އެ ރިހި ތަޅުދަނޑި
ގާއްޑޭ ނުކުމެގެން ދިޔުމާއެކު، އަމީރާ އެނދުގެ ބެޑްޝީޓުގައި ބާރަށް ހިފަހައްޓައިގެން އިނީ ހުއްޓުން އަރާފައެވެ. އޭނާ ދެންމެ ދެއްކި ވާހަކަތައް އަމީރާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
އޭނާއަށް އެހީވުން؟ މި ހުރިހާ ކަމެއް ހަމަޖެއްސުން؟
އޭނާގެ ފިރިމީހާ ޖައްސާފައިވާ މި ބޮޑު އޮޅުންބޮޅުންގަނޑު ސާފުކުރުން؟
މީގެ އެއްވެސް މާނައެއް އަމީރާއަކަށް ނުވިސްނުނެވެ. މި ހިނގާ އެއްވެސް ކަމަކީ އޭނާއަށް ބުއްދި ޤަބޫލުކުރެވޭ ފަދަ ކަންތައްތަކެއް ނޫނެވެ.
“އަހަންނަކަށް އެއްވެސް އެއްޗެއް ނޭނގެ.” އަމިއްލަ ނަފްސާ މުޚާޠަބުކޮށް އޭނާ އަނެއްކާވެސް މަޑުމަޑުން ބުނެލިއެވެ. އެއީ އެހެން ބުނުމުން އޭނާއަށް ރައްކާތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރާ ފަދަ ގޮތަކަށެވެ.
އެ ވަގުތު ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާގެ ޚިޔާލުތައް މެދުކެނޑުނެވެ. ކުރިންވެސް ފެނުނު އޯގާތެރި ނަރުސް ކުއްޖާ މަޑުމަޑުން ކޮޓަރިއަށް ވަނެވެ.
“ކުދިން ތިބީ ކާން.” އޭނާ މަޑުމަޑުން ބުންޏެވެ. “އެކުދިންގެ ހާލު ރަނގަޅު.” އަމީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އަހަންނަށް އެކުދިން ފެނިދާނެތަ؟”
“ކުޑައިރުކޮޅަކުން.” ނަރުސް ކުއްޖާ ޖަވާބުދިނެވެ. “މިވަގުތު ބޭނުންވަނީ އަރާމުކުރަން. އަދިވެސް ހުން މުޅިއަކުން ފިލައެއް ނުދޭ.”
އަރާމުކުރުން، އެއީ މިހާރު އަމީރާއަށް ވަރަށް ބީރައްޓެހި ބަހެކެވެ. ނަމަވެސް އަމީރާ އެއްޗެއް ބުނުމުގެ ކުރިން އަނެއްކާވެސް ދޮރު ހުޅުވާލިއެވެ.
މިފަހަރު އެތެރެއަށް ވަނީ ގާއްޑޭއެވެ. އެއްވެސް ޖެހިލުމެއް، މަޑުޖެހުމެއް ނެތިއެވެ. އޭނާގެ އަތުގައި އެއްޗެއް އޮތެވެ. އެއީ ބާވެފައިވާ ކުޑަ ސިޓީ އުރައެކެވެ. އަމީރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ދުރުގައި ހުރި ނަމަވެސް، އެއީ ކޮން އެއްޗެއްކަން އޭނާއަށް ވަގުތުން އެނގުނެވެ. “ނޫން..” އޭނާއަށް މަޑުމަޑުން ބުނެވުނެވެ. ގާއްޑޭ އެ ސިޓީ އުރަ އަމީރާގެ އެނދު ކައިރީގައި ހުރި މޭޒުމައްޗަށް އެއްލިއެވެ.
“މިއީ ކަލެއަށް އާ އެއްޗެއް ނޫން.” އޭނާ ބުންޏެވެ. އެއީ ސުވާލެއް ނޫނެވެ. އެއީ އޭނާއަށް ޔަގީންވާ ކަމެކެވެ.
އަމީރާ އެއަށް ބަލަހައްޓައިގެން އިނީ ހިތް ބާރަށް ތެޅިތެޅި އޮއްވައެވެ. އޭނާ ވަރަށް ފަސްޖެހިފައި ހުރެ، މަޑުމަޑުން އެ ސިޓީ އުރައާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
“އަހަރެން.. އަހަރެން ހީކުރީ މި ގެއްލުނީ ކަމަށް.” ޢާމިރާ މަޑުމަޑުން ބުންޏެވެ.
“ނުގެއްލޭ.” ގާއްޑޭ ޖަވާބުދިނެވެ. “މި ރައްކާތެރިކަމާއެކު ކަލެއަށް ފޯރުކޮށްދިނުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވި ކަމެއް.” އަމީރާ ކުއްލިއަކަށް އިސްއުފުލާ ބަލާލިއެވެ.
“ތި ބުނި އެއްޗެއްގެ މާނައަކީ ކޮބައި؟”
ގާއްޑޭ ސީދާ އަމީރާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “ކަލޭގެ ފިރިމީހާ ކަލޭމެން މި ހާލަށް ދޫކޮށްލާފައި ދިޔައީ ހުސްއަތަކާއެއް ނޫން. އޭނާ ކަލެއަށްޓަކައި މި އެތި ބޭއްވި. ކަލޭ މިޔޮއް ހުރިހާ ދުވަހު އުޅުނީ މިވެސް ނެތް، ނޭނގޭ އެއްޗަކަށް ހަދައިން!” އަމީރާ އުނދަގުލުން ކޮޅަށް ތެދުވިއެވެ. އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ހާލު އެ ސިޓީ އުރަ ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ ފަށްޖަހާފައިވާ ކުޑަ ކަރުދާސްކޮޅަކާއި ރިހި ކުލައިގެ ތަޅުދަނޑިއެކެވެ. އެއީ އާދައިގެ މެޓަލް ތަޅުދަނޑިއެކެވެ. މާ ޚާއްޞަ ސިފައެއް އޭގައި ނެތެވެ. ނަމަވެސް އެއީ ކިހާ މުހިންމު އެއްޗެއްކަން އަމީރާއަށް އިޙްސާސްވަމުންދިޔައެވެ.
މަޑުމަޑުން އެ ކަރުދާސްކޮޅު ނިއުޅާލިއެވެ. އެއީ އޭނާގެ ފިރިމީހާގެ އަތުލިޔުމެވެ. ފެނުނު ވަގުތު އަމީރާގެ ލޯ ކަރުނުން ފުރުނެވެ. “މީ..” އޭނާގެ އަޑު ބެދޭ ހާލު މަޑުމަޑުން ބުނެލިއެވެ. އެ ނޯޓު ވަރަށް ކުރުވެފައި ސާފެވެ. ނަމަވެސް އެއިން ލިބުނު ސިހުން ވަރަށް ބޮޑެވެ.
ކަލެއަށް މި ނޯޓު ކިޔޭއިރު، އޭގެ މާނައަކީ އަހަންނަށް ކަލޭމެން ރައްކާތެރި ނުކުރެވުނީއެވެ.
އެއްވެސް މީހަކަށް އިތުބާރު ނުކުރާށެވެ.
އެހީވާން އަންނަ މީހުންނަށްވެސް އިތުބާރު ނުކުރާށެވެ.
މި ތަޅުދަނޑިއަކީ ހުރިހާ ކަމެއްގެ އަސްލެވެ.
ކުދިން ރައްކާތެރިކަމާއެކު ބަލާށެވެ.
އަމީރާ.. އަހަންނަށް މާފުކުރާށެވެ.
އަމީރާގެ އަތް ތިރިވިއެވެ. ކަރުނަތައް އޭނާގެ ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. މިއީ ހަޤީޤަތެވެ. ހުރިހާ ދޮގުތަކާއި، ސިއްރުތަކާއި، ނުރައްކާތަކަކީ ހަޤީޤަތެކެވެ. އޭނާއަށް މި ހުރިހާ ކަމެއް ކުރިންވެސް އެނގެއެވެ. ކޮންމެވެސް ކަމެއް ހިނގާނެކަން އޭނާއަށް އެނގެއެވެ. އެހެން އޮވެމެ، އޭނާ އަމީރާ މި ނުރައްކަލުގެ ތެރެއަށް ދޫކޮށްލީއެވެ. އަމީރާ އެ ނޯޓު އަތަށް ބޮނޑިކޮށްލިއެވެ. އޭނާގެ ހިތުގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. ގާއްޑޭ ހިމޭނުން ހުރެ އަމީރާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އަމީރާގެ ވާހަކަ މެދުކަނޑައެއް ނުލައެވެ. އޯގާތެރިކަމެއް ނުދެއްކި ނަމަވެސް، އޭނާ ދިޔައީ އަމީރާގެ ކޮންމެ ހަރަކާތަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ.
“އެއީ ކޮން އެއްޗެއް ހުޅުވާ ތަޅުދަނޑިއެއް؟” ގާއްޑޭ އެންމެ ފަހުން ސުވާލުކުރިއެވެ.
އަމީރާ މަޑުމަޑުން ބޯ ހޫރާލިއެވެ. “އަހަންނަކަށް ނޭނގެ..” ނަމަވެސް އެހެން ބުނި ވަގުތު، އޭނާގެ ހަނދާނަށް ކަމެއް އައެވެ. ތަނެއްގެ ހަނދާނެވެ. ތަޅުލާފައި ހުންނަ ވަތްގަނޑެއް ނުވަތަ ފޮށްޓެއްގެ ހަނދާނެވެ. އޭނާ ދުވަހަކުވެސް އަމީރާ އަތްލިޔަ ނުދޭ އެއްޗެއްގެ ހަނދާނެވެ. އަމީރާގެ ލޯ ބޮޑުވިއެވެ. ގާއްޑޭއަށް އެކަން ފާހަގަކުރެވުނެވެ.
“ކޮންތާކު؟” ގާއްޑޭ ވަގުތުން އެހިއެވެ. އަމީރާ ފަސްޖެހުނެވެ. ފިރިމީހާގެ ބަސްތައް ސިކުނޑީގައި ގުގުމާލިއެވެ. އެއްވެސް މީހަކަށް އިތުބާރު ނުކުރާށެވެ. އޭނާ ތަޅުދަނޑީގައި ބާރަށް ހިފަހައްޓާލިއެވެ. ދެމީހުންގެ ދެމެދުގައި ބާރުގަދަ ހިމޭންކަމެއް ވެރިވިއެވެ. ގާއްޑޭ ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. މިފަހަރު އޭނާގެ ރާގުގައި ހަރުކަށިކަމެއް ނެތް ނަމަވެސް، އޭގައި ވަނީ ސާބިތުކަމެވެ.
“ސިއްރުތައް ހިފަހައްޓައިގެން ހުންނާނެ ވަގުތެއް މިހާރު ކަލެއަކަށް ނެތް.” އޭނާ މަޑުމަޑުން ބުންޏެވެ. “އެ ވަގުތު ފާއިތުވެއްޖެ.” އަމީރާ އޭނާއަށް ބަލާލިއެވެ. ބިރުވެރިކަމާއި، ރުޅިވެރިކަމާއި، ހިތާމަ އޭނާގެ ހިތުގައި އުފެދެމުން ދިޔައެވެ. ނަމަވެސް މި ހުރިހާ އިޙްސާސްތަކެއްގެ ތެރެއިން އާ ވިސްނުމެއް އުފެދެން ފެށިއެވެ. މިއީ އޭނާ ހީކުރި ވަރަށްވުރެ މާ ބޮޑު ކަމެކެވެ. އަދި އެ ތަޅުދަނޑިން ހުޅުވޭ ކޮންމެ އެއްޗަކީ، އޭނާގެ ދިރިއުޅުން މިގޮތަށް ބަންދުވެގެން ދިޔަ ސަބަބެވެ.
“އެއްތަން އެބަހުރި.” އަމީރާ ވަރަށް މަޑުމަޑުން ބުންޏެވެ.
ގާއްޑޭގެ ނަޒަރު ސީދާވިއެވެ.
އަމީރާ އުނދަގުލުން ނޭވާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެއީ މުދާ ރައްކާކުރާ ގުދަނެއް ކަހަލަ ތަނެއް. އޭނާ އެކަނި އެތަނަށް ގޮސް އުޅޭނެ. އެއީ ކީއްކުރަންދާ ތަނެއް ކަމެއް ދުވަހަކުވެސް އަހަރެން ގާތަކު ނުބުނޭ.” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު، ގާއްޑޭ ބޯ ޖަހާލިއެވެ. އޭނާ ގޮތެއް ނިންމައިފިއެވެ. “ރަނގަޅު.” އޭނާ ބުންޏެވެ. އަމީރާގެ ހިތް ބާރަށް ތެޅިގަތެވެ. އެ ބަހުގެ މާނަ އޭނާއަށް އެނގެއެވެ.
“އަހަރެމެން އެތަނަށް ދާނީ.” ގާއްޑޭ އިތުރުކޮށްލިއެވެ. “މިއަދު.”
އަމީރާ އިނީ ހިމޭންވެފައެވެ. އޭނާގެ އަތްތިލަ ތެރޭގައި އެ ކުޑަ ދަގަނޑު ތަޅުދަނޑި ބާރަށް ފިއްތާލައިގެން އިންއިރު، ޚިޔާލުތައް ދިޔައީ އިތުރަށް ފުންވަމުންނެވެ.
އެއީ ރަށެކެވެ. ވެލިރެސްފުށި.. ތަނެއް ނޫނެވެ. ވަތްގަނޑެއް ވެސް ނޫނެވެ. އެއީ މުޅި ރަށެކެވެ. އޭނާގެ ފިރިމީހާ ފޮރުވައިގެން އެ އުޅެނީ ހަމައެކަނި ކަމެއް ނޫނެވެ. އޭނާ އެކަންތައް ވަޅުލާފައިވަނީ މާ ދުރުގައެވެ. ކިތަންމެ ދުވަހަކު އަމީރާއަށް އެ ރަށުގެ ވާހަކަ ފޯނުކޯލު ތަކުގައި ކިޔާ އަޑު އިވިފައި އެބަހުއްޓެވެ. އެ ރަށަށް ގެންދަން ބުނުމުން އަބަދުވެސް އެއް ޖަވާބެއް ދެއެވެ. އެތާ މަސައްކަތެއް ކުރާ ވާހަކަޔާ އަދި އަންހެނުުންނާއި ކުދިން ދާން ރަނގަޅު ނޫންކަމެވެ. އެކަމާ މެދު ވިސްނި ވަރަކަށް، ކަންކަން ދިޔައީ ސާފުވަމުންނެވެ. އަދި ހަމައެހެންމެ ބިރުވެރިކަން ވެސް ދިޔައީ އިތުރުވަމުންނެވެ. އޭނާއާއި އޭނާގެ ދަރިން މިވަނީ، އެމީހުންގެ ބާރު ނުފޯރުވޭ ފަދަ ބޮޑު ކަމެއްގެ ތެރެއަށް ދަމައިގަނެވިފައެވެ. އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އޮޅުމަކުން ވެސް ނޫނެވެ. ނަމަވެސް، އޭނާގެ ފިރިމީހާ ބޭއްވި ގުޅުމެއްގެ ސަބަބުންނެވެ. މާޒިންގެ ސަބަބުންނެވެ.
އެކަމަށްޓަކައި އޭނާ ދެކެ ރުޅި އަންނަން ބޭނުންވިއެވެ. ނަމަވެސް ހިތް އެކަމަށް އިންކާރު ކުރިއެވެ. ސަބަބަކީ، ރޭގަނޑުގެ ވަގުތުތަކުގައި އޭނާގެ އަތުގައި ހިފަހައްޓައިގެން އިން އޯގާތެރި އިންސާނާ އޭނާ ހަނދާން ހުރުމެވެ. މީޝާ ނިދުމުން އޭނާ އުފުލައިގެން ގެންދިޔަ ބައްޕަގެ ހަނދާންތަކެވެ. މާވިން ހިތްވަރުގަދަވާން މަސައްކަތް ކުރާ ވަގުތުތަކުގައި، އޭނާއަށް ދިން އެ ހިތްހަމަޖެހޭ ހިނިތުންވުމެވެ. އެއީ ހަޤީޤަތެކެވެ. ނަމަވެސް، މިހާރު މި ފެންނަން އޮތް ކަންތައްތަކަކީ ވެސް ހަމަ ހަޤީޤަތެވެ. އަދި މިހާރު އޭނާ މި ކުރިމަތިލަނީ އެ ދެ ހަޤީޤަތުގެ ނަތީޖާއާއެވެ.
މިކަމުގެ ތެރެއަށް ފުންވަމުން ދިޔަވަރަކަށް، އޭނާއަށް ކަންކަން ދިޔައީ ވިސްނެމުންނެވެ. މިއީ އަމިއްލައަށް ވަދެވޭ ދުނިޔެއެއް ނޫނެވެ. މިއީ މީހަކު ބައްދާލާ، މަޅިއެއް ފަދަ ދުނިޔެއެކެވެ. އަދި އެއްފަހަރު އޭގެ ތެރެއަށް ވަދެވިއްޖެނަމަ، ފަސޭހައިން ސަލާމަތެއް ނުވެވޭނެއެވެ. ޚާއްޞަކޮށް “ގާއްޑޭ” ފަދަ މީހެއްގެ ކިބައިންނެވެ. މާލޭގެ އަނދިރި ކަންކަންމަތީގައި، މީހުން އޭނާއާ ދުރުހެލިވަނީއެއް ނޫނެވެ. އޭނާގެ ނުފޫޒުގެ ތެރޭގައި ސަލާމަތުން ތިބެވޭތޯ ބަލަނީއެވެ. ސަބަބަކީ އޭނާއާ ގުޅުމެއް އޮތް އެއްވެސް މީހަކަށް، ދުވަހަކުވެސް އާދައިގެ ދިރިއުޅުމެއް ނުލިބޭނެތީއެވެ.
އަމީރާއަށް ބައެއް ވާހަކަތައް އިވިފައިވެއެވެ. ސިއްރުސިއްރުން ދެކެވޭ ވާހަކަތަކެވެ. ކުރިން އޭނާ އަޅާނުލާ މާ ސަމާލު ކަމެއް ނުދީ ދޫކޮށްލި ވާހަކަތަކެވެ. އުންމީދުތައް ދައްކައިގެން މަގުއޮޅުވާލާ އަންހެން ކުދިންގެ ވާހަކައެވެ. އެކުދިންގެ ދިރިއުޅުން ބަދަލުކޮށްލާ ގޮތެވެ. ބޭނުންކޮށް، ހަލާކުކޮށްލާ ވާހަކައެވެ. މަސްތުވާތަކެތީގެ މަޅީގައި ޖައްސާ، މަގުމަތިކޮށްލާ، ވިއްކާލާ، ނުވަތަ އެއަށްވުރެ މާ ނުބައި ގޮތްގޮތް ހަދާ ވާހަކައެވެ.
އޭނާގެ ހިތް ބިރުން ތެޅެން ފެށިއެވެ. އޭނާގެ ދަރިންނެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިންނެވެ. އަމީރާގެ ހިތުގައި ވަރުގަދަ އަޒުމެއް އުފެދުނެވެ. ނޫނެކެވެ. އެމީހުންނަކަށް އެހެންނެއް ނުވާނެއެވެ. ދުވަހަކުވެސް އެހެންވިޔަކަ ނުދޭނަމެވެ. އޭނާގެ އަތްތިލަ ތެރޭގައި އޮތް ތަޅުދަނޑިއަށް ބާރުކޮށްލިއެވެ. މިތަނަކު މަޑެއް ނުކުރެވޭނެއެވެ. ގާއްޑޭއަށް އިތުބާރެއް ނުކުރެވޭނެއެވެ. އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ފިރިމީހާ ބުނި ބަސްތައް ކަންފަތްދޮށުގައި ގުގުމާލިއެވެ. “އެއްވެސް މީހަކަށް އިތުބާރު ނުކުރާތި.”
އަމީރާ ފުން ނޭވާއެއްލިއެވެ. ބިރުވެރިކަމުގެ ތެރެއިން އޭނާއަށް ވިސްނުނެވެ. ސަލާމަތްވުން އެއީ އޮތް ހަމައެކަނި އޮތް މަގުކަމެވެ. ފަހުންނެއް ނޫނެވެ. ވީ އެންމެ އަވަހަކަށެވެ. ވީހާވެސް ދުރަށް ދާންވީއެވެ. މިތަން ނޫން ކޮންމެ ތަނަކަށް ވިޔަސް ހެވެވެ. ގާއްޑޭއާ ދުރަށް.. އޭނާގެ ނުބައި ދުނިޔެއާ ދުރަށް.. އޭނާގެ ދަރިން ވަށާލަން ފަށާފައިވާ އެ ކަޅު އަނދިރިގަނޑާ ދުރަށެވެ.
އޭނާ ދޮރާ ދިމާލަށް ބަލާލިއެވެ.
ވިސްނަނީއެވެ. ރާވަނީއެވެ. ފާރަވެރިވަނީއެވެ. އޭނާ އިންތިޒާރު ކުރާނެއެވެ. އަޑުއަހާނެއެވެ. ކަންކަން އޮޅުވާލާނެއެވެ. އޭނާ ބުނާ ކަންތައް ކުރާނެއެވެ. އޭނާ އަޑުއަހަން ބޭނުންވާ ވާހަކަ ބުނާނެއެވެ. ވަގުތު ޖެހެންދެންނެވެ. އަދި އެ ވަގުތު ޖެހުމުން، އޭނާ ފިލާނެއެވެ. ހަމައެކަނި އަމިއްލަ ނަފްސަކަށްޓަކައެއް ނޫނެވެ. ނަމަވެސް، އެ ދަރިންނަށްޓަކައެވެ. ސަބަބަކީ، މިފަހަރު އޭނާއަށް އެ ފިލަނީ ކޮން އެއްޗަކުންކަން ރަނގަޅަށް އެނގޭތީއެވެ. އަދި ސަލާމަތް ނުވެވިއްޖެނަމަ ވާނެ ގޮތް ވެސް އެނގޭތީއެވެ.
ކޮޓަރިން ބޭރުން ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ. މީހުން ވާހަކަދައްކާ އަޑެވެ. ހަރަކާތްތަކެވެ. ތައްޔާރުވުމެވެ. އެމީހުން ތައްޔާރުވަނީއެވެ. އެ ތަނަށް ދިއުމަށެވެ.
އަމީރާ ހިނދުކޮޅަކަށް ދެލޯ މަރާލާ ފުން ނޭވާއެއްލިއެވެ. އަދި އެ ދެލޯ ހުޅުވާލިއިރު، އެ ދެލޮލުގައި ވަނީ ތައްޔާރުވެފައިވާ ކަމުގެ ނިޝާނެވެ. ސަބަބަކީ އެ މީހުންނަށް ނޭނގުނު ކަމުގައިވިޔަސް މި ތަޅުދަނޑިން ހުޅުވޭ އެ ސިއްރުތަކެއް ވަނީ އެ ރަށުގެ ކޮންމެވެސް ތަނެއްގައި ފޮރުވިފައެވެ. ވެލިރެސްފުށީގައެވެ. މާލެއަކު ނޫނެވެ. އަދި އެއީ މިކަން ނިންމުމަށް ލިބޭނެ އެންމެ ފަހު ފުރުސަތަށް ވެދާނެތީއެވެ. ނޫނީ ހުރިހާ އެއްޗެއް ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
(ނުނިމޭ)
