އިތުރަށް ކެއުމާ ނުލައިވެސް ޕާނާއި ބަތް ފަދަ ކާބޯހައިޑްރޭޓް ގިނަ ކެއުންތަކުން ބަރުދަން އިތުރުވާ ސައިންޓިފިކް ސަބަބު ޖަޕާނުގެ އޮސާކާ މެޓްރޮޕޮލިޓަން ޔުނިވާސިޓީގެ ދިރާސާވެރިން ހޯދައިފިއެވެ.
ޕާނަކީ ޒަމާނުއްސުރެ ދުނިޔޭގެ ކެއުމުގެ މައިގަނޑު ބައެކެވެ. ނަމަވެސް ފަލަވުން އިތުރުވަމުންދާ މި ޒަމާނުގައި، ކާބޯހައިޑްރޭޓް ގިނަ ކެއުންތަކުގެ ދައުރާ މެދު ދިރާސާވެރިން ވަނީ ސުވާލު އުފައްދައިފައެވެ. ކުރިން ގިނަ ދިރާސާތައް އަމާޒުކޮށްފައި ހުރީ ސަރުބީ ގިނަ ކެއުމާ ބަރުދަން އިތުރުވުމާ ހުރި ގުޅުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކައި އުޅޭ ޕާނާއި ބަތާއި ނޫޑްލްސް ފަދަ ކާބޯހައިޑްރޭޓްތަކުގެ ރޯލު އެހާ ފުންކޮށް ދިރާސާކޮށްފައެއް ނުވެއެވެ.
ޕްރޮފެސަރު ޝިގެނޯބު މަޓްސުމޫރާ އިސްވެ ހުންނަވައި ކުރެއްވި މި ދިރާސާގައި، މީދާތަކަށް ޕާނާއި ހުދު ގޮދަނާއި ހަނޑުލުގެ ފުށް ފަދަ ބާވަތްތައް ދީގެން ނަތީޖާ ބެލިއެވެ. މީދާތައް ބެހީ އެކި ކެއުމުގެ ގްރޫޕްތަކަށެވެ. އެއީ ޢާންމު ކާނާ، ޢާންމު ކާނާ + ޕާން، ޢާންމު ކާނާ + ގޮދަން ފުށް، ޢާންމު ކާނާ + ހަނޑޫ ފުށް، ސަރުބީ ގިނަ ކެއުން + ޢާންމު ކާނާ، އަދި ސަރުބީ ގިނަ ކެއުން + ގޮދަން ފުށެވެ.
ނަތީޖާ ދެއްކި ގޮތުގައި މީދާތައް ކާބޯހައިޑްރޭޓް ގިނަ ބާވަތްތައް ޚިޔާރުކޮށް، ޢާންމު ކާނާ ކެއުން އެއްކޮށް ހުއްޓައިލިއެވެ. ޖުމްލަ ކެލޮރީ މާބޮޑަށް އިތުރު ނުވި ނަމަވެސް، ބަރުދަނާއި ސަރުބީ އިތުރުވިއެވެ. ހަނޑޫ ފުށް ކެއި މީދާތައް ބަރުދަން އިތުރުވީ ގޮދަން ފުށް ކެއި މީދާތަކާ އެއް ގޮތަކަށެވެ. ނަމަވެސް ސަރުބީ ގިނަ ކެއުމާ އެކު ގޮދަން ފުށް ކެއި މީދާތަކުގެ ބަރުދަން، ސަރުބީ ގިނަ ކެއުމާ ޢާންމު ކާނާ ކެއި މީދާތަކަށް ވުރެ ދަށެވެ.
“މި ހޯދުންތައް ދައްކާ ގޮތުގައި ބަރުދަން އިތުރުވަނީ ގޮދަނުން ވާ ވަކި ޚާއްޞަ ކަމެއްގެ ސަބަބުން ނޫން ކަމަށާއި، ކާބޯހައިޑްރޭޓަށް ހުންނަ ގަދަ ޝައުގާއި އެއާ ގުޅިގެން މެޓަބޮލިޒަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް” ޕްރޮފެސަރު މަޓްސުމޫރާ ވިދާޅުވިއެވެ.
ދިރާސާވެރިން އިންޑައިރެކްޓް ކެލޮރީމެޓްރީ ބޭނުންކޮށްގެން ހެދި ތަހުލީލުން ދެއްކީ ބަރުދަން އިތުރުވީ ގިނައިން ކެއުމުން ނޫން ކަމާއި، ހަށިގަނޑުގެ ހަކަތަ އެންދުން ދަށްވުމުގެ ސަބަބުން ކަމެވެ. ލޭގައި ފެޓީ އެސިޑް ގިނަވެ، އެމައިނޯ އެސިޑް ދަށްވިއެވެ. ފުރަމޭގައި ސަރުބީ ޖަމާވެ، ފެޓީ އެސިޑް އުފެއްދުމާއި ސަރުބީ ދައުރުކުރުމާ ގުޅޭ ޖީންތައް ހަރަކާތްތެރިވިއެވެ. ނަމަވެސް ގޮދަން ފުށް ކެއުމުން މެދުކަނޑައިލުމުން ބަރުދަނާއި މެޓަބޮލިކް މައްސަލަތައް އަވަހަށް ރަނގަޅުވިއެވެ.
“ކުރިއަށް އޮތް ތަނުގައި، މި ދިރާސާގައި ފާހަގަކުރެވުނު މެޓަބޮލިކް ބަދަލުތައް އިންސާނުންގެ ކެއުމުގެ އާދަތަކަށް ކިހާ ވަރަކަށް ފެތޭތޯ ބެލުމަށް ދިރާސާގެ އަމާޒު އިންސާނުންނަށް ބަދަލުކުރަން ރާވާފައިވާ” ކަމަށް ޕްރޮފެސަރު މަޓްސުމޫރާ ވިދާޅުވިއެވެ. އެ ގޮތުން ހޯލް ގްރެއިން، ރިފައިން ނުކޮށް ހުންނަ ގޮވާން، ފައިބަރު ގިނަ ކެއުން، ޕްރޮޓީނާއި ސަރުބީއާ އެކު ޖައްސާ ގޮތް، ކާބޯތަކެތި ޕްރޮސެސް ކުރާ ގޮތް، އަދި ކެއުމުގެ ވަގުތު ފަދަ ކަންކަން ކާބޯހައިޑްރޭޓުން މެޓަބޮލިޒަމަށް ކުރާ އަސަރަށް ބަދަލު ގެންނަ މިންވަރު ބެލުމަށް ވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދިރާސާ ޝާއިޢުކޮށްފައި ވަނީ މޮލެކިއުލާ ނިއުޓްރިޝަން އެންޑް ފޫޑް ރިސާޗް ޖާނަލްގައެވެ.
