާގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. އޭނާއަށް ކުރިން ވިސްނިފައި އޮތް ހުރިހާ ކަމެއް ބަދަލުވަނީއެވެ. “އަދި ގާއްޑޭ؟” އަމީރާ މަޑުމަޑުން އަހާލިއެވެ. އެ މީހާގެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފެނުނެވެ. “އޭނާއަކީ އެއްވެސް ކަމެއްގެ އެންމެ އިސް މީހާއެއް ނޫން.” އެ މީހާ ބުންޏެވެ. “އޭނާއަކީ ހަމައެކަނި ކަންކަމުގައި އަތް ހަޑިކުރަން ހުންނަ މީހާ.” އަމީރާގެ ހިތުގެ ފުންމިނަށް ބަދަލެއް އައިކަން އޭނާއަށް އިހުސާސްވިއެވެ. ބިރުވެރިކަން، އާނއެކެވެ. އެކަމަކު އޭގެ އިތުރުން ކަންކަން ސާފުވާން ފެށިއެވެ. ސަބަބަކީ މިހާރު އޭނާއަށް ވިސްނިއްޖެއެވެ. މިއީ ރޭވުމެކެވެ. ހިނގަމުންދާ ނިޒާމެކެވެ. ރަށްތަކާއި، ބަނދަރުތަކާއި، ސުވާލެއް ނުކުރެވޭނެ ފަދަ މީހުންގެ ތެރޭގައި ފޮރުވިފައިވާ އޮނިގަނޑެކެވެ.
(ނުނިމޭ)
