އެޕަލް ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު، އައިފޯން ފޯލްޑްގެ މާސް ޕްރޮޑަކްޝަން ގާތްގަނޑަކަށް އެއް މަހާއި ދެ މަހާ ދެމެދުގެ މުއްދަތަކަށް ލަސްވެފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ ފޯލްގައި އެ ޑިވައިސް ލޯންޗުކުރުމުގެ ޕްލޭނަށް ބަދަލެއް ނާންނަ ކަމަށް ޑިޖިޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.
ޑިޖިޓައިމްސް އިން ބުނި ގޮތުގައި، އެޕަލް އިން ކުރިން ރާވާފައި އޮތީ 2026 ވަނަ އަހަރުގެ ޖޫންގައި މާސް ޕްރޮޑަކްޝަން ފެށުމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ވަނީ އޮގަސްޓް މަހުގެ ކުރީކޮޅަށް ފަސްވެފައެވެ. ލޯންޗު ލަސްވާ ކަމުގެ އެއްވެސް މެސެޖެއް އެޕަލް އިން ސަޕްލަޔަރުންނަށް ދީފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ ކުރިން ބައެއް އަޑުތައް ފެތުރިފައި ވަނީ އިންޖިނިއަރިން ވެލިޑޭޝަން ޓެސްޓް މަރުހަލާގައި ކުރިން ލަފާކުރި ވަރަށް ވުރެ ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ޖަޕާނުގެ ނިއްކެއި ނޫހުން މިދިޔަ ހަފުތާގައި ރިޕޯޓުކުރީ އިންޖިނިއަރިން މަރުހަލާގެ ލަސްވުމުގެ ސަބަބުން 2027 އާ ހަމައަށް ލޯންޗު ފަސްވެދާނެ ކަމަށެވެ. ނަމަވެސް ބްލޫމްބާގްގެ މާކް ގާމަން ބުނީ އައިފޯން ފޯލްޑް، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ނެރޭ އައިފޯން 18 ޕްރޯ މޮޑެލްތަކާ “ގާތްގަނޑަކަށް އެއް ދުވަސްވަރެއްގައި” ނުވަތަ “ކުޑަ ދުވަސްކޮޅެއް ފަހުން” ނެރޭނެ ކަމަށެވެ. ޑިޖިޓައިމްސްގެ ރިޕޯޓުން އެނގެނީ ޓެސްޓް މަރުހަލާގައި ލަސްވުމެއް އެބައޮތް ކަމަށާއި، ނަމަވެސް މާސް ޕްރޮޑަކްޝަން މަރުހަލާގައި އެ ވަގުތު ފޫބެއްދިދާނެ ކަމަށެވެ.
މާސް ޕްރޮޑަކްޝަން ޓައިމްލައިން ލަސްވުމުގެ ސަބަބުން ސީރިއަސް ސަޕްލައި ޗެއިން ޝޯޓޭޖެއް ކުރިމަތިވެ، ޑިވައިސް ލިބުން ދަތިވެދާނެ ކަމަށް ބެލެވެއެވެ. އައިފޯން ފޯލްޑްގެ އަގު 2,000 އާއި 2,500 ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އެޕަލްގެ ފުރަތަމަ ފަތްޖެހޭ ޑިވައިސް ކަމަށް ވާއިރު، ފޯނު ލައްޕާލާފައި ހުންނައިރު 5.5 އިންޗީގެ ޑިސްޕްލޭއެއް، އަދި ހުޅުވާލާފައި ހުންނައިރު 7.8 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެއެވެ.
