ދެކުނު އިންޑިއާގެ ތަރި ދަނުޝް އާއި ބޮލީވުޑް ބަތަލާ ކްރިތީ ސަނަން އަނެއްކާވެސް އެއްކޮށް ފިލްމެއް ކުޅެން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ 2025 ވަނަ އަހަރު ހިންދީ ސިނަމާތަކަށް އައި ލޯބީގެ ފިލްމު “ތެރެ އިޝްކް މޭ” ގެ ކާމިޔާބީއަށްފަހު މިއީ އެ ދެތަރިން އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ރިޕޯޓްތައް ބުނާގޮތުން އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ މި ފިލްމަކީ “ތެރެ އިޝްކް މޭ” ގެ ޒަމާނީ ވާހަކައާ ޚިލާފަށް ޕީރިއަޑް ލަވް ސްޓޯރީއެކެވެ.
ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން ވެސް ސްކްރިޕްޓާ ދޭތެރޭ ހިތްހަމަޖެހޭކަން ފާޅުކޮށް ފެހި ސިގުނަލް ދީފައިވީ ނަމަވެސް ރަސްމީ އެއްބަސްވުންތައް ނިމިފައެއް ނުވެއެވެ. ހުރިހާ ކަމެއް ހަމަޖެހިއްޖެނަމަ މި އަހަރުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ރާވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމަކީ ހިންދީ ސިނަމާ އެންމެ މަޝްހޫރުވެފައިވާ ފަދަ ވަރުގަދަ ލޯބީގެ ވާހަކައެއް ކަމަށް ޕިންކްވިލާގައި ރިޕޯޓްކޮށްފައިވެއެވެ. ކުރިން އެ ދެ ތަރިންނާއެކު ވެސް މަސައްކަތްކޮށްފައިވާ އާނަންދު އެލް ރާއީ، އެ ދެ ތަރިންނަކީ އޭނާ މަސައްކަތްކޮށްފައިވާ އެންމެ ހުނަރުވެރި ތަރިންގެ ތެރޭގައި ހިމެނޭ ދެ ތަރިން ކަމަށް ދެކޭކަމަށް އެ ރިޕޯޓްގައިވެއެވެ. އަދި މިހާރު ފިލްމުގެ ސްކްރީންޕްލޭ ފުރިހަމަ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވެސް އެ މަސްދަރުން ބުނެފައިވެއެވެ.
“ތެރެ އިޝްކް މޭ” އަކީ 75 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެ ފިލްމު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 113.5 ކްރޯޑް ރުޕީސް އަދި ދުނިޔޭގެ ބޮކްސް އޮފީހުގައި 155 ކްރޯޑް ރުޕީސް ހަމަކޮށް، ބޮކްސް އޮފީހުގެ “ކްލީން ހިޓް” އެއްގެ ދަރަޖަ ހޯދާފައެވެ.
