ހުރިހާ ކަމެއް ބަރުބާދުވި ދުވަސް
އެންމެ އަށް މަސްދުވަހެވެ. އާދައިގެ ދިރިއުޅުމެއް، އެކަމަކު ނުދަންނަ ބިރުވެރި ހާލަތަކަށް ބަދަލުވާން ނެގީ އެންމެ އަށް މަސްދުވަހެވެ.
އަމީރާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ، ހިތްދަތި ހަނދާންތަކެއް އާވާން ފެށުމުންނެވެ.
އެއީ ނުހަނު ތޫނު، ނޭވާ ހާސްކުރުވާފަދަ ހަނދާންތަކެކެވެ.
އަހަރެންގެ ލޯބިވާ ފިރިމީހާ މާޒިން.
އެދުވަހުގެ ހެނދުނު އޭނާ ހުރީ ހިނިތުންވެފައެވެ. އެއީ ހިތަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނުވައިދޭފަދަ ހިނިތުންވުމެކެވެ. މާޒިންއަކީ ހަށިގަނޑު ވަރުގަދަ، ދުޅަހެޔޮ، އަދި ހަކަތައިން ފުރިގެންވި މީހެކެވެ. އެއީ އޯގާތެރި، މަޑުމައިތިރި، އަދި ހިތްހެޔޮ ފިރިއެކެވެ. މީހުން ނަމޫނާ ދައްކާފަދަ ފިރިއެކެވެ. ދަރިން ބިރުގަތުމެއް ނެތް އޯގާތެރި ބަފައެކެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ވަކިވެގެން ދިޔައީއެވެ. އެއްވެސް އިންޒާރެއް ނެތެވެ. ބަލިމަޑުކަމެއް ނެތެވެ. ޖަވާބެއް ނެތް ސުވާލުތަކެއްގެ ތެރެއަށެވެ. ލިބުނީ ހަމައެކަނި ފޯނު ކޯލެކެވެ. ދެން ފެނުނީ އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ. އޭނާގެ ހިނިތުންވުމާއި ހުނުމުގެ އަޑު އިވުނު ތަނުގައި މިހާރު ވަނީ ހަމަހިމޭންކަމެވެ.
ހިނގަމުން ދިޔައިރު އަމީރާގެ މޭ ފިތޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އޭނާ މާވިން އާއި މީޝާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެމީހުންނަށް އެ ހިތާމައިން އަރައިގަންނާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ރަނގަޅަކަށް ދެރަވާނެ ވަގުތެއްވެސް ނުލިބުނެވެ. މި ހުރިހާ ކަމެއް ފެށުނީ އޭނާ ވަކިވިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ.
ދޮރުގައި ބާރަށް ޖަހާ އަޑުތަކެވެ.
ބޭރުގައި ހުރި ގަސްމުށިތަކާއި ފައިވާންތައް އުކާ އަޑުތަކެވެ. ރުޅިވެރިކަމާއެކުގައެވެ. އަމީރާގެ ނޭވާ އަވަސްވިއެވެ. އެ ފުރަތަމަ ރޭގެ ހަނދާންތައް އަދިވެސް އޭނާގެ ސިކުނޑީގައި ތާޒާކޮށް އެބަހުއްޓެވެ. މާވިން އޮތީ ނިދާފައެވެ. މީޝާ އޮތީ އޭނާގެ ކައިރީގައި އޮށޯވެލައިގެންނެވެ. ދެން އިވުނީ ބަން.. ބަން.. ބަން.. ދޮރުގައި ޖެހި ބާރު އަޑުން މުޅި ގޭތެރެ ތެޅިގަތް އަޑުތަކެވެ. އަމީރާ ހުރީ ބިރުން ގަނޑުވެފައެވެ. އަނެއްކާވެސް ދޮރުގައި ޖަހާ އަޑަށްފަހު ބާރަށް ދޮރުގައި ބަޔަކު ތަޅަން ފެށިއެވެ. މާ ބާރަށެވެ. ކެތްތެރިކަން ކުޑަ ގޮތަކަށެވެ. އަމީރާ ގޮސް ދޮރު ހުޅުވި ވަގުތު، އެ ދޮރު ނުހުޅުވުނު ނަމައޭ ހިތަށް އެރިއެވެ. އެތަނުގައި ތިބީ ބިރުވެރި ފިލްމުތަކުގައި ފެންނަ ކަހަލަ ބަޔެކެވެ. ނުދަންނަ ބީރައްޓެހި ފިރިހެނުންތަކެކެވެ. އެމީހުން ތިބީ އަމީރާއަށް ބަލަހައްޓައިގެންނެވެ. ހީވަނީ ކުރިންވެސް އޭނާއާ ބެހޭގޮތުން ހުރިހާ ކަމެއް އެނގިގެން ތިބި ބައެއް ހެންނެވެ. ކަޅު ކުލައިގެ ޓީޝާޓު ލައިގެން ތިބި ބިޔަ ފިރިހެން ކުދިންތަކެކެވެ. ކަރުގައި ބޯ ފަށްތައް އަޅާފައި ހުއްޓެވެ. އަތުގައި އެކި ކަހަލަ ކުރެހުންތައް ޖަހާފައި ހުއްޓެވެ. އެމީހުންގެ ކިބައިން ސިނގިރޭޓާއި ވޭޕްގެ ވަސް ދުވަމުން ދިޔައެވެ. އެމީހުންގެ ހުނުމުގެ އަޑު ގަދައެވެ. އަދަބުކުޑަ ގޮތަކަށެވެ. އޭގެ ތެރެއިން އެކަކު ދޮރުގައި ލެނގިލައިގެން ހުރީ އެއީ އޭނާގެ އަމިއްލަ ތަނެއް ފަދަ ގޮތަކަށެވެ.
“ކޮބާ މާޒިން ބުރޯ؟” އެމީހާ ސުވާލުކުރިއެވެ. އަމީރާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
“އޭނާ.. އޭނާ ނިޔާވެއްޖެ.” ކުޑަ ވަގުތުކޮޅަކަށް ހަމަހިމޭންކަން ވެރިވިއެވެ. ދެން ފެނުނީ ލަސްލަހުން ހިނިތުންވި ތަނެވެ. އެއީ ހަމްދަރުދީގެ ހިނިތުންވުމެއް ނޫނެވެ. އެއީ ޝައުގުވެރިކަމުގެ ހިނިތުންވުމެކެވެ.
“ހޫމް.” އެހެން މީހަކު ސިނގިރޭޓު ދުންތައް ބޭރުކޮށްލަމުން ބުންޏެވެ. “އެހެންވީމާ ކަންތައްތައް މާ ފަސޭހަވީތާ.” އަމީރާގެ ހިތް ބިރުން ހަލާކުވާވަރު ވިއެވެ.
“ކޮން ކަމެއް؟” އޭނާ އަހާލިއެވެ. އެންމެ ކުރީގައި ހުރި މީހާ މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭގެ ފަރުނީޗަރުތަކާއި، ފާރުތަކާއި، ކުރިން އޮތް އަމާން ދިރިއުޅުމުގެ ކުދިކުދި ތަކެއްޗަށެވެ. ދެން އަނެއްކާވެސް އަމީރާއަށް ބަލާލިއެވެ.
“އޭނާ ދައްކަން ޖެހޭ އެއްޗެއް.” އެ ބަސްތައް ވިހައެއް ފަދައިން އަމީރާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ދައްކަން ޖެހޭ އެއްޗެކޭ؟ އޭނާގެ ފިރިމީހާ ހެއްޔެވެ؟ ނޫނެކެވެ. އެއީ ވުމަކަށްވުރެ ނުވުން ގާތް ކަމެކެވެ. އޭނާއަކީ ސަމާލުވެގެން އުޅުނު، ތެދުވެރި، ޒިންމާދާރު މީހެކެވެ.
“ތިޔަ އާދެވުނީ އޮޅިގެން ނުބައި ގެޔަކަށް ކަންނޭނގެ.” އަމީރާ އަވަސްއަވަހަށް ބުންޏެވެ.
އެމީހުން ބާރަށް ހީނގަތެވެ. މަލާމާތުގެ ގޮތަކަށެވެ. އެކަކު އަމީރާއާ މާ ކައިރިއަށް ޖެހިލިއެވެ. އެމީހާގެ ލޮލުގައި ހުރި ނުލަފާކަން ފެންނަހާ ކައިރިއަށެވެ.
“އެއްވެސް ކަމެއް ނޯޅޭ.” އޭނާ މަޑުމަޑުން ބުންޏެވެ. “ކަލެއަށް ކަލޭގެ ފިރިމީހާ އެނގެނީ ކަލޭ ހީކުރާ ވަރަކަށް ނޫން.” އަމީރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެވަގުތު ފަހަތުން މީޝާ ހޭލައިގެން އައި އަޑު އިވުނެވެ.
“މަންމާ..؟” އެ އަޑާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. އަމީރާ ވަގުތުން ދޮރުމަތީގައި ހުރަހަކަށް ހުއްޓުނެވެ. އޭނާގެ ދަރިންގެ ހިމާޔަތުގައެވެ.
“ދެން ދޭ މިތަނުން.” އޭނާ މިފަހަރު ބާރަށް ބުންޏެވެ. “އާދޭސްކޮށްފައި ބުނަން. މިތަނުން ދޭ.” ކުޑަ ވަގުތުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، އެމީހާ ސީދާވެލިއެވެ. މަޑުމަޑުން އަމީރާއާ ގާތްވެލިއެވެ. ދެން އޭނާ އަމީރާގެ ކޮލުގައި ބާރަށް ހިފާލުމަށްފަހު ލާނެތް ނުލަފާ ރާގަކަށް ބުންޏެވެ.
“އަހަރެމެން އަދި އަންނާނަން.”. އެއީ އިންޒާރެއް ނޫނެވެ. އެއީ ވަޢުދެކެވެ. އެމީހުން އެތަނުން ދިޔައެވެ. ނަމަވެސް އެއީ މުޅިން ދިޔުމެއް ނޫނެވެ. އޭގެ ފަހުން އެމީހުން ތަކުރާރުކޮށް އަންނަން ފެށިއެވެ. އަމީރާ ގައިގާ އަތްލާން ވެސް އުޅެނީއެވެ. އެއްވެސް ރައްކާތެރިކަމެއް ނެތެވެ. މަޑުމަޑުން އެ ގޭތެރޭގައި އަގުހުރި ބޭނުންކުރެވޭ އެއްޗެއް ހުރިއްޔާ ގެންގޮސް ހުސްކޮށްފިއެވެ. އެކި ވަގުތުތަކުގައެވެ. އެކި މީހުންނެވެ. އެކަމަކު އެންމެންގެ ލޮލުގައި ހުރީ އެއްކަހަލަ ބިރުވެރިކަމެކެވެ. ސުވާލުތައްވެސް އެއްގޮތެވެ.
“ކަލޭގެ ފިރިމީހާ ދައްކަން ޖެހޭ އެއްޗެއް އެބައޮތް.” އަދި މިހާރު އެ ދައްކަން ޖެހެނީ އަމީރާއަށެވެ.
އެކަން ޤަބޫލުކުރަން އަމީރާ ދެކޮޅުހަދާތާ މަސްތަކެއް ވެއްޖެއެވެ. މިހާރުވެސް، އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި އެ ޝައްކުތައް އޮތެވެ. އޭނާގެ ފިރިމީހާއަކީ.. ނޫނެކެވެ. އެއީ އެކަހަލަ މީހެއް ނޫނެވެ. އެއީ އެމީހުންގެ ދަރިންނަށް އެހާ ލޯބިދިން، އެ ދަރިންނަކީ މުޅި ދުނިޔެ ކަމުގައި ދެކުނު މީހާއެވެ. ވަރުބަލިވެފައިވާ ދެލޮލާއެކުވެސް، ހިނިތުންވުމަކުން ގޭތެރެއަށް އުފާވެރިކަން ގެނެސްދިން މީހާއެވެ. އެ ކުޑަކުޑަ ގެއަކީ އަމާން ތަނެއްކަމުގެ އިހުސާސް ކޮށްދިން މީހާއެވެ. އޭނާއަކީ އެފަދަ ނުބައި މީހަކަށް ވެގެން ނުވާނެއެވެ.
ނަމަވެސް، ހަޤީޤަތަކީ ކިތަންމެ ފޮރުވަން އުޅުނަސް ހާމަވާނެ އެއްޗެކެވެ. މަޑުމަޑުންނެވެ. ކޮންމެ ބަހަކުންނެވެ. ކޮންމެ އިންޒާރަކުންނެވެ. އޭނާ އެކަމުގައި ބައިވެރިވިއެވެ. އެއީ ކުޑަ ކަމެއް ނޫނެވެ. އެއީ އިއްތިފާޤުން ދިމާވި ކަމެއްވެސް ނޫނެވެ. އެއީ ވަރަށް ނުބައި، އަނދިރި ކަމެކެވެ. ބާރުގެ ދަށުގައި ފޮރުވިފައި އޮތް ކަމެކެވެ. ދުވަހަކުވެސް ދައްކާފައި ނުވާފަދަ މަސައްކަތްތަކެކެވެ. އެއްވެސް ނިޝާނެއް ނުބަހައްޓާ، ސިއްރުވެރިކަމާއެކު ނިންމަންޖެހޭ ކަންތައްތަކެކެވެ. ނަމެއް ނެތް މީހުންގެ މެދުގައި ބަދަލުވަމުންދިޔަ ފައިސާތަކެކެވެ. އެއްވެސް ލިޔެކިޔުމެއްގައި ނެތް މުއާމަލާތްތަކެކެވެ. ފައިސާ ދޮވުމާއި، މަސްތުވާތަކެއްޗެވެ. ޤާނޫނަށްވުރެ މަތީގައި އުޅޭ މީހުންނަށް ދެވުނު ފައިސާއެވެ. އެ މީހުންނާ އެއްވެސް ގުޅުމެއް އޮތްކަން އެނގެން ބޭނުންނުވާ މީހުންނެވެ. އެމީހުން ބޭނުންވީ އެންމެންގެ ކުރިމަތީގައި ކުށްވެރިވާނެ މީހެކެވެ. ޤުރުބާން ކުރާނެ މީހެކެވެ. އެއީ އޭނާގެ ފިރިމީހާއެވެ.
އަނެއްކާވެސް މިހާރުގެ ހާލަތަށް ރުޖޫޢަވިއެވެ.
އަމީރާގެ ފިޔަވަޅުތައް އަވަސްވިއެވެ.
މާސްކުގެ ދަށުން އޭނާގެ ނޭވާވަނީ އަވަސްވެފައެވެ.
މިހާރު ހުރިހާ ކަމެއްގެ ހަޤީޤަތް ވިސްނެން ފަށައިފިއެވެ. އޭނާގެ ފަހަތުން މީހުން އުޅެނީ ކީއްވެގެންކަމެވެ. އޭނާ ފިލައިގެން ދާން ޖެހެނީ ކީއްވެގެންކަމެވެ. ކެފޭގައި ހުރި މީހާ އޭނާއަށް އެގޮތަށް ބަލަހައްޓައިގެން ހުރީ ކީއްވެގެންކަމެވެ. މިއީ އިއްތިފާޤުން ވާ ކަންތައްތަކެއް ނޫނެވެ. މިކަން އަދި ނިމުނީކީ ނޫނެވެ. އޭނާގެ ފިރިމީހާ ބެދިފައިވާ މަޅިއަކީ ކޮންމެ އެއްޗަކަށް ވިޔަސް، އެކަމުގެ ނުރައްކާ އަދިވެސް އޭނާއާ ހަމައަށް ފޯރަނީއެވެ. އޭނާގެ ދަރިންނާ ހަމައަށްވެސް މެއެވެ.
“މަންމާ.” މާވިން މަޑުމަޑުން ގޮވާލިއެވެ. އަމީރާ ވަގުތުން ދަރިފުޅަށް ބަލާލިއެވެ.
“މަންމަ މިހުރީއޭ.” އޭނާ މަޑުމަޑުން ބުނެލިއެވެ. އަދި ދަރިފުޅުގެ އަތުގައި ބާރަށް ހިފާލިއެވެ. ނަމަވެސް އޭނާގެ ނަޒަރު ހުރީ ކުރިމަތީގައި އޮތް މީހުންގެ ތެރެއަށެވެ. މީހުންގެ ތެރެއިން މީހަކު ފެނޭތޯ އޭނާ ދިޔައީ ބަލަމުންނެވެ. މިހާރު އޭނާއަށް ހަޤީޤަތް އެނގިއްޖެއެވެ. އޭނާ އެ ދުވަނީ ހަމައެކަނި ބިރުގަންނާތީއެއް ނޫނެވެ. އޭނާ އެ ދުވަނީ ނުނިމި އޮތް ބިރުވެރި ކަމަކުން ސަލާމަތްވުމަށެވެ.
މީހުންގަނޑުގެ ތެރެއިން ބާރަށް ހިނގަމުން ދިޔައިރު، އަމީރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޚިޔާލުތައް އެނބުރެމުން ދިޔައެވެ. އޭނާގެ ފިރިމީހާ އޭނާ ރައްކާތެރިކުރިއެވެ. އެއީ ހަޤީޤަތެކެވެ. އޭނާ އުޅުނު އެ ނުބައި ދުނިޔެއާއި، ނުރައްކަލާއި، އެ ހަޑިމުޑުދާރު ކަންތައްތަކާ އަމީރާ ދުރުކުރިއެވެ. އެމީހުންގެ ގެއަކީ އަމީރާގެ ރައްކާތެރި އައްޑަނައަކަށް ހެދިއެވެ. އޭނާގެ ލޯތްބަކީ ތެދުވެރި ލޯތްބެކެވެ. އަމީރާއަށް އެކަން އިހުސާސް ކުރެވެއެވެ. އެކަން އޭނާއަށް އެނގެއެވެ.
އެހެނަސް، އޭނާ މިވަނީ އަމީރާއަށް އެއްވެސް އެއްޗެއް ފަހުމްނުވާ ވަރުގަދަ ތޫފާނެއްގެ ތެރެއަށް ދޫކޮށްލާފައެވެ. އެ ތޫފާނުން މިހާރު ބޭނުންވަނީ ޖަވާބުތަކެކެވެ. އަމީރާގެ އަތުގައި ދޭނެ ޖަވާބެއް ނެތެވެ. ނަމަވެސް އެމީހުން އެކަން ޤަބޫލެއް ނުކުރެއެވެ. އެމީހުން ހީކުރަނީ އަމީރާއަށް ހުރިހާ އެއްޗެއް އެނގޭ ކަމަށެވެ. ފިރިމީހާ އަމީރާ ގާތު ހުރިހާ ވާހަކައެއް ދެއްކި ކަމަށެވެ. ކޮންމެވެސް ތަނެއްގައި ވަޅުލާފައި ނުވަތަ ފޮރުވާފައި، ވަރަށް އަގުހުރި އެއްޗެއް އަމީރާގެ އަތުގައި އޮތް ކަމަށެވެ. ނުރައްކާތެރި އެއްޗެކެވެ. މިހާރު އެމީހުން އެ ހޯދަން އަމީރާ ފަހަތުން އެ އުޅެނީ އެހެންވެއެވެ.
ދަރިންގެ އަތުގައި އަމީރާ ބާރަށް ހިފަހައްޓާލިއެވެ. އޭނާގެ ހިތް އެ ފިރިމީހާގެ ހަނދާންތައް ހަޑިވާކަށް ބޭނުމެއް ނުވެއެވެ. “އޭނާ އަހަރެމެންދެކެ ލޯބިވި.” އެއީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑު ހަޤީޤަތެކެވެ. މިހާރުވެސްމެއެވެ. މިތަނުގައިވެސްމެއެވެ. ނަމަވެސް އެ ލޯތްބަކަށް އޭނާ ސަލާމަތެއް ނުކުރެވުނެވެ. އަދި އަމީރާވެސް ސަލާމަތެއް ނުކުރެވޭނެއެވެ.
ދެން ހުރީ އެ ބުނާ ގޭންގުތަކުގެ ބޮޑު މީހާއެވެ.
ގާއްޑޭއެވެ.
އެ ނަން ހިތަށް އެރުމުންވެސް އަމީރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ކެފޭއިން ފެނުނު މީހާއެވެ. އެންމެ ހިނދުކޮޅެއްގެ ތެރޭގައި އަމީރާ ފާހަގަކުރި މީހާއެވެ. ބިރުގަންނަވަން ހަޅޭއްލަވަން ނުޖެހޭ މީހާއެވެ. އޭނާއަކީ ހަމައެކަނި އަނދިރީގައި އުޅޭ މީހެއް ނޫނެވެ. އޭނާއަކީ ޚުދު އެ އަނދިރިކަމެވެ. އިސްކޮޅުން ދިގު، ހަށިގަނޑު ވަރުގަދަ މީހެކެވެ. އޭނާ ހުރި ތަނެއްގައި މީހުން ހިމޭންވެދެއެވެ. މީހުން އޭނާގެ ނަން ކިޔަނީވެސް ބިރުން ތިބެއެވެ. އެ ނަމާ ދުރުވެއެވެ. ސަބަބަކީ މާލޭގެ އަނދިރި ދުނިޔޭގައި، ގިނަ މީހުންނަށް ނުފެންނަ ހިސާބުތަކުގައި، ގާއްޑޭއަކީ މަޝްހޫރު ނަމެކެވެ. ގޭންގުތައް އޭނާދެކެ ބިރުގަނެ ޖެހިލުންވެއެވެ. މީހުން އޭނާ އައުމުން ދުރަށް ޖެހި މަގުދައްކައިދެއެވެ. މަގު ނުދައްކާ މީހުންނަށް ވަރަށް އަވަހަށް އެކަމުގެ ހިތި ނަތީޖާ ފެނެއެވެ. އޭނާއަކީ ހަމައެކަނި ބާރުގަދަ މީހެއް ނޫނެވެ. އޭނާއަކީ ފަަސޭހައިން ހަނދާނުން ފިލުވަން ދަތި ނުފޫޒެކެވެ. ހަރުކަށި، ރޭވުންތެރި، އަދި ރަހުމެއް ނެތް މީހެކެވެ. މިހާރު އޭނާ އެ ހޯދަނީ އަމީރާއެވެ.
މާސްކުގެ ނިވާކަމުގައި ހުރި އަމީރާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އެ ބަޔަކު މި މީހާ ފޮނުވަންވީ ކީއްވެ ހެއްޔެވެ؟ ގާއްޑޭ ފަދަ ނުރައްކާތެރި މީހަކު ފޮނުވީ ކީއްވެ ހެއްޔެވެ؟ މީގެ މާނައަކީ މިއީ އަމީރާ ހީކުރި ވަރަށްވުރެ މާ ބޮޑު ކަމެކެވެ. މާ ނުރައްކާތެރި ކަމެކެވެ.
“މަންމާ.” ތުރުތުރުލާ އަޑަކުން މީޝާ އަނެއްކާވެސް ގޮވާލިއެވެ. “އައި އެމް ޓަޔަރޑް.”
އަމީރާ މަޑުކޮށްލާފައި ދަރިފުޅުގެ ކުރިމަތީގައި ކަކޫޖަހާލިއެވެ. ހާސްކަމުގެ ތެރޭގައިވެސް ވަރަށް އޯގާތެރިކަމާއެކު މީޝާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ.
“މަންމައަށް އެނގޭ ދަރިފުޅާ.” އޭނާ މަޑުމަޑުން ބުންޏެވެ. “އަދި ކުޑަވަގުތުކޮޅަކު ކެތްކޮށްލާ. އިނގޭ؟”
މާވިން އަމީރާގެ ގައިގައި ލެނގިލިއެވެ. އޭނާގެ ކުޑަކުޑަ ހަށިގަނޑުގައި އަދިވެސް ހުން ހުއްޓެވެ. އެކަމުގެ ސަބަބުން އަމީރާ އިތުރަށް ބިރުގަތެވެ. މިގޮތަށް ދުވެދުވެއެއް ނުތިބެވޭނެއެވެ. ދާނެ ތަނެއް ބޭނުމެވެ. އިތުބާރު ކުރެވޭނެ މީހަކު ބޭނުމެވެ. އެކަމަކު އެއީ ކާކު ހެއްޔެވެ؟
އަމީރާގެ ސިކުނޑީގައި މީހުންގެ ސޫރަތަކާއި ނަންތައް އެނބުރެމުން ދިޔައެވެ. ދެން ކުއްލިއަކަށް މީހަކު ހަނދާންވިއެވެ. އެއީ އުންމީދު ކުރި މީހެއް ނޫނެވެ. ނުރައްކާތެރި މީހެކެވެ. އެކަމަކު ފަހަރެއްގައި.. އެއީ އެމީހުންނަށް އޮތް ހަމައެކަނި ފުރުސަތެވެ.
އަމީރާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމައެކަނި ބިރުވެރިކަމެއް ނޫނެވެ. ގޮތެއް ނިންމައިފިކަމުގެ ނިޝާނެވެ. އޭނާ ދަރިން ގޮވައިގެން މީހުން ގިނަ މަގުން ނެއްޓި، ހަނި ގޯޅިއަކަށް ވަނެވެ. މީހުންގެ ލޮލަށް ނުފެންނާނެ ހިސާބަކަށެވެ. ހިމޭން، ނުރައްކާތެރި ދިމާއަކަށެވެ. ސަބަބަކީ އޭނާގެ ފަހަތުގައި، އެ ދައުރުވާ މީހުންގަނޑުގެ ތެރޭގައި، ގާއްޑޭ އަދިވެސް އެބައުޅެއެވެ. މިފަހަރު، އޭނާ އަމީރާ އަތުން ދޫވިޔަކަ ނުދޭނެއެވެ.
(ނުނިމޭ)
