ގޭބިސީތަކުގައާއި ސިއްޙީ ފަރުވާދޭ ތަންތަނުގައި ބޭނުންކުރާ، އަލްކޮހޯލް ނުހިމެނޭ ވެޓް ވައިޕްސް ތަޣައްޔަރުވުމުގެ ސަބަބުން، ފުރާނައަށް ނުރައްކާވެދާނެ ފަދަ ބެކްޓީރިއާއެއް ފެތުރެމުންދާތީ އިނގިރޭސިވިލާތުގެ ސިއްޙީ އިދާރާތަކުން އާންމު ސިއްޙަތުގެ ކުއްލި އިންޒާރެއް ނެރެފިއެވެ.
ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަރްޚޮލްޑެރިއާ ސްޓެބިލިސިސް ނަމަކަށް ކިޔާ މި ބެކްޓީރިއާގެ ސަބަބުން މިހާތަނަށް 59 މީހަކަށް ބަލިޖެހި، 6 މީހަކު ވަނީ މަރުވެފައެވެ. މި ބެކްޓީރިއާ ފެނިފައިވަނީ ޒަޚަމްތައް ސާފުކުރުމަށާއި ސިއްޙީ އާލާތްތައް ސާފުކުރުމަށް ބޭނުންކުރާ ވެޓް ވައިޕްސްތަކަކުންނެވެ.
ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، މި މައްސަލަ ޖެހިފައިވާ އުފެއްދުންތައް ޖުލައި 2025 ގައި ބާޒާރުން ނެގި ނަމަވެސް، ގޭބިސީތަކުގައި ހުންނަ ފަސްޓް-އެއިޑް ކިޓްތަކުގައާއި ގިނަ ދުވަހަށް ބޭނުންކުރުމަށް ރައްކާކޮށްފައި ހުންނަ ތަކެތީގެ ތެރޭގައި އަދިވެސް މި ތަކެތި ހުރެދާނެތީ އެކަމަށް ސަމާލުވުމަށް މިހާރު ވަނީ އިންޒާރު ދީފައެވެ.
ބެކްޓީރިއާ ފެނިފައިވާ އުފެއްދުންތައް:
ތަހުގީގުތަކުން ދައްކާގޮތުގައި މި ބަލިމަޑުކަން ފެތުރެން މެދުވެރިވީ ތިރީގައިވާ ހަތަރު ބްރޭންޑެއްގެ ވެޓް ވައިޕްސްތަކުންނެވެ.
- ވެލިއު އެއިޑް
- މައިކްރޯސޭފް
- ސްޓެރޯޕްލާސްޓް ސްޓެރޯވައިޕް
- ރެލިވައިޕް
ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އިން ފާހަގަކުރި ގޮތުގައި، މި ތަކެއްޗަކީ އާންމު ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ކަމަށް އިޝްތިހާރު ކުރި ނަމަވެސް، މިއީ ސްޓެރިލައިޒް ކުރެވިފައިވާ (ޖަރާސީމުން ސާފުކުރެވިފައިވާ) ތަކެއްޗެއް ނޫނެވެ. އެހެންކަމުން، ޒަޚަމްތަކަށް ފަރުވާ ދިނުމަށާއި ހަށިގަނޑުގެ އެތެރެއަށް ލައްވާ ސިއްޙީ އާލާތްތައް ސާފުކުރުމަށް މި ތަކެތި އެއްވެސް ހާލެއްގައި ބޭނުންކޮށްގެން ނުވާނެއެވެ.
އެންމެ ނުރައްކާ ބޮޑީ ކޮން ބަޔަކަށް؟
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި “ބަރްޚޮލްޑެރިއާ ސްޓެބިލިސިސް” ބެކްޓީރިއާގެ ސަބަބުން އާންމުކޮށް ސިއްޙަތު ސަލާމަތުން ތިބޭ މީހުންނަށް މާ ބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް، ތިރީގައިވާ ފަރާތްތަކަށް މީގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.
● ދިފާއީ ނިޒާމު ބަލިކަށި މީހުން
● ސިސްޓިކް ފައިބްރޯސިސް ބަލި ހުންނަ މީހުން
● ގޭގައި ފަރުވާ ހޯދާއިރު ހަށިގަނޑުގެ ނާރުތަކަށް ނުވަތަ އެހެނިހެން ގޮތްގޮތުން އާލާތްތައް ލައްވާފައިވާ ބަލިމީހުން
މިފަދަ ހާލަތްތަކުގައި، މި ބެކްޓީރިއާގެ ސަބަބުން ލޭގެ އިންފެކްޝަން ނުވަތަ ހަށިގަނޑުގެ އެތެރޭގެ މަސްތަކަށް ނުރައްކާތެރި އިންފެކްޝަންތައް ޖެހިދާނެއެވެ.
ބަލި ފެތުރޭ ގޮތް:
ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އިން ބުނާ ގޮތުގައި މި ބެކްޓީރިއާ ހަށިގަނޑަށް ފޯރަނީ ތަޣައްޔަރުވެފައިވާ ވެޓް ވައިޕްސްތައް ތިރީގައިވާ ކަންކަމަށް ބޭނުންކުރުމުންނެވެ.
● ހަންގަނޑު މަށައިގެން ގޮސްފައިވާ ނުވަތަ ހުޅުވިފައިވާ ތަންތަނުގައި ޖެއްސުން
● ޒަޚަމްތައް ނުރަނގަޅު ގޮތުގައި ސާފުކުރުން
● ސިއްޙީ އާލާތްތައް ޖަރާސީމުން ސާފުކުރުމަށް ބޭނުންކުރުން
މި ބެކްޓީރިއާ ހަށިގަނޑަށް ފޯރުމުން، އެ ސަރަހައްދެއް ރަތްވުން، ދުޅަވުން، ހޫނުވުން އަދި ދޮސްގަތުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުމުގެ ފުރުސަތު އޮވެއެވެ.
އާންމު ސިއްހަތަށް ދީފައިވާ އިރުޝާދު:
ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އިން ވަނީ އާންމުންނާއި، ބަލިމީހުން ބަލަހައްޓާ ފަރާތްތަކާއި ސިއްޙީ ޚިދުމަތްތެރިންނަށް ތިރީގައިވާ ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ.
1 – މަތީގައި ބަޔާންކުރި ބްރޭންޑްތަކުގެ ތެތް ޓިޝޫކޮޅުތައް ސިއްޙީ ކަންކަމަށް ބޭނުންކުރުން ވަގުތުން ހުއްޓާލުން.
2 – ބާކީ ހުރި ތަކެތި ރައްކާތެރިކަމާއެކު އުކާލުން.
3 – ގޭގައި ހުންނަ ފަސްޓް-އެއިޑް ކިޓްތައް ބަލައި، ޖަރާސީމުން ސާފުނުކުރާ އުފެއްދުންތައް ސިއްޙީ ފަރުވާއަށް ބޭނުން ނުކުރުން.
ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަނީ، ޒަޚަމްތަކަށް ފަރުވާ ދިނުމަށާއި އާލާތްތައް ސާފުކުރުމަށް ބޭނުންކުރަންވާނީ ހަމައެކަނި މެޑިކަލް ގްރޭޑްގެ، ސްޓެރިލައިޒް ކުރެވިފައިވާ އުފެއްދުންތައް ކަމަށެވެ.
މި ހާދިސާއިން ހާމަވެގެންދަނީ، އާންމު ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެއްޗާއި މެޑިކަލް ގްރޭޑްގެ ސްޓެރިލް ތަކެއްޗާ ހުރި ތަފާތަށް އާންމުން ހޭލުންތެރިވުމުގެ މުހިންމުކަމެވެ. ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ގޭގައި ރައްކާކޮށްފައި ހުންނަ ތަކެއްޗަކީ ސިއްޙީ ފަރުވާއަށް ޚާއްސަކޮށް އުފައްދާފައިވާ ތަކެތި ނޫންނަމަ، އޭގެން ނުސީދާ ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ.
ސިއްޙީ އިދާރާތަކުން ދަނީ މި ތަކެތި އުފެއްދުމުގައި މައްސަލަ ދިމާވި ގޮތް އިތުރަށް ތަހުޤީޤުކުރަމުންނެވެ.
މިފަދަ ބަލިމަޑުކަން ފެތުރުމަކީ މަދުން ނޫނީ ދިމާވާ ކަމެއް ނޫން ނަމަވެސް، ރަނގަޅު އުފެއްދުންތައް އިޚުތިޔާރު ކުރުމަކީ، ޚާއްސަކޮށް ގޭގައި ސިއްޙީ ފަރުވާ ހޯދާ ފަރާތްތަކަށް އިންފެކްޝަންތަކުން ރައްކާތެރިވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އިން ބުނެއެވެ.
