އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ (ލަކްޝްޔާ) ލީޑް ރޯލުން ފެނިގެންދާ ރޮމޭންޓިކް ފިލްމު “ޗާންދު މޭރާ ދިލް” ގެ ޓައިޓްލް ލަވަ ރިލީޒްކޮށްފިއެވެ.
މިއަދު މީސްމީޑިއާގެ މަންސަތަކާއި ޔޫޓިއުބްގައި ރިލީޒްކުރި މި ލަވައިގައި ފެނިގެންދަނީ ފިލްމުގެ މައިގަނޑު ދެ ކެރެކްޓަރު ކަމަށްވާ އާރަވް އާއި ޗާންދްނީގެ ލޯބީގެ ޖަޒުބާތީ ދަތުރެވެ. ފިލްމުގެ ޓީމުން ބުނެފައިވާ ގޮތުގައި މިއީ ޖަޒުބާތާއި މިއުޒިކް ގުޅިގެން އަންނަ ރީތި މެޑްލީއެއް ކަމަށެވެ. އަދި މި ރާގު އަބަދުވެސް ހިތުގައި ހަރުލާފައި ހުންނާނެ ކަމަށްވެސް އެ ޓީމުން ބުނެއެވެ.
ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްފައިވާ މި ހިތްގައިމު ލަވައިގެ ޅެން ލިޔެފައިވަނީ އަމީތާބް ބަޓަޗާރިޔާ އެވެ. “ސައްޔާރާ” ފަދަ މަޝްހޫރު، މީހުންގެ ހިތްތަކުގައި ބިންވަޅު ނެގޭ ފަދަ ލަވަތަކެއް ކިޔާފައިވާ ފަހީމް ޢަބްދުﷲ ގެ އަޑުން އިވިގެންދާ “ޗާންދު މޭރާ ދިލް” އަކީ އަނެއްކާވެސް ހަމަ އެފަދަ ލަވައަކަށް ވާނެކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ބޭނުންވީ މި ފިލްމުގެ ލަވަ އަލްބަމަކީ “އަހަރުގެ އަލްބަމް” އަށް ހެދުމަށެވެ. އެހެންކަމުން ލަވަތައް ފުރިހަމަކުރުމުގެ މަސައްކަތުގައި ޚުދު ކަރަންވެސް ބައިވެރިވިއެވެ. 2025 ގައި ރިލީޒްކުރާނެ ކަމަށް ބެލެވުނު ފިލްމު ރިލީޒްކުރުން ލަސްވީ އެ ސަބަބާހުރެ ކަމަށް ވެއެވެ.
މި ލަވަ ރިލީޒްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔޫޓިއުބުން އެކަނިވެސް މި ލަވައަށް ލައްކައަކަށްވުރެ ގިނަ ވިއުސް އާއި 18 ހާހަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ވިވޭކް ސޯނީ ޑައިރެކްޓްކޮށްފައިވާ “ޗާންދު މޭރާ ދިލް” ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ 22 ގައެވެ.
