ޝާހިދް ކަޕޫރާއި ކްރިތީ ސެނޮން އަދި ރަޝްމިކާ މަންދައްނާ ލީޑް ރޯލުން ފެނިގެންދާ ކޮކްޓެއިލް 2ގެ ފުރަތަމަ ލަވަ ‘ޖަބް ތަލަކް’ގެ ފުރަތަމަ މަންޒަރުތައް ދައްކާލައިފިއެވެ.
ފިލްމުގެ ޓީމުން އިއްޔެ އާންމުކުރި މި ލަވައިގެ ފުރަތަމަ މަންޒަރުތަކުގެ ދިގުމިނަކީ އެއް މިނެޓު 50 ސިކުންތެވެ. މި ވީޑިއޯ ފެށެނީ “ސަމާ ޖަސްޓް ގޮޓް ހޮޓާ” މި އިންޒާރާ އެކުގައެވެ. ވީޑިއޯއިން ހާމަވާ ގޮތުގައި ކޮކްޓެއިލް 2 އަކީ ރަހުމަތްތެރިކަމާއި ލޯބީގެ ވާހަކައެއް ކިޔައިދޭ، ޖޯޝާއި މަޖަލުން ފުރިފައިވާ ފިލްމެކެވެ. މި ފިލްމުގައި ޝާހިދް ކަޕޫރު ފެނިގެންދާނީ ކުނާލްގެ ރޯލުން، ކްރިތީ ސެނޮން އެލީގެ ރޯލުން، އަދި ރަޝްމިކާ މަންދައްނާ ދިޔާގެ ރޯލުންނެވެ.
ޖަބް ތަލަކް ލަވަ ކިޔާފައިވަނީ އަރިޖީތު ސިންގް އާއި އަކާސާއެވެ. މިއުޒިކް ތައްޔާރުކޮށްފައިވަނީ ޕްރީތަމް ޗަކްރަބަތީއެވެ. ލަވައިގެ ޅެން ލިޔެފައިވަނީ އަމީތާބް ބައްޓާޗާރިޔާއެވެ.
ކޮކްޓެއިލް 2 އަކީ 2012 ވަނަ އަހަރު ސައިފް ޢަލީ ޚާނާއި ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ ލީޑް ރޯލުން ފެނުނު ރޮމޭންޓިކް ކޮމެޑީ ފިލްމު ކޮކްޓެއިލްގެ ސީކުއެލެކެވެ. ހޯމީ އަދާޖާނިއާ ޑައިރެކްޓްކޮށް ދިނޭޝް ވިޖާން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ލަވް ރަންޖަން އާއި ތާރޫން ޖައިންއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 19 ޖޫން 2026 ގައެވެ.
މީގެ އިތުރުން، ޝާހިދް ކަޕޫރާއި ކްރިތީ ސެނޮން ތެރީ ބާތޯން މެއިން އެއިސާ އުލްޖާ ޖިޔާ 2ގައި ވެސް އެކުގައި ފެނިގެންދާނެއެވެ. މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ޖާންވީ ކަޕޫރު ވެސް ފެނިގެންދާނެއެވެ. ވާހަކަ ފެށޭނީ ފުރަތަމަ ބައި ނިމުނު ހިސާބުން ކަމަށާއި ސްކްރިޕްޓް އޮގަސްޓް މަހަށް ތައްޔާރުވާނެ ކަމަށް ބެލެވެއެވެ. “ފިލްމުގެ ޝޫޓިން 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުމަށް ރާވަމުންދާ ކަމަށާއި ނަމަވެސް ގިނަ ކަންކަން ބިނާވާނީ ކޮކްޓެއިލް 2 ގެ ޕާފޯމެންސަށް” ކަމަށް އެ ފިލްމާ ގާތް ފަރާތަކުން ބުންޏެވެ.
