މަޝްހޫރު ބޮލީވުޑް ތަރި އަމީތާބް ބައްޗަން، މިހާރުގެ ޑިޖިޓަލް ޒަމާނުގައި މައުލޫމާތު މާބޮޑަށް އިތުރުވުމާއި (އިންފޮމޭޝަން އޯވަލޯޑްވުމާއި)، އޭގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަދައްކައިފިއެވެ.
އަމީތާބް މި ވާހަކަތައް ހިއްސާކޮށްފައިވަނީ އޭނާގެ ރަސްމީ ބްލޮގް މެދުވެރިކޮށެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިއަދުގެ ދުނިޔޭގައި ކޮންމެ ސިކުންތަކު އޮހެމުންދާ މައުލޫމާތުގެ ސަބަބުން، މީހާގެ ސިކުނޑިއަށް އެ ހުރިހާ ކަމެއް ދެނެގަނެ، އެއާ އެއްގޮތަށް އަމަލުކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ލިޔުމުގައި އަމީތާބް ބުނެފައިވަނީ، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މައުލޫމާތު ލިބުން ފަސޭހަވި ނަމަވެސް، އެކަމުގެ ސަބަބުން އިންސާނާގެ ފިކުރުކުރުމުގެ ބާރު ކުޑަވެ، ނަފްސާނީ ގޮތުން ބުރަ ބޮޑުވަމުންދާ ކަމަށެވެ. އަދި ބައެއް ފަހަރު މިފަދަ މައުލޫމާތުތަކުގެ ތެރޭގައި މީހާ “ގެއްލިގެން” ދާކަމުގެ އިހުސާސް ކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަމީތާބް މި މައުޟޫއަށް ވާހަކަދެއްކީ، ދުނިޔޭގެ ސިއްހީ މާހިރުންވެސް ޑިޖިޓަލް ވަސީލަތްތަކާ ދުރުވެ، “ޑިޖިޓަލް ޑީޓޮކްސް” އެއް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
އުމުރުން 80 އަހަރުން މަތީގެ މި ފަންނާނަކީ ސޯޝަލް މީޑިއާގައާއި ބްލޮގް ލިޔުމުގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. ނަމަވެސް، އޭނާ ގަބޫލުކުރާ ގޮތުގައި މި ދުވެލީގައި މައުލޫމާތު ފެތުރެމުން ދިއުމަކީ އިންސާނާގެ ދިރިއުޅުމުގެ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމެކެވެ.
