ކެތްތެރިކަން ކޮޅުންލުން
ދޮރު ލެއްޕުނު އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ. ބާރަށެވެ. މާލޭގެ އެ ހަނި ގޯޅިގަނޑުގައި ހުރި ގޭގެ ކޮރިޑޯތެރޭގައި އެ އަޑު ހިފާލިއެވެ. އަމީރާއަށް ރައްދު އަމަލެއް ދޭނެ ފުރުސަތެއް ލިބުމުގެ ކުރިން ގަދަކަމުން އޭނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. “ހިނގާ!” ގާއްޑޭގެ އަޑުގައި މިހާރު އެއްވެސް މަޑުމައިތިރިކަމެއް ނެތެވެ. ކޮންޓްރޯލެއް، ކެތްތެރިކަމެއް ނެތެވެ. ހުރީ ހަމައެކަނި ރުޅިވެރިކަމެވެ. އޭނާ އަމީރާ ދަމާފައި ކުރިއަށް ގެންދިޔައެވެ. ވަރަށް ބާރަށެވެ. އެގޭގެ ފަހަތުގައި ހުރި ކުޑަ، ކުނިވަސްދުވާ އަނދިރި ހޮހޮޅައެއް ކަހަލަ ކޮޓަރިއަކަށް އޭނާ ވައްދަނިކޮށް، އެ ދޮރުގެ ކަނެއްގައި އަމީރާގެ ލައިގެން ހުރި މަތި އަޅައިގަނެ ކުޑަކޮށް ވީދައިގެން ދިޔައެވެ. ހުއްޓުމެއް ނެތެވެ. އަމީރާ އެތަނުގައި އަތް އަޅައިގެން ނިވާކުރަން މަސައްކަތްކުރިއެވެ.
ކޮޓަރިތެރޭގެ ވަސް ވަގުތުން އޭނާގެ ނޭފަތުގައި ޖެހުނެވެ. ތެތް ބަންދުވެފައިވާ ވަހެވެ. ފަޅުކަމެވެ. ގާއްޑޭ އޭނާ ގޮނޑިއަކަށް ވައްޓާލިއެވެ. ލަކުޑި ގޮނޑި ތަޅުންގަނޑުމަތީގައި ދަމާލި އަޑު ބާރަށް އިވުނެވެ. އަމީރާގެ އަތަށް އެރި ތަދާއެކު، އޭނާ ގޮނޑީގެ ދެފަރާތުގައި ބާރަށް ހިފަހައްޓާލިއެވެ. ބަން! ކުރިމަތީގައި ހުރި މޭޒުމަތީގައި ގާއްޑޭގެ ދެއަތުން ބާރަށް ޖެހިއެވެ. އެ އަޑާއެކު އަމީރާ ސިހިގެން ދިޔައެވެ. މިއީ ނިމުމެވެ. ގާއްޑޭގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދެން މިވަގުތު ނިވާވާން ކޮންމެހެން މަސައްކަތެއް ކުރަން ވިސްނަަކަށް އޭނާ ބޮލަކު ނެތެވެ.
“ކޮބައިތަ އެ؟” އޭނާ ހަޅޭއްލަވައިގަތެވެ.
“އަހަރެން ބުނެފީމެއްނު”
“އަހަންނަށް ދޮގުނުހަދާ!” އޭނާ ބާރަށް ހަޅޭއްލަވައިގަތެވެ. ދެން ހިމޭންކަމެވެ.
އަމީރާގެ ހިތްވަރު އެލެން ފެށިއެވެ. “އަޅެ ޕްލީޒް.. ސްޓޮޕް ދިސް!” އޭނާ މަޑުމަޑުން ބިރުން ހުރެ ބުންޏެވެ. އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “އަހަރެމެންނަށް ތިހެން ނަހަދާ” އޭނާގެ ބަސްތައް މިހާރު އޮހެމުން ދިޔައެވެ. އަވަހަށް މާޔޫސްކަމާއެކުގައެވެ. “އަހަރެމެންނަކީ ތިވަރުގެ އަދަބެއް ލިބެންޖެހޭ ބައެއް ނޫން. އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް.. ފައިސާއެއް ނެތް، ގެދޮރެއް ނެތް، ހިމާޔަތެއް ނެތް.. އެހީވާނެ މީހަކުވެސް ނެތް..” ލޮލުން ކަރުނަ އޮހެން ފެށުމާއެކު، އޭނާގެ މޭ ފިތޭ ފަދަ އިހުސާސެއް ކުރެވުނެވެ. ހުއްޓުމެއް ނެތް ކަރުނައެވެ. “އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް..” އަމީރާއަށް ރޮވެން ފެށިއެވެ. ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ.
ގާއްޑޭ އެއްވެސް އެއްޗެއް ނުބުނެއެވެ. ގުޑުމެއްވެސް ނާރުވައެވެ. ކުޑަވަގުތުކޮޅަކަށް ހަމައެކަނި ބަލަން ހުރީއެވެ. ދެން ކުއްލިއަކަށް އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަދި އަމީރާގެ އަތުގައި ހިފައި އުފުލާލީ ބާރަށެވެ. ކައިރިޔަށް ގެނެސް އޭނާގެ އަތުގެ ތެރެއަށެވެ. ގާއްޑޭ އޭނާގެ ގައިގައި ބާރަށް ބައްދާލާ މެޔާ ލައި ބާރު ކޮށްލިއެވެ. ދޫކުރުމެއް ނެތެވެ. ކުޑަ ހިނދުކޮޅަކަށް ހަމަ ހިމޭންކަމެވެ. ހޫނު ނޭވާ އަދި ބާރަށް ތެޅެމުންދާ ހިތުގެ އަޑެވެ. އަނިޔާވެރިކަމެއް ނެތެވެ. އެ ވަގުތުކޮޅު އެކަންޏެވެ. ގާއްޑޭގެ ގައިން ދުވާ ތޫނު، ވަރުގަދަ ވަސް އަމީރާއަށް އިހުސާސްވިއެވެ. އޭނާ އިހުސާސްތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރިއެވެ. އަމީރާއަށް އެއްވެސް ކަމެއް ކުރެވުމުގެ ކުރިން ގާއްޑޭގެ އަތް އަމީރާގެ އިސްތަށިގަނޑާ ދިމާއަށް ގެންދިޔައެވެ. އިސްތަށިގަނޑުގައި ޖަހާފައި އިން ދަތި ނެއްޓުނެވެ. އަދި ބިންމައްޗަށް ވެއްޓުނެވެ. އަމީރާގެ ތެތް އިސްތަށިގަނޑު ނިއުޅުވި، އޭނާގެ ކޮނޑުމައްޗަށް ފޭބިއެވެ. ގާއްޑޭގެ ފަރާތުން މާޔޫސްކަމުގެ ފުން ނޭވާއެއް ބޭރުވިއެވެ. މިފަހަރު އެއީ ރުޅިއެއް ނޫނެވެ. އެހެން ކަމެކެވެ. ދެބަސްވުންތަކެއް ހިތުގައި އުފެދިފައިވާ ފަދައެވެ.
“ކަލޭ އަހަރެންނަށް ކީއް ތިކުރަނީ؟” އޭނާ މަޑުމަޑުން އުނދަގޫވެފައިހުރި ރާގަކަށް ބުންޏެވެ. އަމީރާގެ ހިތުގެ ތެޅުން އިތުރަށް އަވަސްވިއެވެ. ގާއްޑޭގެ ހިފެހެއްޓުން ކުޑަކޮށް ބާރުކޮށްލިއެވެ. އަނީޔާވާ ވަރަކަށް ނޫނެވެ، ނަމަވެސް އޭނާ ދިޔަނުދީ ހިފަހައްޓާލުމުގެ ގޮތުންނެވެ. “ކަލޭ އެހެން މީހުންނާ ތަފާތު.” އޭނާ ކުރިއަށް ގެންދިޔައެވެ. “ތި އާދޭސްކުރަނީ އެހެން މީހުން ކުރާ ގޮތަކަށް ނޫން. ކަލެއަށް ދޮގު ހަދާކަށް ނޭނގެ. އެކަމަކު ކޮންމެވެސް ކަމެއް އެބަ ފޮރުވާ.” އަމީރާ އޭނާއަށް ބަލަން ހުއްޓެވެ. ބިރުވެރިކަމާއި ފޫހިކަމެވެ. ނުކިޔަމަންތެރިކަމެވެ. މި ހުރިހާ އިހުސާސެއް އެއްފަހަރާ ކުރެވުނެވެ. ދެން ގާއްޑޭގެ ބަސްތައް މާ ފިނިވިއެވެ. ނުރައްކާތެރިވިއެވެ. ގާއްޑޭ އޭނާ ގެ އަތުން އަމީރާގެ އިސްތަށިގަނޑުގައި ފިރުމަމުން ގޮސް އިރައިގެން ގޮސް ހުރި އަމީރާގެ މައްޗަށް ނަޒަރު ހުއްޓާލިއެވެ. އިނގިލިތަކުން އެ ދިމާލުގައި މަޑުމަޑުން އަތް ހާކާލިއެވެ، ވަރަށް ނާޒުކު އެއްޗެއް ފަދައިންނެވެ.
“މަށަށް ފެންނަނީ ކަލޭ މަގޭ މީހެއް ގޮތުގައި ބަހައްޓަން.” އޭނާ ބުންޏެވެ. “އޭރުން.. ކަލެއަށް ހުންނާނެ ތަނާ، ފައިސާ އަދި އަހަރެންގެ ހިމާޔަތް ލިބޭނެ. ނުދެވޭނެ. ދޮގެއް ނުހެދޭނެ.”
އަމީރާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ސިހުން ފިލައިގެން ދިޔައެވެ. އަދި އޭގެ ބަދަލުގައި ވަރުގަދަ އަޒުމެއް އައެވެ. “ނޫން!” އެ ބަސް ބޭރުވީ ވަރަށް ސާފުކޮށް، ބާރަށެވެ. ގާއްޑޭ ހުއްޓުން އެރިއެވެ. “އަހަރެންނަކީ ތިކަހަލަ މީހެއް ނޫން. އަހަރެން ދުވަހަކުވެސް ތިގޮތް ޚިޔާރެއް ނުކުރާނަން.” އަމީރާ ރުޅިވެރިކަމާއެކު ބުންޏެވެ. އޭނާގެ އަޑު ތުރުތުރުލަމުން ދިޔަ ނަމަވެސް، އޭގައި ސާބިތުކަން ހުއްޓެވެ. “އަހަރެން ތިގޮތަކަށް ދިރިއެއް ނޫޅޭނަން. ދުވަހަކު މީހަކު ނުވިޔަސް.”
ގާއްޑޭގެ ދެލޯ ކަޅުވެގެން ދިޔައެވެ. އޭނާ ހައިރާނެއް ދެރައެއްވެސް ނުވެއެވެ. ނަމަވެސް އެއީ އޭނާއަށް ކުރިމަތިލާން ޖެހުނު ގޮންޖެހުމެކެވެ. ދެމީހުންގެ ދެމެދުގައި ވަރަށް ގިނަ ވަގުތު ފާއިތުވެގެން ދިޔައެވެ. ދެން ލަސްލަހުން އޭނާ އަމީރާގެ ގައިން ދޫކޮށްލިއެވެ. ފަހަތަށް ޖެހުނެވެ. އަމީރާގެ ފައި ކޮންމެވެސް ވަރަކަށް ތުރުތުރުލަމުން ދިޔަ ނަމަވެސް، އޭނާ ކޮޅަށް ހުއްޓެވެ. ބާރަށް ނޭވާލަމުންނެވެ. ބަލިނުވެއެވެ. ގާއްޑޭ މިހާރު އޭނާއަށް ބަލަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ތަފާތު ގޮތަކަށެވެ. ހުރިހާ ކަމެއް އަލުން ވަޒަންކުރާ ފަދަ ގޮތަކަށެވެ.
“ކަލޭ ތީ ވަރަށް ހިތްވަރުގަދަ އަންހެނެއް.” އޭނާ މަޑުމަޑުން ނުލަފާ ހިންޏެއް އައިއްސަ ހުރެ ބުންޏެވެ. “ނޫނީ ވަރަށް ބޮޑު މޮޔައެއް.” މިހެން ބުނުމަށްފަހު ޖީބުން ފޯނުނަގައި އޭނާ ބޭރަށް ނިކުތެވެ.
އަމީރާއަށް ގުޑައިވެސް ނުލެވުނުތާ ބަހެއްވެސް ބުނެނުލެވުނެވެ. އޭނާ ހުރީ ގާއްޑޭ އޭނާ ދޫކޮށްލި ތަނުގައެވެ. ހިތް އޮތީ ބާރަށް ތެޅިތެޅިއެވެ. ނޭވާ ހުރީ އަވަސްވެފައެވެ. ނަމަވެސް، އޭނާގެ ސިކުނޑި މިހާރު ވަނީ ހޭލައިފައެވެ. އޭނާ ކަނުލައި އަޑުއަހަން ފެށިއެވެ. އެހެނީ، އެ ދޮރުގެ ބޭރުގައި ގާއްޑެ ހުރީ ފޯނެއްގައެވެ. އަދި މިފަހަރު.. އަމީރާއަށް ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. ފާޅުކަން ބޮޑު ގޮތެއްގައެވެ. އެއްވެސް ފަރުދާއެއް ނެތިއެވެ.
“މި އަންހެންމީހާ އެއްވެސް އެއްޗެއް ކިޔައެއް ނުދޭ.” އޭނާ ރުޅިގަދަވެފައި ހުރި ރާގަކަށް ބާރަށް ބުންޏެވެ. “ލިޔެކިޔުމެއް، ހާޑް ޑްރައިވެއް، ފައިލެއް.. އެއްވެސް އެއްޗެއްގެ ވާހަކައެއް އަދި ނޭނގޭ.” ކުޑަ ވަގުތުކޮޅަކަށް ހިމޭންވިއެވެ. އަމީރާގެ މޭ ފިތެން ފެށިއެވެ. ލިޔެކިޔުންތަކޭ ހެއްޔެވެ؟ ހާޑް ޑްރައިވްތަކޭ ހެއްޔެވެ؟ ފައިލްތަކޭ ހެއްޔެވެ؟ އޭނާގެ ފިރިމީހާ އުޅުނީ ކޮންފަދަ ކަމެއްގެ ތެރޭގައި ހެއްޔެވެ؟
“އެ ތަކެތި އޭނާގެ ގޭގައެއް ނެތް.” ގާއްޑޭ ކުރިއަށް ގެންދިޔައެވެ. “އަހަރެމެން މިހާރު އެގެ އެފުށް މިފުށަށް ޖަހައި ބަލައިފިން.” އަމީރާގެ މޭ ނުބައިކޮށްލިއެވެ. އެމީހުން އޭނާގެ ގެ ސުންނާފަތިކޮށްލީއެވެ. ހުރިހާ އެއްޗެއް ނައްތާލީއެވެ.
“އެކަމަކު ހާސްނުވޭ.” ގާއްޑެގެ އަޑު މިފަހަރު މަޑެވެ. “އަހަރެން އެ އެއްޗެހި ހޯދާނަން. އަދި އެ ތަކެތި ނައްތާލާނަން.”
ނައްތާލުން އެ ބަސް އަމީރާގެ ސިކުނޑީގައި ގުގުމައިގަތެވެ.
“ބޮސްއަށް ނުވަތަ އަހަރެންގެ މީހުންނަށް ދޭން އުޅޭ ކޮންމެ ގެއްލުމަކީ އަދި ނުރައްކަލަކީ..” އޭނާ ސާބިތުކަމާއެކު ބުންޏެވެ. “އަހަރެން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމެއް.” އަނެއްކާވެސް ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދެން “މި އަންހެންމީހާގެ އާއިލާއެއް ނެތް. ތިމާގެ މީހަކުވެސް ނެތް.” އަމީރާގެ އަތުގެ އިނގިލިތައް މަޑުމަޑުން ބާރުވެލިއެވެ. އެއްވެސް މީހަކު ނެތީއެވެ. އެމީހުން އޭނާއާ ދޭތެރޭ ދެކޭ ގޮތަކީ އެއީއެވެ. އަޅާލާނެ މީހެއް ނެތް، އެކަނިވެރި މީހެއްގެ ގޮތުގައެވެ.
“މާޒިން މީނާ އިޚްތިޔާރުކުރީ ވަރަށް ބަލައިގެން ވިސްނާފައި.” ގާއްޑެ ބުންޏެވެ. “ރައްކާތެރި އަނތްބެއް. އެއްވެސް ގުޅުމެއް ނެތް. ނުރައްކަލެއް ނެތް.” ރައްކާތެރި މިހާރު އެ ބަސް އަމީރާއަށް އިވެނީ ވަރަށް ހިތްދަތި މަލާމާތެއްގެ ގޮތުގައެވެ. “ރާއްޖޭން ބޭރުގައި މަދު ރައްޓެހިންތަކެއް ތިބޭ.” އޭނާ ފަރުވާކުޑަ ގޮތަކަށް ބުންޏެވެ. “އެއީ އެއްވެސް ބޭނުމެއް ހުރި ބައެއް ނޫން.” އަމީރާގެ ނޭވާލުން މަޑުޖެހުނެވެ. ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް އެތެރެހަށީގައި ކޮންމެވެސް ކަމެއް ބަދަލުވަމުން ދިޔައެވެ. ވަރަށް ހަލުވިކޮށެވެ.
“ދެން ހުރީ މާޒިންގެ ދުރު ބޮޑުބޭބެއެއް.” ގާއްޑޭ އެންމެ ފަހުން ބުންޏެވެ. “ރަށެއްގައި އުޅޭ މީހެއް. އަދިވެސް އަހަރެމެން މިދަނީ އެމީހާ ހޯދަން މަސައްކަތްކުރަމުން.” އަމީރާގެ ލޯ ބޮޑުވެގެން ދިޔައެވެ. ބޮޑުބޭބެ. އޭނާގެ ސިކުނޑި ވަގުތުން މަސައްކަތް ކުރަން ފެށިއެވެ. އެއީއެވެ. ދެން ހުރި ހަމައެކަނި މީހަކީ އެއީއެވެ. އޭނާގެ ފިރިމީހާގެ ހަޤީޤަތާ ގުޅިފައިވާ ހަމައެކަނި މީހަކީ އެއީއެވެ. ހުރިހާ ކަމެއް އެނގިދާނެ ހަމައެކަނި މީހަކީ އެއީއެވެ.
ފޯނު ކޯލު ކެނޑިއްޖެއެވެ. ހިމޭންކަން ވެރިވިއެވެ. ދެން ދޮރު ހުޅުވުނެވެ. އަމީރާއަށް ވިސްނާލާނެ ވަގުތެއް ނުލިބުނެވެ. ގާއްޑެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކޮޓަރި ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާގެ އަތުން އަމީރާގެ ލައިގެން ހުރި މަތީގައި ހިފައި ބާރަށް ކުރިއަށް ދަމައިގަތެވެ.
“ކަލޭ..” އޭނާ ބާރަށް ބުންޏެވެ. އެ އަޑުގައި ވަނީ ނަފުރަތުގެ އަލިފާނެވެ. “ކަލޭ މިކަން ދަތިކުރި ވަރަކަށް..” އޭނާ އަމީރާގެ މޫނާ ކައިރިވެލިއެވެ. “ކަލެއާއި ކަލޭގެ ދަރިންނަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަން އަހަރެން ކަށަވަރު ކުރާނަން.” އަމީރާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިހާރު އޭނާގެ އެތެރެހަށީގައި ކޮންމެވެސް ކަމެއް ބަދަލުވެއްޖެއެވެ. ބިރުވެރިކަން އަދިވެސް އެބަހުއްޓެވެ. ނަމަވެސް މިހާރު ހުރީ ހަމައެކަނި ބިރެއް ނޫނެވެ.
“ތީ ވަހުޝީ، ނުލަފާ، ގޮތެއްފޮތެއް ނެތް ޕާޓޭއެއް!” އަމީރާ ރުޅިވެރިކަމާއެކު މަޑުމަޑުން ބުންޏެވެ. އޭނާއަށް އެ ބަސްތައް ބޭރުކޮށްލެވުނީ ހުއްޓުވުމެއް ނެތި ބޭއިޚްތިޔާރުގައެވެ. މުޅި ކޮޓަރި ހިމޭންވިއެވެ. ސިކުންތުކޮޅަކަށް ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. އަދި އަމީރާ ގާއްޑޭގެ ލޮލަށް ބަލަހައްޓައިގެން ހުރެ ޖެހިލުމެއް ނެތި ބުންޏެވެ. “މާތް ﷲ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވޭ.” އަޑު ތުރުތުރުލީ ނަމަވެސް އެ އަޑުގައި ސާބިތުކަން ހުއްޓެވެ. “އަދި ކޮންމެވެސް ދުވަހަކުން.. ތި ކުރާ ކަންތައްތަކަށް ޖަވާބުދާރީވާން ޖެހޭނެ.”
ހިމޭންކަން ވެރިވިއެވެ. ގާއްޑެ ވަގުތުން އެއްވެސް ރައްދެއް ނުދެއެވެ. ހަޅޭއްލަވައެއް ނުގަނެއެވެ. ހަމަލާއެއް ނުދެއެވެ. އޭނާ ހަމައެކަނި އަމީރާއަށް ބަލަހައްޓައިގެން ހުރީއެވެ. ވަރަށް ގިނައިރު ވަންދެންނެވެ. ފުންކޮށެވެ. އޭނާއަށް ފަހުމްނުވާ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. ދެން މަޑުމަޑުން އޭނާ އަމީރާގެ މަތިން ދޫކޮށްލިއެވެ. އެއީ އޯގާތެރިކަމަކުން ނޫނެވެ. ރަހުމެއް ހުރެގެންނެއްވެސް ނޫނެވެ. އެހެން ކޮންމެވެސް ކަމެއްގެ ސަބަބުންނެވެ. ދެނެގަންނަން ނޭނގޭ ފަދަ ކަމެކެވެ.
އޭނާ ފަހަތަށް ޖެހުނެވެ. އަދި ފުރަތަމަ ފަހަރަށް އޭނާގެ ސާބިތުކަމަށް ކުޑަ ލޮޅުމެއް އެރިކަން ފާހަގަވިއެވެ. އެހެނީ މިހާރު އަމީރާއަށް ކޮންމެވެސް ކަމެއް އެނގިއްޖެއެވެ. ހުރިހާ ކަމެއް ނޫނެވެ. ނަމަވެސް ފުދޭވަރަކަށެވެ. މިއީ ހަމައެކަނި ސަލާމަތްވުމުގެ ވާހަކައެއް ނޫންކަން ވިސްނޭ ވަރަށެވެ. އޭނާގެ ފިރިމީހާ ދޫކޮށްފައި ދިޔަ ތަކެތީގެ ވާހަކައެވެ. އެ ބޮޑުބޭބެގެ ވާހަކައެވެ. އެ ރަށުގެ ވާހަކައެވެ. މާލެއާ ދުރުގައި ފޮރުވިފައިވާ ސިއްރުތަކުގެ ވާހަކައެވެ. ފަހަރެއްގައި ވިލަރެސްފުށީގައި ނުވަތަ އެއަށްވުރެ ދުރު ރަށެއްގައި ހިމޭންކަމާއެކު އިންތިޒާރުގައި ހުރި ސިއްރުތަކެވެ.
އަމީރާއަށް އެއްޗެއް ވިސްނިއްޖެއެވެ. އަމާޒެއް ކަނޑައެޅުނެވެ. އަދި ވަރަށް ގިނަ ކަންތައްތައް ސާފުވިއެވެ. މިހާރު މިސްރާބެއް ފެނިއްޖެއެވެ. އަދި އެކަމުން ހުރިހާ ކަމެއް ބަދަލުކޮށްލެވިއްޖެ ނަމަ އޭނާއަކީ ހަމައެކަނި ފިލަން ދުވާ މީހެއް ނޫނެވެ. އޭނާއަކީ ހޯދަން ނުކުމެ ކުރިމަތިލާން ތައްޔާރަށް ހުރި މީހެކެވެ.
(ނުނިމޭ)
