ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ސިކުނޑީގެ ބަލިތަކާއި ކެންސަރުގެ ނުރައްކަލާ ގުޅުންހުރި ޕްރޮޓީނެއް ސައިންސްވެރިން ދެނެގަނެފި

ހޯދުންތަކުން ދައްކާ ގޮތުގައި، ‘ޓީ.ޑީ.ޕީ-43’ ނަމަކަށް ކިޔާ ޕްރޮޓީނަކީ ސިކުނޑީގެ ނާރުތައް ހަލާކުވުމާއި އަދި ކެންސަރުގެ ގަނޑު އުފެދުމާ ދެމެދުގައިވާ މުހިންމު ގުޅުމެކެވެ. މިއީ ޑީ.އެން.އޭ މަރާމާތުކުރުމުގައި މި ޕްރޮޓީން އަދާކުރާ ދައުރެއްގެ ސަބަބުން ދިމާވާ ކަމެކެވެ.

ޒަމާނުއްސުރެ ނާރުތަކުގެ ބަލިތަކާ ގުޅުވައިގެން ބަލަމުން އައި މި ޕްރޮޓީނަކީ، ކުރިން ހީކުރެވުނު ވަރަށްވުރެ ފުޅާ އަދި ނާޒުކު ދައުރެއް އިންސާނާގެ ދުޅަހެޔޮކަމުގައި އަދާކުރާ އެއްޗެކެވެ. ހިއުސްޓަން މެތޮޑިސްޓްގެ ދިރާސާވެރިން ބުނާ ގޮތުގައި، އޭ.އެލް.އެސް އާއި ޑިމެންޝިއާ ފަދަ ބަލިތަކާ ގުޅުންހުރި ‘ޓީ.ޑީ.ޕީ-43’ TDP43 ޕްރޮޓީނަކީ، ސެލްތައް އުފެދޭއިރު ޖެނެޓިކް މައުލޫމާތުގައި ޖެހޭ ކުށްތައް ރަނގަޅުކޮށްދޭ ‘ޑީ.އެން.އޭ މިސްމެޗް ރިޕެއާ’ ނިޒާމުގެ މުހިންމު ބައެކެވެ.

‘ނިއުކްލިއިކް އެސިޑްސް ރިސާޗް’ މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުން، ‘ޓީ.ޑީ.ޕީ-43’ އަކީ ޑީ.އެން.އޭގެ ކުށްތައް މަރާމާތުކުރާ ޖީންތައް ކޮންޓްރޯލްކުރާ އެއްޗެކެވެ. ނަމަވެސް، މި ޕްރޮޓީންގެ މިންވަރު މާ ބޮޑަށް ދަށްވުން ނުވަތަ މާ މަތިވުމަކީ މި މަރާމާތުކުރާ ޖީންތަކުގެ މަސައްކަތް އާދަޔާ ހިލާފަށް އިތުރުކޮށްދޭ ކަމެކެވެ. މިގޮތަށް މަސައްކަތް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ސެލްތައް ރައްކާތެރިކުރުމުގެ ބަދަލުގައި ނާރުތަކަށް ގެއްލުންވެ، ޖީންތަކުގެ ހަމަޖެހުން ގެއްލި، ކެންސަރުގެ ނުރައްކާ ބޮޑުވެގެންދެއެވެ.

ހިއުސްޓަން މެތޮޑިސްޓް ރިސާޗް އިންސްޓިޓިއުޓްގެ ޕްރޮފެސަރ މުރަލީދަރު އެލް. ހެޖްޑޭ ވިދާޅުވި ގޮތުގައި، ‘ޓީ.ޑީ.ޕީ-43’ އަކީ ހަމައެކަނި އާރު.އެން.އޭ އާ ގުޅޭ ޕްރޮޓީނެއް ނޫނެވެ. އެއީ ޑީ.އެން.އޭ މަރާމާތުކުރާ ނިޒާމުގެ މައިގަނޑު ބަހާއެކެވެ. މިއީ އޭ.އެލް.އެސް ފަދަ ނާރުގެ ބަލިތައް ދެނެގަތުމަށާއި ފަރުވާ ހޯދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ހޯދުމުގެ ސަބަބުން، ސެލްތަކުގެ ތެރޭގައި ހިނގާ އަސާސީ މައްސަލަތަކަކީ ތަފާތު އެކި ބަލިތަކުގެ އަސްލު ކަމުގައި ވެދާނެކަން އިތުރަށް ކަށަވަރުވެގެންދެއެވެ. މިގޮތުން، ސިކުނޑީގެ ސިއްހަތަށް އަސަރުކުރާ ހަމަ އެ ނިޒާމަކީ ކެންސަރު އުފެދުމާއި ކުރިއެރުމަށް މަގުފަހިކުރާ ކަމަކަށް ވެސް ވެދާނެއެވެ.

ކެންސަރާ ގުޅޭ ބޮޑެތި ޑޭޓާބޭސްތައް ދިރާސާކުރުމުން އެނގުނު ގޮތުގައި، ‘ޓީ.ޑީ.ޕީ-43’ ޕްރޮޓީންގެ މިންވަރު މަތިވުމަކީ ކެންސަރުގެ ގަނޑުތަކުގައި ޖެނެޓިކް ބަދަލުތައް (މިއުޓޭޝަން) ގިނަވުމާ ގުޅިފައިވާ ކަމެކެވެ. “މީގެއިން އެނގެނީ މި ޕްރޮޓީންގެ ދައުރު އޭ.އެލް.އެސް ނުވަތަ ޑިމެންޝިއާއަށްވުރެ މާ ފުޅާކަން،” ޕްރޮފެސަރ ހެޖްޑޭ ވިދާޅުވިއެވެ.

މި ދިރާސާގެ ސަބަބުން އައު ފަރުވާތަކަށް މަގުފަހިވެގެންދެއެވެ. ލެބޯޓްރީ ތަހުލީލުތަކުން ދެއްކި ގޮތުގައި، ‘ޓީ.ޑީ.ޕީ-43’ގެ މައްސަލަތަކުގެ ސަބަބުން އުފެދޭ އާދަޔާ ހިލާފު ޑީ.އެން.އޭ މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރޯލް ކުރުމުން، ސެލްތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަކުރެވިދާނެއެވެ. މިއީ މުސްތަގުބަލުގައި ނާރުގެ ބަލިތަކާއި ކެންސަރުގެ ފަރުވާގައި ބޭނުންކުރެވިދާނެ އައު އުކުޅަކަށް ވެދާނެއެވެ.

ކްލިނިކަލް ފަރުވާތަކާ ހަމައަށް ވާސިލުވުމަށް އިތުރު ދިރާސާތައް ބޭނުންވިޔަސް، މި ހޯދުމުން ކަށަވަރުކޮށްދެނީ ތަފާތު ބަލިތަކުގެ މެދުގައި ފުން ބަޔޮލޮޖިކަލް ގުޅުންތަކެއް ހުންނަކަމާއި، އެ ގުޅުންތައް ދެނެގަތުމަކީ ބަލިތަކަށް ފަރުވާ ހޯދުމުގެ ތަޅުދަނޑި ކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top