މެޓާގެ ކުރީގެ އިންޖިނިއަރަކު ފޭސްބުކް ބޭނުންކުރާ މީހުންގެ ޕާސަނަލް ފޮޓޯތަކުން 30،000 އަށް ވުރެ ގިނަ ޕްރައިވެޓް ފޮޓޯ ޑައުންލޯޑް ކުރި ކަމުގެ ތުހުމަތުގައި ލަންޑަންގެ ސައިބާ ކްރައިމް ޔުނިޓުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ކޯޓު ޑޮކިއުމެންޓްތަކާ ހަވާލާދީ ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މުވައްޒަފު ވަނީ ކުންފުނީގެ ދާޚިލީ ސެކިއުރިޓީ ސިސްޓަމްތަކަށް ނޭނގޭ ގޮތަށް އޭނާގެ ހަރަކާތްތައް ފޮރުވައިދޭ ޚާއްސަ ސްކްރިޕްޓެއް ފަރުމާކޮށްފައެވެ. މެޓާ އިން ބީބީސީ އަށް ދިން ބަޔާނެއްގައި ބުނީ މި ކަން ފާހަގަވީ މީގެ އެއް އަހަރަށް ވުރެ ކުރިން ކަމަށެވެ. އެ މުވައްޒަފު ވަޒީފާ އިން ވަކިކޮށް، އަސަރު ކުރި ފޭސްބުކް ޔޫޒަރުންނަށް އެންގުމުގެ އިތުރުން ސެކިއުރިޓީ ޕްރޮޓޮކޯލްތައް ވެސް އަޕްޑޭޓްކޮށްފައިވާ ކަމަށް މެޓާއިން ބުންޏެވެ. އެއަށް ފަހު މެޓާއިން އެ މައްސަލަ އިނގިރޭސިވިލާތުގެ ފުލުހުންނަށް ހުށަހެޅި އެވެ. އަދި ނޮވެމްބަރު މަހު އެ މީހާ ހައްޔަރު ކުރެވުނެވެ.
“މީގެ އެއް އަހަރަށް ވުރެ ކުރިން މުވައްޒަފެއް ނާޖާއިޒު ގޮތުގައި މަޢުލޫމާތަކަށް އެކްސެސް ވީކަން އެނގުމާ އެކު، ވަގުތުން އެ މީހާ ވަޒީފާ އިން ވަކިކޮށް، ޔޫޒަރުންނަށް އެންގީ. ލޯ އެންފޯސްމެންޓަށް ހުށައަޅައި ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަ ކުރީމު. ކުރިއަށް ދާ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދަން!”
ޔޫޒަރުންގެ ޕްރައިވެސީ އާ ގުޅޭ ގޮތުން މެޓާއަށް ކުރިން ވެސް ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. މެޓާ އޭއައި ޗެޓްބޮޓް ޕްރޮމްޕްޓްތައް އާންމުންނަށް ފެންނަ ގޮތް ވެފައި ހުރި ކަމުގެ ކަންބޮޑުވުމާއި، މެޓާ ރޭ-ބާން އައިނު ބޭނުންކުރާ މީހުންގެ ޕާސަނަލް ރެކޯޑިންތައް އޭއައި ތަމްރީނަށް ބޭނުންކުރާ ކަން ކެންޔާގައި ތިބި މެޓާގެ ބޭރު މުވައްޒަފުންނަށް ރިވިއު ކުރުވާ ކަމުގެ ތަހުގީގެއް ވެސް މިދިޔަ މަހު ފެންމަތިވިއެވެ. މީގެ އިތުރުން ޖެނުއަރީ މަހު ބައިނަލްއަގުވާމީ ދައުވާ ކުރާ ފަރާތްތަކާއި ވިސްލްބްލޯއާޒް ވަނީ މެޓާ އާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އެ ދައުވާގައި ބުނެފައިވަނީ އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ވޯޓްސްއެޕް މެސެޖްތައް މެޓާ މުވައްޒަފުން އެކްސެސްކޮށް ތަހުލީލު ކުރާ ކަމަށެވެ. އެ ތުހުމަތު މެޓާ އިން ވަނީ ދެކޮޅު ހަދައިފައެވެ.
