މީހެއްގެ ހަށިގަނޑުން ފެން މަދުވެފައިވާ ހާލަތެއްގައި ފެން ބުއިމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ސަބަބަކީ ހަށިގަނޑުން ފެން މަދުވުމުން ލޭގެ ހަކުރު އިތުރަށް ކޮންސެންޓްރޭޓްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ލޭގައި ގްލޫކޯޒް ހުންނަ މިންވަރު މަތިވާތީއެވެ.
ލަފާދެވިފައިވާ މިންވަރަށް ފެން ބުއިމުން، ކިޑްނީ މެދުވެރިކޮށް ހަށިގަނޑުގައި ހުންނަ ބޭނުންނުވާ ގްލޫކޯޒް ބޭރުކޮށްދިނުމަށް މަގުފަހިވެއެވެ. ނަމަވެސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ހުރިނަމަ، އިތުރަށް ފެން ބުއިމުން ލޭގެ ހަކުރަށް މާބޮޑު ބަދަލެއް ނާންނާނެއެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރުވާ ފެން ހަށިގަނޑުން ބޭރުކޮށްލާތީއެވެ.
ޗެރިޓީ ޖަމިއްޔާއެއް ކަމަށްވާ “ޑައިބެޓީސް ޔޫ.ކޭ” އިން ހާމަކުރާ ގޮތުގައި، މީހެއްގެ ލޭގައި ހަކުރު ހުންނަ މިންވަރު ގިނަ ދުވަސްތަކެއް ވަންދެން މަތީގައި ހުރިނަމަ، ހަމައެކަނި ފެން ބުއިމަކުން އެ މިންވަރު ދަށްކުރުމަކީ ވާނެ ކަމެއް ނޫނެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ދާއިމީކޮށް މަތިވާ ނަމަ، އެ މިންވަރު ތިރިކުރުމަށްޓަކައި ބޭސް ބޭނުންކުރުން ފަދަ އިތުރު ފަރުވާތައް ބޭނުންވާނެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުގެ ސަބަބުން ކަންބޮޑުވާ ނަމަ، ނުވަތަ މިހާރު ކުރަމުންދާ ފަރުވާތަކުން އެދެވޭ ނަތީޖާއެއް ނުފެންނަ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
ހަކުރު ބަލި ހުންނަ މީހުން ހަށިގަނޑުގައި ފެން ހުންނަ މިންވަރު އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަން (އޭ.ޑީ.އޭ) އިން ދޭ ބައެއް އިރުޝާދުތަކަކީ:
- ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ކަމަކަށް، ކެއުމުގެ ކުރިން ފެން ބުއިން
- ހޫނުގަދަ ދުވަސްވަރު ފެންބޯ މިންވަރު އިތުރުކުރުން
- ކުޑަކަމުދާ ތަކެތީގެ ކުލައަށް ސަމާލުވުން (ސާފު ނުވަތަ މަޑު ރީނދޫ ކުލައެއްގައި ހުރޭތޯ ބެލުން)
- ތުންފަތް ހިކުން ނުވަތަ ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން ފަދަ ހަށިގަނޑުން ފެން މަދުވުމުގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ފެން ބުއިން
- ކެފޭން އެކުލެވޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
ފެން ބޯން ހަނދާން ނުހުންނަ ނަމަ، ބޮޑު ފެން ފުޅިއެއް ކައިރީގައި ބެހެއްޓުމާއި، ފޯނުން ރިމައިންޑަރެއް ސެޓްކުރުން ނުވަތަ ހަކުރު މަދު މީރު ބުއިންތައް ބޭނުންކުރުމަކީ މިކަމަށް އެހީތެރިވެދޭނެ ކަންކަމެވެ.
