ކޯޗެއްލާ މިއުޒިކް ފެސްޓިވަލްގެ ހެޑްލައިނަރެއްގެ ގޮތުގައި ޕާފޯމް ކުރަން ތައްޔާރުވަމުންދާ ޖަސްޓިން ބީބާ، ކުޑަ ޓީމަކާ އެކު ހަނދާނުން ފޮހެނުލެވޭ ވަރުގެ ޝޯއެއް ދެއްކުމުގެ އަޒުމުގައި ހިރާސް (ރިސްކު) ބޮޑު ފިޔަވަޅެއް އަޅައިފިއެވެ.
އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ކޯޗެއްލާ ވެލީ މިއުޒިކް އެންޑް އާޓްސް ފެސްޓިވަލްގައި އެޕްރީލް 11 ގައި ހެޑްލައިން ކުރާ އިރު، ޝޯގެ ކްރިއޭޓިވް ޑައިރެކްޝަނާއި ފެސްޓިވަލް ތެރޭގައި ވިއްކާ ޓީޝާޓާއި ހޫޑީ ޑިޒައިންކުރުމުގައި ވެސް އޭނާ ވަނީ ސީދާ ބައިވެރިވެފައި ކަމަށް ޔޫއެސް ވީކްލީއާ ވާހަކަ ދެއްކި ފަރާތަކުން ހާމަކޮށްފައިވެއެވެ.
“ޖަސްޓިން އޭނާ އެއްޗެއް ސާބިތުކޮށްދޭން ޖެހޭ ކަމަކަށް ނުދެކޭ” ކަމަށާއި، ނަމަވެސް ކުރިން ގެންގުޅުނު ފަދަ ބޮޑު ޓީމެއް ނެތި ވެސް ފާހަގަކޮށްލެވޭ ވަރުގެ ޝޯއެއް ދެއްކެން އެބަ އޮތްކަން ހާމަކުރަން އޭނާ ބޭނުންވާ ކަމަށް އެ ފަރާތުން ބުންޏެވެ. “މިއީ އަބަދުވެސް ވެސް އޭނާގެ ތަސައްވުރެއް، މަދު ބަޔަކު ގޮވައިގެން ހަގީގަތަކަށް ހަދަނީ” ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.
ބީބާގެ ސްވެގް އަލްބަމްގެ ލަވަތަކާ އެކު، އެތައް އަހަރެއް ވަންދެން ޕާފޯމްނުކޮށް ހުރި ކުރީގެ ހިޓް ލަވަތައް ވެސް ބެލުންތެރިން އަޑު އަހަން ބޭނުންވާނެ ކަން ބީބާއަށް އެނގޭ ކަމަށް އެ ފަރާތުން ބުންޏެވެ. އަދި މި ހަފުތާގައި ވެސް ބީބާ ޝޯއަށް ބައެއް ބަދަލުތައް ގެންނަމުންދާ ކަމަށް ވެސް ބުންޏެވެ. ޖަސްޓިން ބީބާ ކޯޗެއްލާގައި ހުށައަޅާނީ އެޕްރީލް 11 އަދި 18 ގައި، ކެލިފޯނިއާގެ އިންޑިއޯގައި ހުންނަ އެމްޕަޔާ ޕޯލޯ ކްލަބްގައެވެ.
