ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެއުމުގެ ދެ އާދައަކުން ބަރުދަން ލުއިކޮށް ބެހެއްޓުމަށް އެހީވެދާނެ – ދިރާސާ

ރޭގަނޑު ނުކައި ހުންނަ ވަގުތު ދިގުކުރުމާއި ހެނދުނު އަވަހަށް ނާސްތާ ކުރުމަކީ ބަރުދަން ލުއިކޮށް ބެހެއްޓުމާ ގުޅުން ހުރި ދެ އާދައެއް ކަމަށް ބޮޑު ދިރާސާއަކުން ދައްކައިފިއެވެ.

ބާސެލޯނާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ހެލްތް (އައިއެސްގްލޯބަލް) އިން އިސްވެ ހެދި މި ދިރާސާ ޝާއިޢުކޮށްފައިވަނީ އިންޓަނެޝަނަލް ޖާނަލް އޮފް ބިހޭވިއަރަލް ނިއުޓްރިޝަން އެންޑް ފިޒިކަލް އެކްޓިވިޓީގައެވެ. މި ދިރާސާގައި 40 އާއި 65 އާ ދެމެދުގެ އުމުރުގެ 7،000 އަށް ވުރެ ގިނަ މީހުންގެ މަޢުލޫމާތު ބޭނުންކޮށްފައިވެއެވެ. 2018 ވަނަ އަހަރު ބައިވެރިން ވަނީ އެ މީހުންގެ ބަރުދަނާއި، ކެއުމުގެ ވަގުތުތަކާއި، ދިރިއުޅުމުގެ އާދަތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ. ފަސް އަހަރު ފަހުން 2023 ގައި 3،000 އަށް ވުރެ ގިނަ ބައިވެރިން ފޮލޯއަޕް އެސެސްމެންޓްތަކަށް އެނބުރި އައި ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

“އަޅުގަނޑުމެންގެ ނަތީޖާތައް ދައްކާ ގޮތުން ރޭގަނޑު ނުކައި ހުންނަ ވަގުތު ދިގުކުރުމާ އެކު ރޭގަނޑުގެ ކެއުމާއި ހެނދުނުގެ ނާސްތާ އަވަސްކުރުމުން ބަރުދަން ހެޔޮ މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދާނެ. ދުވާލުގެ ކުރީކޮޅު ކެއުމަކީ ހަށިގަނޑުގެ ސާކެޑިއަން ރިދަމް އާ އެއްގޮތް ކަމެއް ކަމުން ކެލޮރީ އެންދުމާއި ކާހިތްވުން ކޮންޓްރޯލްކުރުން ރަނގަޅުވާ ކަމަށް ބެލެވޭ.”

ދިރާސާގައި ބައިވެރިވި ލުޗިއާނާ ޕޮންސް-މުއްޒޯ ވިދާޅުވިއެވެ. ނަމަވެސް ސީދާ ޔަޤީން ނިންމުންތަކެއް ނިންމުމަށް އަދި އިތުރު ހެކި ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިންސުގެ ތަފާތުތަކަށް ބަލާއިރު، އާންމު ގޮތެއްގައި އަންހެނުންގެ ބީއެމްއައި (ބޮޑީ މާސް އިންޑެކްސް) ދަށް ކަމަށާއި، މެޑިޓެރޭނިއަން ޑައެޓާ ގާތްކޮށް ކައި އުޅޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ނަފްސާނީ ދުޅަހެޔޮކަން ދަށް ކަމަށް އަންހެނުން ރިޕޯޓްކޮށްފައިވެއެވެ. އަދި ފިރިހެނުންގެ ކުޑަ ގްރޫޕެއް ހެނދުނުގެ ނާސްތާ ދޫކޮށްލައި މެންދުރު ފަހު 2:00 ގެ ފަހުން ފުރަތަމަ ކެއުން ކެއި ނަމަވެސް، އެ މީހުންގެ ބަރުދަނަށް ރަނގަޅު ބަދަލެއް ނާންނަ ކަމަށް ދިރާސާއިން ދެއްކިއެވެ. އެ ގްރޫޕުގައި ދުންފަތާއި ބަނގުރާ ބޭނުންކުރުން ގިނަ، ކަސްރަތު މަދު، އަދި ތަޢުލީމީ ފެންވަރު ދަށް ފިރިހެނުން ހިމެނޭ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

“ހެނދުނުގެ ނާސްތާ ދޫކޮށްލައިގެން ކުރާ އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން ބަރުދަނަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ދިރާސާއިން ފެނުނު.”

އައިއެސްގްލޯބަލްގެ ރިސާޗާ ކެމީލް ލަސާލް ވިދާޅުވިއެވެ. މީގެ ކުރީގެ ދިރާސާތަކުންވެސް ދައްކާ ގޮތުގައި ދުވާލުގެ ކުރީކޮޅު ކެއުމަކީ ހިތުގެ ބަލިތަކާއި ޓައިޕް 2 ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް އައިއެސްގްލޯބަލް އިން ބުނެފައިވެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top