ކާނާގެ ބާވަތްތަކުގެ ތެރެއިން މީރު އަދި ހަށިގަނޑަށް ފައިދާހުރި އެކު ބާވަތްތަކުގެ މޭވާ އާއި ބަދަންތައް ހިމެނެއެވެ. މީގެ ތެރެއިންވެސް ޕިސްޓާޝިއޯއަކީ އޭގެ ރަހައިގެ މީރުކަމުގެ އިތުރުން، ސިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ޚާއްސަކޮށް ފިރިހެނުންގެ ސިއްޙަތަށް ބަލާއިރު، ޕިސްޓާޝިއޯ އަކީ ކޮންމެހެންވެސް ކެއުމުގައި ހިމަނަންޖެހޭ މުހިންމު ބާވަތެކެވެ.
ފިރިހެނުންނަށް ޕިސްޓާޝިއޯ އިން ލިބޭ މުހިންމު ސިއްޙީ ފައިދާތައް:
1 – ޖިންސީ ދުޅަހެޔޮކަން އިތުރުވުން:
ފިރިހެނުންގެ ސިއްޙަތަށް ޕިސްޓާޝިއޯ އިން ކުރާ އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދިނުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕިސްޓާޝިއޯގައި ހިމެނޭ “އާޖިނިން” ކިޔާ އެމިނޯ އެސިޑަކީ ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދޭ މާއްދާއެކެވެ. މީގެ ސަބަބުން ފިރިހެނުންނަށް ދިމާވާ ޖިންސީ ބަލިކަށިކަމުގެ މައްސަލަތަކަށް ހައްލެއް ލިބި، ޖިންސީ ޤާބިލުކަން އިތުރުވުމަށް އެހީތެރިވެދެއެވެ.
2 – ހިތުގެ ދުޅަހެޔޮކަން:
ހިތުގެ ދުޅަހެޔޮކަމަކީ ކޮންމެ މީހަކަށްވެސް މުހިންމު ކަމަކަށް ވާއިރު، ފިރިހެނުންގެ މެދުގައި ހިތުގެ ބަލިތައް ގިނަކަން ފާހަގަކުރެވެއެވެ. ޕިސްޓާޝިއޯގައި ހިމެނޭ ސިއްޙަތަށް ފައިދާހުރި ފެޓްސް ނުވަތަ “މޮނޯއަންސެޗުރޭޓެޑް ފެޓީ އެސިޑްސް” އަކީ ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް (އެލް.ޑީ.އެލް) ދަށްކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން މީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭގެ ހޮޅިތައް ސާފުކޮށްދީ، ހިތުގެ މަސައްކަތް ހަރުދަނާކޮށްދެއެވެ.

3 – ބަރުދަން ކޮންޓްރޯލް ކުރުން:
ބަރުދަން ކޮންޓްރޯލް ކުރުމަކީވެސް ޕިސްޓާޝިއޯގެ ސަބަބުން ލިބޭ ފައިދާއެކެވެ. ޕިސްޓާޝިއޯގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފައިބަރ އެކުލެވިގެންވެއެވެ. މީގެ ސަބަބުން، ކުޑަ މިންވަރެއް ކެއުމުންވެސް ބަނޑުފުރިފައި ހުންނަ ކަމުގެ އިޙުސާސް ކުރެވި، ބޭނުންނުވާ އިތުރު ކާނާ ކެއުމުން ދުރުކޮށްދެއެވެ. މިއީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ފިރިހެނުންނަށް ވަރަށް މުހިންމު ކަމެއްގެ އިތުރުން ބަރުދަން އިތުރުވުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކުން ސަލާމަތްވުމަށްވެސް ހައްލެކެވެ.
4 – ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުން:
ހަކުރު ބައްޔަކީ މިހާރަކަށް އައިސް ރާއްޖޭގައިވެސް އާންމުވަމުންދާ ބައްޔެކެވެ. ޕިސްޓާޝިއޯ އަކީ “ލޯ ގްލައިސީމިކް އިންޑެކްސް” ހުންނަ ކާނާއަކަށް ވުމުން، މިއީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، އެކި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް ބޭނުންވާ ވިޓަމިން ބީ-6 ޕިސްޓާޝިއޯގައި ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.
ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާއިރު، އެއިން ކޮންމެ އެއްޗަކީ ވެސް ވަކި މިންވަރަކަށް ކާންޖެހޭ އެއްޗެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެގޮތުން ޕިސްޓާޝިއޯ އަކީ ފިރިހެނުންގެ ޖިސްމާނީ އަދި ޖިންސީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އެހީތަކެއް ފޯރުކޮށްދޭ އެއްޗަކަށް ވާތީ، ކޮންމެ ދުވަހަކުވެސް ކުޑަ މިންވަރެއް (ގާތްގަނޑަކަށް އަތްތިލަ ފުރޭވަރު) ކެއުމުގެ އާދަ އަށަގެންނެވުމަކީ ދިގު މުއްދަތެއްގައި ސިއްޙީ ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ނަމަވެސް، މާ ގިނައިން ލޮނު އަޅާފައި ހުންނަ ޕިސްޓާޝިއޯ ކެއުމުގެ ބަދަލުގައި، ޤުދުރަތީ ގޮތުން ހުންނަ ޕިސްޓާޝިއޯ ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
