ދިވެހި ބިރުވެރި ފިލްމު “ޕަރީ – ޗެޕްޓަރ 2” ކުލަގަދަ ރަސްމިއްޔާތަކާ އެކު ރިލީޒްކޮށްފިއެވެ. މިމަހު 06 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ރަތްދޫލައިގެ ކުލަގަދަ ރަސްމިޔާތުގައި މި ފިލްމު ޕްރިމިއާކޮށްދިނީ ދިވެހި ފިލްމީ ދާއިރާގައި ތަރިންގެ ގްލޭމަރ އަދި ޚާއްޞަ މޭކަޕްތައް ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ފަންނާނު، ޢާއިޝަތު އަލިމަނިކް (އައިސައްތަ) އެވެ.
“ޕަރީ – ޗެޕްޓަރ 2” ބެލި މީހުން މުނިއަވަސްއާ ވާހަކަދައްކަމުން ބުނީ މި ފިލްމު ކުރީގެ ޗެޕްޓަރަށް ވުރެން މާ ބޮޑަށްވެސް ރީތިވެފައި ފެންވަރުވެސް ރަނގަޅުކަމަށެވެ.
“ފިލްމުގެ ވާހަކަ، ޑައިރެކްޝަން އަދި ޓެކްނިކަލް މަސައްކަތްތައްވެސް މި ފިލްމުގަ މާ ފުރިހަމަ. ޝީޒަން އަދި އޭނާގެ ޓީމުން ކުރި މަސައްކަތްތަކަށް ދިވެއްސެއްގެ ހައިސިއްޔަތުން އަހަރުމެން ފަޚުރުވެރިވަން.”
ފިލްމު ބެލި މީހަކު ބުނެފައިވެއެވެ.
“ބިރުވެރި ފިލްމު އުފެއްދުމުގަ ދިވެހީން ވަރަށް ކުރިއަށް ޖައްސާލައިފި. ސީޒަން އަދި އޭނާގެ ޓީމަށް ހަމަ ހެޓްސް އޯފް އޭ ބުނެވޭނީ.”
އެހެން މީހަކު ބުންޏެވެ.
މި ފިލްމުގެ ޓިކެޓް އޮންލައިންކޮށް “ައަހުސަން ޕިކްޗާސް ވެބްސައިޓުން” ލިބެން ހުންނާނެއެވެ.
ޕަރީ އަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން އާއި އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
