ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މެހެކް – ނުވަވަނަ ބައި

“އިޝާން.” އިޝާންގެ އަތުގައި ހިފާލަމުން މެހެކް ގޮވާލިއެވެ. އިޝާން ބަލައިލިއެވެ.

“މިއަދު އަހަރެން މިތަނަށް މި އައީ ވަކި ބޭނުމެއްގައި. އިޝާން މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ގާތު ކައިވެންޏަށް އެދުނީމެއްނު. އަހަރެން އެކަމާ ވަރަށް ވިސްނައިފިން. އަދި ގޮތެއްވެސް ނިންމައިފިން.” މެހެކް ބުނެލިއެވެ.

އިޝާންގެ ހިތް ތަފާތު ގޮތަކަށް ތެޅިގަތެވެ. މެހެކް ދޭނީ ކޮން ޖަވާބެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. ރަނގަޅު ގޮތެއް ވާނެކަމަށް އޭނާ އުންމީދުކުރެއެވެ.

“މިހާރު ވެސް ވަރަށް ގިނަ ދުވަހު އަހަންނަށް އިޝާން އިންތިޒާރުގައި ބެހެއްޓިއްޖެ. އެހެންވެ އަހަރެން ހިތަށްއެރީ އުންމީދެއް ދީފައި އިތުރަކަށް ނުބަހައްޓާނަމޭ. މިއަދު ޖަވާބެއް ދޭނަމޭ.” މެހެކް ބުނެލިއެވެ.

އިޝާންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. މެހެކްއެވެ. އަހަންނަށް ތިހެން ނުހަދާށެވެ. ތިހާވަރަށް އަހަރެން ނުތަޅުވާށެވެ. ކޮންމެވެސް ޖަވާބެއް ދޭށެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ.

“އިޝާން. ވަރަށް ބޮޑަށް ސޮރީ.” މެހެކް ބުނެލިއެވެ. އިޝާންއަށް ބޭއިޚްތިޔާރުގައި މެހެކްގެ އަތުން އަތް ދަމައިގަނެވުނެވެ.

“އިޝާން. ސޮރީ. އަހަންނަށް ވަރަށް ގިނަ ދުވަހު އިޝާން އިންތިޒާރުގައި ބެހެއްޓިއްޖެ. އެކަމަކު އަހަރެން ވިސްނާލަން ހަމަ ވަގުތު ބޭނުންވީ. މިއަދު އަހަރެން ހިތުގެ އެންމެ ފުނުން އިޝާންއަށް ޖަވާބުދޭން ބޭނުން. އަހަރެން އިޝާންއާ އިންނަން ޤަބޫލު.” މެހެކްގެ ޖަވާބުން އިޝާންއަށް ހީވީ އޭނައަށް ގެއްލުނު ހުރިހާ އެއްޗެއް އަނބުރާ ލިބުނު ހެންނެވެ.

“އަސްލުވެސްތަ؟ ތީ ސަމާސާއެއް ނޫން ދޯ؟” އިޝާންއަށް އަހާލެވުނެވެ. މެހެކް ބޯޖަހާލިއެވެ.

އިޝާން ބޭނުންވީ އެވަގުތު މެހެކް އުރާލާށެވެ. މުޅި ޕާކަށް އަޑު އިވޭވަރަށް އެކަން އިއުލާނުކޮށްލާށެވެ. މެހެކް ގޮވައިގެން އުދުއްސައިގަންނަންވެސް އޭނާ ބޭނުންވިއެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފިނަމަ މެހެކް ލަދުގަނެފާނެތީއެވެ. މެހެކް ލަދުގަންނާނެ ނުވަތަ ދެރަވާނެ އެއްވެސް ކަމެއް އޭނާއަށް އެނގިހުރެ ނުކުރާނެއެވެ.

އިޝާން ގެއަށް ދިޔައީ އެ އުފާވެރި ޚަބަރު މަންމައަށް ދިނުމަށެވެ. ނަމަވެސް ގެއަށް ދިޔައިރު މަންމަ ގެއަކު ނެތެވެ. މަންމަ ގެއަށް އަންނަ އިރެއް ބެލުމަށް ގުޅުމުން ފޯނެއް ނުނަގައެވެ. އޭނާ އެވާހަކަ ބުނަން ބޭނުންވަނީ މަންމަގެ ކުރިމަތީގައި ހުރެއެވެ. މަންމަގެ މޫނުގެ ކުލަވަރު ދެކެން އޭނާ ބޭނުމެވެ. ވުމާއެކު އޭނާ މަންމަ އަންނާނެ އިރަކަށް އިންތިޒާރުކުރަން ފެށިއެވެ.

އަމީނާ ގެއަށް އައީ އިޝާން މަޣްރިބް ނަމާދުން ގެއަށް އައިފަހުންނެވެ. އިޝާން ފެނުމާއެކު ވެސް އަމީނާއަށް ޝައްކުވިއެވެ.

“މަންމަ ކޮންތާކުން؟ މަންމަ ނައިސްގެން އިންނަތާ ކޮންއިރެއް؟ އަންނައިރެއް ބަލަންވެގެން ގުޅަންވެސް ގުޅިން. ފޯނެއްވެސް ނުނަގާ.” ހިތް އަވަސްވެފައިވާ އިޝާން ފުލުފުލުގައި ސުވާލުތައް ކޮށްލިއެވެ.

“ކިހިނެއްވީ؟ މާބޮޑު ޚަބަރެއް ދޭންވީތަ؟” އަމީނާ އައިސް ސޯފާގައި އިށީންނަމުން އެހިއެވެ.

“މަންމައަށް ހީވަނީ ކިހިނެއް؟” އިޝާން އުފާވެފައި އެހިއެވެ.

“މަންމައަށް ހީވާގޮތަށް މި އެހީ.” އަމީނާ ބުންޏެވެ.

“މަންމާ. މެހެކް ކައިވެންޏަށް އެއްބަސްވެއްޖެ.” އިޝާން އުފަލުން ބުނެލިއެވެ.

“މަންމައަށް އެނގުނޭ ދަރިފުޅު ފެންނައިރަށްވެސް. އެކަމަކު ހަމަ ދަރިފުޅުގެ ދުލުން ބުނާއަޑު އަހަން ބޭނުންވީ.” ދަރިފުޅަށްޓަކައި އުފާވެފައި އަމީނާވެސް ބުނެލިއެވެ.

“މަންމަ މިދަނީ ނަމާދަށް. ދަރިފުޅު ބަންޤި ގޮވީމަ ދައްޗޭ އިނގޭ ނަމާދަށް.” އަމީނާ އިޝާންގެ ކޮނޑުގައި އަތް ޖައްސާލާފައި ބުނެލިއެވެ. އިޝާން ބޯ ޖަހާލިއެވެ.

އަމީނާ މާތް ﷲ އަށް ޙަމްދުކުރިއެވެ. އޭނާގެ އެތައް ދުވަހެއްގެ ދުޢާ އިޖާބަ ކުރެއްވީތީއެވެ. އިޝާންގެ މޫނުމަތިން މިއަދު އެ ފެނުނު އުފާވެރި އަސަރުތައް ދުށުމަށް އޭނާ ހާދަ އިންތިޒާރެއް ކޮށްފިއެވެ. އޭނާއަށް މިހާރުވެސް އިޝާންއާ މެހެކްގެ ކައިވެނީގެ ހުވަފެންތައް ދެކެން ފެށިއްޖެއެވެ.

މެހެކްއާއި އިޝާންގެ ކައިވެނީގެ ވާހަކަ ފާޒިލްއަށް އިވުމުން އޭނާގެ ހިތުގައި އަނެއްކާވެސް ހަސަދަވެރިކަން އުފެދުނެވެ. އޭނާ މެހެކްގެ މައިންބަފައިންނާ ބައްދަލުކުރިއެވެ. އަދި ތަފާތު ވާހަކަތައް ދައްކައިގެން އެ ކައިވެނި ހުއްޓުވޭތޯ މަސައްކަތް ފެށިއެވެ.

މެހެކް ގޭގައި ކޭކެއްގެ މަސައްކަތުގައި އުޅެނިކޮށް ގޭގެ ރަނގަބީލު އެޅި އަޑު އިވުނެވެ. މެހެކް ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ތިބީ އޭނާގެ މަންމައާއި ބައްޕައެވެ. އެމީހުން ފެނުމުން އޭނާގެ ހިތުގައި އެމީހުންނަށްޓަކައި އޮތް ލޯބި ހޭލައިގަތެވެ. ފާޒިލް ގާތުން ވަރިވުމުން އެކަމާ ހިތްހަމަނުޖެހިގެން އަނގައިން ނުބުނެ ތިބެފައި އެގެއަށް އެ އައީ އަލަށެވެ. އޭނާ އެމީހުން އެތެރެއަށް ވެއްދިއެވެ. އަދި ސޯފާގައި އިށީންނަން ތަން ދެއްކިއެވެ.

“މަންމާ. ބައްޕާ. ކޯއްޗެއް ބޯނީ؟” މެހެކް އަހާލިއެވެ.

“ތެދެއް މެހެކް. މީހަކާ އިންނަނީއޭ؟” އަމީން އެހިއެވެ.

މެހެކްގެ ސުވާލަށް ޖަވާބެއްވެސް ނުދީ އަމީން ކުރި ސުވާލުން އޭނާގެ ހުރިހާ އުންމީދެއް ފުނޑުފުނޑުވިއެވެ. އޭނާ ހީކުރީ މަންމަމެން އެ އައީ ކުރެވުނު ކުށް އިހުސާސްވެގެން ކަމަށެވެ. އޭނާދެކެ އައިސްފައިވާ ރުޅި މަޑުވެ ހަމަވިސްނުން ލިބިގެން ކަމަށެވެ. ނަމަވެސް އެ ހުރިހާ ހީއެއް ހީއަކަށްވެ ނިމުނީއެވެ.

“މެހެކް. ތިވަރު ކަމެއް ކުރުމުގެ ކުރިން އަހަރެމެން ގާތުވެސް އަހާލިއްޔާ ކީއް ވާނީ؟ ފާޒިލް ކަހަލަ މީހަކު ދޫކޮށްލާފައި ތި މީހަކާ އިނދެގެން އަނެއްކާވެސް ދެރައެއް ލިބިއްޖެއްޔާ މީހުން ކިޔާ އެއްޗެހިން އަހަރެމެންނަށް ބޭރަށް ނުކުމެ އުޅޭކަށް ނުކެރޭނެ.” ރަމީޒާ ބުންޏެވެ.

އެއްވެސް އިޚްތިޔާރަކާނުލައި މެހެކްގެ ލޮލުން ކަރުނަ ހިލުނެވެ. މައިންބަފައިންނަށް އަދިވެސް އޭނާގެ އިހުސާސްތަކަށްވުރެ މުހިންމީ މީހުން ކިޔާނެ އެއްޗިއްސެވެ. އޭނާ ލޯ ފޮހެލާފައި އެމީހުންނާ ކުރިމަތިލިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ހިތްވަރު އަދިވެސް އޭނައަށް ކުރެވޭނެއެވެ. މިއީ އޭނާ ބަލިކަށިވާންވީ ވަގުތެއް ނޫނެވެ.

“މަންމަމެން ތިއައީ ފާޒިލް ފޮނުވައިގެން ދޯ. އަހަރެން ހީކުރީ މަންމަމެން ތި އައީ ކުރިން ވީ ކަންތައްތައް ހަނދާން ނައްތާލާފައި އަލުން ކުރީގެ ގުޅުން އުފައްދަން ކަމަށް. އެކަމަކު އަހަރެން އެންމެ ހާލުގައި ޖެހުނު ދުވަހު އެހީނުވެ، އަހަރެންގެ އިހުސާސްތައް ނުދަނެ މޫނު އަނބުރާލި ބައެއްގެ ފަރާތުން ރަނގަޅު ކަމަކަށް އުންމީދު ކުރެވުނުކަން އެއީ އަހަރެންގެ މޮޔަކަން.” މެހެކް ބުންޏެވެ.

“މެހެކް އަދިވެސް ގޮތްދޫކުރާކަށް ނުވޭ ދޯ.” އަމީނާ ނުރުހުމާއެކު ބުންޏެވެ.

“މަންމަމެންވެސް ކީއްތަ ވާނީ އެންމެ ފަހަރަކު ގޮތްދޫކުރިއްޔާ. މިއަދު އަހަރެންގެ ދިރިއުޅުން މިހެން މި އުޅެން ޖެހުނީ ހަމަ މަންމަމެންގެ ސަބަބުން. އަހަރެން ނުވެސް ދަންނަ މީހަކާ ކައިވެނިކުރީ މަންމަމެންގެ އެދުމަށް ދެކޮޅު ނުހަދަންވެގެން. އެކަމަކު ދެން ނުވާނެ. އެންމެ ފަހަރަކުވެސް މީހުން ކިޔާނެ އެއްޗަކަށް ނުވިސްނާ އަހަންނާ ދޭތެރޭ ވިސްނާލަބަލަ.” މެހެކްގެ އަޑުގައި ޝަކުވާއާއެކު ނުރުހުން އެކުލެވުނެވެ.

“މެހެކް. ތިހެން އަހަރެމެންގެ ނުރުހުމުގައި ކައިވެނިކޮށްގެން އުފާތަކެއް ލިބޭނެކަމަށް ހީވަންޏާ ތީ ވަރަށް ބޮޑު ކުށްހީއެއް. ތި ކައިވެންޏަކަށް އަހަރެން ރުހުމެއް ނުދޭނަން.” އަމީން ބުންޏެވެ.

“ބައްޕާ. ބައްޕަމެން މި ކައިވެންޏާ ނުރުހުނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. މިހާރު އަހަންނަކީ ކުރީގެ މެހެކްއެއް ނޫން. އަހަންނަކަށް މިހާރު ބައްޕަމެންގެ އެހީއެއް ބޭނުމެއް ނުވޭ. މިއަދު އަހަރެން ބޭނުން ކޮންމެ ނިންމުމެއް އަހަރެންގެ އަމިއްލަ އިޚުތިޔާރުގައި ނިންމިދާނެ. އަހަރެން ގޮތެއް ނިންމައިވެސްފިން. އަހަރެން އިޝާންއާ ކައިވެނި ކުރާނަން. ބައްޕަ މިކަން ހުއްޓުވަން އުޅޭނެކަމެއް ނެތް. އެކަމެއް ނުވާނެ. ބައްޕަ ވަލީ ނުދިނަސް ކޯޓުން ކައިވެނި ކޮށްދޭނެ.” މެހެކް ހުރީ ގޮތުގައެވެ.

އަމީން ހުރީ ހައިރާންވެފައެވެ. މެހެކްއަށް އައިސްފައި ހުރި ބޮޑު ބަދަލުންނެވެ. ކުރިން އެމީހުންގެ ކުރިމަތީގައި ބަހެއް ނުބުނާ މެހެކް މިއަދު އެމީހުންގެ ކުރިމަތީގައި އެހާ ކެރިގެން ވާހަކަ ދެއްކީތީއެވެ. އެމީހުންނާ ދެކޮޅަށް ތެދުވީތީއެވެ.

“ސޮރީ ބައްޕާ. އަހަރެން ބޭނުމެއް ނޫން ބައްޕަމެންނާ މިގޮތަށް ވާހަކަ ދައްކާކަށް. އެކަމަކު ބައްޕަމެން އަހަންނަށް މިގޮތަށް ވާހަކަ ދައްކަން މަޖުބޫރު ކުރުވީ. އަހަރެން ބޭނުމެއް ނޫން އިތުރަށް މިގޮތަށް މިވާހަކަ ކުރިއަށް ގެންދާކަށް. އެހެންވީމަ އަހަންނަށް ރަނގަޅީ ދެން ބައްޕަމެން މިގެއިން ދިޔައިއްޔާ. އަދި އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔަން އެނބުރި ނައިއްޔާ.” މެހެކް ބުނެލިއެވެ.

އަމީންއާއި ރަމީޒާ އެގެއިން ނުކުމެގެން ދިޔައީ ބޮޑު ނާކާމިޔާބީއަކާ އެކުގައެވެ. މެހެކްގެ ހިތް ބަދަލުކޮށްލުމަކީ އެމީހުންނަށް ދެން ނުވާނެ ކަމެއްކަން އެމީހުންނަށް ޔަޤީންވިއެވެ. ނަމަވެސް އެމީހުން އަދި ދޫކޮށެއް ނުލާނެއެވެ. އެމީހުން އިޝާންއާވެސް ވާހަކަ ދައްކާނެއެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން އެމީހުން އެ ކައިވެނި ހުއްޓުވާނެއެވެ. ފާޒިލް ކަހަލަ ދަނބިދަރިއަކު އަތުން ބީވެގެން ދިޔަކަ ނުދޭނެއެވެ.

އަމީންއާއި ރަމީޒާ ދިޔުމުން މެހެކްއަށް ސޯފާގައި އިށީނދެވުނެވެ. އޭނާއަށް ރޮވެން ފެށުނެވެ. މައިންބަފައިންނާމެދު ހިތުގައިވާ ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިއެވެ. ދޮރުގެ ރަނގަބީލު އަޅައިލީ އޭނާ އެހެން އިންދައެވެ. އަވަސްއަވަހަށް މޫނު ދޮވެލައިގެން ގޮސް ދޮރު ހުޅުވާލީ އިޝާންކަން އެނގޭތީއެވެ.

“ކިހިނެއްވީ؟” އިޝާންއަށް މެހެކް ފެނުމާއެކު އަހާލިއެވެ.

“ތިބުނީ؟” މެހެކް އަހާލިއެވެ.

“މެހެކް. އަހަންނަށް އެނގެޔޭ މެހެކް ތިހިރީ ރޮއިފައިކަން. ތިހިރީ ދެލޯ ރަތްވެފައި ހުރިވަރު.” އިޝާން ބުނެލިއެވެ.

“އެއީ ލޮލަށް އެއްޗެއް ވެއްޓުނީ.” މެހެކް އޮޅުވާލަން އުޅުނެވެ.

“ދެލޮލަށް ވެސް އެއްޗެއް ވެއްޓުނީ؟ މެހެކްއަކަށް ނޭނގެއެއްނު ދޮގު ހަދާކަށްވެސް.” އިޝާން ބުނެލިއެވެ.

“މެހެކް. އަހަރެމެން މި އުޅެނީ އިންނަން. ކައިވެނީގައި އެންމެ މުހިންމު އެއް ކަމަކީ އިތުބާރު. ތިހެން ކަންކަން ސިއްރު ކުރަންޏާ އިތުބާރަށް ލޮޅުން އަރާނެ. ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް މެހެކްއަށް އަހަންނަށް ކަންކަން ސިއްރެއް ނުކުރެވޭނެ. މެހެކްގެ މޫނުމަތިން އަހަންނަށް އެނގޭނެ މެހެކްއަށް ކަމެއް ވެފައި ހުރިއްޔާ. މިވީ ދުވަސްތަކުގައި އަހަރެން ވަރަށް ރަނގަޅަށް މެހެކް ދަސްކޮށްފިން.” އިޝާން މެހެކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

މެހެކްއަށްވެސް އެކަން އެނގެއެވެ. މިވީ ދެތިން އަހަރުގެ ތެރޭގައި އިޝާން ވަރަށް ރަނގަޅަށް އޭނާ ދަސްކޮށްފިއެވެ. އޭނާގެ މިޒާޖަށް އަންނަ ކުދިކުދި ބަދަލުތަކާއި އޭނައަށް ކަމުދާ ކަންތައްތަކާއި ކަމުނުދާ ކަންތައްތައްވެސް އިޝާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އޭނާ ކަމެއް ބޭނުންވުމުގެ ކުރިން އިޝާންއަށް އެކަމެއް އެނގެއެވެ.

މެހެކް އެންމެފަހުން ގޮތް ދޫކުރިއެވެ. އަދި އޭނާ މަންމަމެން އައި ވާހަކަ ބުންޏެވެ. އަދި އެމީހުން މި ކައިވެންޏާ ދެކޮޅު ވާހަކަވެސް ބުންޏެވެ.

“އެމީހުން މިވަގުތު ހިތްހަމަނުޖެހިފައި ތިއްބަސް އަދި ޤަބޫލުވާނެ. އަހަރެން އެމީހުންނާ ބައްދަލުކުރާނަން.” އިޝާން މެހެކްއަށް ވިސްނައިދިނެވެ.

“ނޫން. މަންމަމެންނާ ބައްދަލުކުރުމުގެ އެއްވެސް ބޭނުމެއް ނެތް. އެމީހުންނަކަށް ނުވިސްނޭނެ. އެމީހުން ބައިތިއްބާ ފާޒިލްއާއެކު.” މެހެކް ބުންޏެވެ.

“ފާޒިލްއާއެކުއޭ!؟” އިޝާންއަށް ބުނެވުނެވެ.

“އާނ. އެމީހުން އައީ އަނެއްކާވެސް އަހަރެން ފާޒިލް ގާތަށް ފޮނުވަންވެގެން. މި ކައިވެނި ނުކުރަން ބުނީ. އެމީހުންނަށް ހުރިހާވެސް އެއްޗަކީ މީހުން ކިޔާނެ އެއްޗެހި. އަހަރެންނަކީ އެމީހުންނަށް އެއްވެސް މީހެއް ނޫން. ވަލީއެއްވެސް ނުދޭނަމޯ ބުނީ.” މެހެކް ބުންޏެވެ.

“ހުރިހާ ކަމެއް އެނގުނީމަވެސް މަންމަމެން ތިބީ ފާޒިލްއާ އެއްކޮޅަށްތަ؟ އަހަންނަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ.” އިޝާން ޤަބޫލުނުކުރެވިފައި ބުންޏެވެ. މެހެކް ބޯ ޖަހާލިއެވެ.

“ހޫމް. ދެން އެވާހަކަ ބާއްވާ. ހިނގާ މިރޭ ބޭރަށް ގޮސްލަމާ. އަޔާލްވެސް ގޮވައިގެން ދާނީ.” އިޝާން އެހެން ބުނެލުމުން މެހެކް ބޯޖަހާލިއެވެ.

ޖެހިގެން އައި ދުވަހު އަމީން ފާޒިލްއާ ބައްދަލުކުރިއެވެ.

“ފާޒިލް. އަހަރެމެން މެހެކްއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިން. އެކަމަކު އެކަމެއް ނުވި. އޭނަ އެ ކައިވެނި ހުއްޓައެއް ނުލާނެ.” އަމީން ބުންޏެވެ.

“އޭނަ ބައްޕަގެ ވާހަކަވެސް އަޑެއް ނޭހިތަ؟ ބައްޕަމެން މަސައްކަތް ކޮށްފީމުތާ. އެވަރުން ފުދޭނެ. އެހެންވީމަ ދެން ތި ޖެހުނީ އަހަންނާތާ. އަހަރެން އެކަން ހުއްޓުވާނަން.” ފާޒިލް ބުނެލިއެވެ.

“އެކަމަކު ކިހިނެއް؟” އަމީން އެހިއެވެ.

“ބައްޕަ ބަލަން ހުރޭ.” ފާޒިލްގެ ހިތުގައި ވަރުގަދަ ރޭވުމެއް ރާވާލިއެވެ.

(ނުނިމޭ)

8
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top