ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެޓާ އާއި ގޫގުލް އިން ކުޑަކުދިން ދެވިހިފާ ގޮތަށް ސޯޝަލް މީޑިއާ ފަރުމާކުރި ކަމަށް ކޯޓުން ނިންމައިފި

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކުޑަކުދިން ދެވިހިފާ ގޮތަށް ގަސްދުގައި ފަރުމާކޮށްފައިވާ ކަމަށް ކަނޑައަޅައި، މެޓާ އާއި ގޫގުލްގެ މައްޗަށް ޖޫރީއަކުން ތާރީޚީ ހުކުމެއް އިއްވައިފިއެވެ.

ލޮސް އެންޖެލިސް ކައުންޓީ ސުޕީރިއާ ކޯޓުގައި ހަތް ހަފުތާ ވަންދެން ހިނގި މި ޝަރީޢަތަކީ މިފަދަ މައްސަލައެއް ޖޫރީއެއްގެ ކުރިމައްޗަށް ގެނެވުނު ފުރަތަމަ ފަހަރެވެ. މި މައްސަލައަކީ ޓެސްޓް ކޭސްއެއްގެ ގޮތުގައި ބޭނުންކުރެވުނު މައްސަލައެކެވެ. މިވަގުތު ޤާނޫނީ ނިޒާމުގައި މިފަދަ އެތައް ސަތޭކަ މައްސަލައެއް އެބައޮތެވެ. އަދި މި ނިންމުމުގެ ސަބަބުން އެ މައްސަލަތަކަށް ވެސް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

މި ދައުވާ ހުށަހެޅީ ކޭލީ ނަމަކަށް ކިޔާ 20 އަހަރުގެ އަންހެނެކެވެ. އޭނާ ބުނި ގޮތުގައި އުމުރުން ހަ އަހަރުގައި ޔޫޓިއުބް ބޭނުންކުރަން ފެށި ކަމަށާއި، ނުވަ އަހަރުގައި އިންސްޓަގްރާމް ބޭނުންކުރަން ފެށި ކަމަށެވެ. އޭނާގެ ހެކިބަހުގައި ބުނީ ސޯޝަލް މީޑިއާގައި ހުރިހާ ވަގުތެއް ހޭދަކުރި ކަމަށާއި، ޢާއިލާއާ ދުރުވި ކަމަށާއި، 10 އަހަރުގައި ޑިޕްރެޝަން އާއި އެންޒައިޓީ ޖެހެން ފެށި ކަމަށެވެ. ޖޫރީން ކޭލީ އަށް ޖުމްލަ 6 މިލިއަން ޑޮލަރު ދިނުމަށް ނިންމިއެވެ. އޭގެ ތެރޭގައި 3 މިލިއަން ޑޮލަރުގެ ބަދަލާއި، މެޓާގެ މައްޗަށް 2.1 މިލިއަން ޑޮލަރު އަދި ގޫގުލްގެ މައްޗަށް 900،000 ޑޮލަރުގެ ބަދަލު ހިމެނެއެވެ. ސްނެޕްޗެޓް އާއި ޓިކްޓޮކް ވަނީ ޝަރީޢަތް ފެށުމުގެ ކުރިން ކޭލީ އާ އެކު ސެޓްލްމަންޓަކަށް އައިސްފައެވެ.

ޤާނޫނީ ފާމް ފްރީތުސްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އެންޑް މީޑިއާ ޕާޓްނަރު އައޯނާ ސިލްވަމަން ބުނީ

“މި މައްސަލައަކީ ވޯޓާޝެޑް މޮމެންޓެއް. ޢާންމުންނާއި ސަރުކާރުތަކާއި އަދި މިހާރު އެމެރިކާގެ ޤާނޫނީ ނިޒާމުން ވެސް ސާފުކޮށް ބުނެފައި އެވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެ ކުންފުނިތަކުން އުފައްދާ ޕްރޮޑަކްޓްތަކުގެ ޒިންމާ ނަގަންޖެހޭ ކަމަށް”.

މި ނިންމުމުގެ ސަބަބުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަސައްކަތްތަކަށް ވެސް އަސަރުކުރާނެ ކަމަށް ބެލެވެއެވެ. އޮސްޓްރޭލިއާގައި 2025 ވަނަ އަހަރުގެ ފަހުކޮޅު ސޯޝަލް މީޑިއާ ބޭނުންކުރެވޭ އެންމެ ދަށް އުމުރު 16 އަހަރަށް ކަނޑައެޅި ޤާނޫނެއް އަމަލުކުރަން ވަނީ ފަށައިފައެވެ. އަދި އިނގިރޭސިވިލާތުގައި ވެސް އެފަދަ ޤާނޫނެއް ވަނީ ވިސްނަމުންނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސާ ކިއާ ސްޓާމާ ވިދާޅުވީ “މިހާރު އޮތް ގޮތް އެކަށީގެން ނުވާ” ކަމަށާއި “ކުޑަކުދިން ރައްކާތެރިކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ” ކަމަށެވެ. އަދި “16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ” ކަމަށާއި “ސޯޝަލް މީޑިއާގެ ދެވިހިފާ ފީޗާތަކާ ގުޅޭ ގޮތުން އިތުރު ފިޔަވަޅު އެޅުމަށް ވަރަށް ބޮޑަށް ބޭނުންވާ” ކަމަށް ވެސް ވިދާޅުވިއެވެ. މެޓާ އާއި ގޫގުލް ވަނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top