އިންސާނީ ޖެނެޓިކްސްގެ ދާއިރާއިން ފާހަގަކޮށްލެވޭ އާ ހޯދުމަކުން ދައްކާގޮތުގައި، މިއަދު ދުނިޔޭގައި ތިބި ނޫކުލައިގެ ދެލޯ ހުންނަ ކޮންމެ މީހަކީވެސް ކާބަފައިންގެ ފަރާތުން އެ ސިފަ ވާރުތަވެފައިވާ ބައެކެވެ. މިއީ ވަކި ސަރަޙައްދަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ ކަމެއް ނޫން ނަމަވެސް، އެންމެ ފަރުދެއްގެ ފަރާތުން އައިސްފައިވާ ބަދަލެކެވެ.
ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ހަންސް އައިބާގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި ދިރާސާއަކުން އެނގުނު ގޮތުގައި، ކުރީގައި ހުރިހާ އިންސާނުންގެ ލޮލުގެ ކުލައަކީވެސް މުށިކުލައެވެ. އެއީ ލޮލުގެ ކަޅުކަޅީގައި މެލަނިން ހުންނަ މިންވަރު މަތިވުމުގެ ސަބަބުންނެވެ. ނަމަވެސް، މީގެ 6،000 އާއި 10,000 އަހަރާ ދެމެދުގެ މާޒީގައި، ޖީންއަށް އައި އެންމެ ބަދަލެއްގެ ސަބަބުން މިކަން ބަދަލުވެގެން ދިޔައެވެ.
މި ބަދަލު އައީ OCA2 (އޯސީއޭ2) ކިޔާ ޖީންއަކަށެވެ. މީގެ ސަބަބުން މެލަނިން އުފައްދާ މިންވަރު މުޅިން ހުއްޓުވުމުގެ ބަދަލުގައި، އެ މިންވަރު މަދުކޮށްލިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ކުލަ ނޫކުލައަށް ބަދަލުވިއެވެ. މިއީ ލޮލުގައި ނޫކުލައިގެ މާއްދާއެއް ހުރެގެން ވާގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ލޮލުގެ ކަޅުކަޅިއަށް އެޅޭ އަލި އެތެރޭގައި ފެތުރިގެންދާ ގޮތުން ފެންނަ ކުލައެކެވެ. މިއީ އުޑުމަތި ނޫކުލައިގައި ފެންނަ ސަބަބާވެސް އެއްގޮތް ކަމެކެވެ.
2008 ވަނަ އަހަރު ކުރެވުނު މުހިންމު ދިރާސާއެއްގައި، ޑެންމާކް، ތުރުކީ އަދި އުރުދުން ފަދަ އެކި ސަރަޙައްދުތަކުން ނޫކުލައިގެ ދެލޯ ހުންނަ މީހުންގެ ޑީ.އެން.އޭ ތަހުލީލު ކުރެވުނެވެ. މި މީހުންގެ ތަފާތުތައް ހުރި ނަމަވެސް، އެންމެންގެ ޑީ.އެން.އޭގެ އެއް ދިމާއަކުން އެއްގޮތް ބަދަލުތަކެއް ފެނުނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ އެއްގޮތް ބަދަލެއް އެކި މީހުންނަށް ވަކިވަކިން، އެކި ފަހަރު މަތިން އައުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
ސައިންސް ޑެއިލީ އިން ފާހަގަކުރާ ގޮތުގައި، މި ހޯދުމުން ސާބިތުވަނީ ނޫކުލައިގެ ދެލޯ ފުރަތަމަ އުފެދުނީ އެންމެ މީހެއްގެ ކިބައިން ކަމާއި، އިންސާނުން އެކި ސަރަޙައްދުތަކަށް ހިޖުރަކުރުމުގެ ތެރޭގައި މި ސިފަ ޖީލުތަކަށް ފެތުރިގެން ދިޔަ ކަމެވެ.
ދިވެހިރާއްޖެ ފަދަ ގައުމުތަކުގައި ނޫކުލައިގެ ދެލޯ ހުންނަ މީހުން ފެނުމަކީ ވަރަށް މަދު ކަމެކެވެ. އެހެންކަމުން، އެފަދަ މީހަކު ފެނުމުން އެއީ ވަރަށް ތަފާތު ކަމަކަށް ވެއެވެ. ގިނަ ދިވެހިންގެ ލޮލުގެ ކުލައަކީ މުށި ނުވަތަ ކަޅު ކުލަ ކަމަށްވާއިރު، ނޫކުލައިގެ ދެލޯ ފެނުމަކީ ދުރު ކާބަފައިންގެ ފަރާތުން ނުވަތަ ދުނިޔޭގެ އެކި ނަސްލުތައް އެކުވުމުގެ ތެރެއިން އައިސްފައިވާ ސިފައެއް ކަމަށް ބެލެވެއެވެ.
މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކު މި ސިފަ އުފުލަމުންދާއިރު، ނޫކުލައިގެ ދެލޮލަކީ ހަމައެކަނި ރީތި ސިފައެއް ނޫނެވެ. އެއީ މީގެ އެތައް ހާސް އަހަރެއް ކުރިން އުޅުނު ކާބަފައިންގެ އެންމެ ނަސްލަކާ އަހަރެމެން ގުޅުވައިދޭ ދިރިހުރި ހެއްކެކެވެ. އެހެންވީމާ، ނޫކުލައިގެ ދެލޯ ހުންނަ ދުރުތާ ތިމާގެ މީހަކު ތިބާގެ ހުރޭ ހެއްޔެވެ؟
