ބަހަކީ މުޖުތަމަޢެއްގެ އާދަކާދައާއި، ސަގާފަތާއި އަދި އެބައެއްގެ ވިސްނުން ހުންނަ ގޮތް ރަމްޒުކޮށްދޭ އެންމެ މުހިންމު ވަސީލަތެވެ. ދިވެހިބަހުގެ މުއްސަނދިކަމުގެ ތެރޭގައި ތަފާތު ބަސްމަގުތަކާއި މުޙާވިރާތައް އެކުލެވިގެންވެއެވެ. މިގޮތުން، ތެދުބަހުން ވާހަކަދެއްކުމާ ބެހޭގޮތުން ބޭނުންކުރާ ދެ އިބާރާތެއް ކަމަށްވާ “ތެދު ބުނުން” އަދި “ތެދު ހެދުން” މި ދެގޮތާމެދު ބަހުގެ އަހުލުވެރިންގެ މެދުގައި ބައެއް ފަހަރު ބަހުސް ކުރެވެއެވެ. މީގެ ތެރެއިން ބަހުގެ ގޮތުންނާއި މާނައިގެ ގޮތުން އެންމެ ރަނގަޅީ ކޮން ގޮތެއްތޯ ބަލާލުން މުހިންމެވެ.
ފުރަތަމަ ކަމަކަށް “ބުނުން” މި ލަފުޒުގެ މާނައަށް ބަލާލަމާ ހިނގާށެވެ. “ބުނުން” މިއީ ދުލުން ބޭރުކުރާ އަޑުތަކަކަށް ނުވަތަ ބަސްތަކަކަށް ނިސްބަތްކޮށް ބޭނުންކުރާ ލަފުޒެކެވެ. މީހަކު ކުރާ ސުވާލަކަށް ދޭ ޖަވާބަކީ ހަޤީޤަތާ އެއްގޮތް ޖަވާބެއްނަމަ، އެމީހަކު އެ ބުނީ ތެދެކެވެ. އެހެންކަމުން، ބަހުގެ ޤަވާއިދުގެ ސީދާ ހަމައަށް ބަލާއިރު “ތެދު ބުނުން” މިއީ ކުރާ ޢަމަލާ އެންމެ ބޮޑަށް ގުޅޭ، ބަހުގެ ސީދާ މާނަ ދޭހަކޮށްދޭ އިބާރާތެވެ.
ދެވަނަ ކަމަކަށް “ތެދު ހެދުން” މި އިބާރާތަށް ބަލާއިރު، މިއީ ދިވެހިބަހުގައި ވަރަށް ކުރީއްސުރެ ބޭނުންކުރެވެމުން އަންނަ މުޙާވިރާގެ ގޮތުގައި ހިމެނޭ ބަސްމަގެކެވެ. ދިވެހިބަހުގައި އިދިކޮޅު މާނަ ދޭހަކޮށްދިނުމަށް “ދޮގު ހެދުން” ބޭނުންކުރެއެވެ. “ހެދުން” މި ލަފުޒަކީ ކަމެއް އުފެއްދުމަށް ނުވަތަ ކަމެއް ކުރުމަށް ބޭނުންކުރާ ލަފުޒެކެވެ. ދޮގަކީ ނެތް އެއްޗެއް އުފެއްދުން ކަމަށްވާތީ “ދޮގު ހެދުން” ބޭނުންކުރުން އެންމެ ރަނގަޅެވެ.
އަހަރެމެންނަކީ ދިވެހީންނަށް ވީހިނދު ކުށްނުލައި ސާފުސީދާ ދިވެހިބަހުން ވާހަކަދެއްކޭތޯ މަސައްކަތްކުރަން ޖެހެއެވެ. ތެދަކީ “ހަދާ” އެއްޗެއް ނޫނެވެ. ތެދަކީ ކަން އޮތްގޮތަށް ހަޤީޤަތަށް ބުނެދިނުމެވެ. ވުމާއެކު ދިވެހިބަހުގެ ހަމަތަކަށް ބަލާއިރު، “ތެދު ބުނުން” އަދި “ތެދު ހެދުން” މި ދެ އިބާރާތުގެ ތެރެއިން އެންމެ ރަނގަޅު ގޮތަކީ “ތެދު ބުނުމެވެ.”
