ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމް އޭނާގެ އެކްޝަން ތުރިލާ ފިލްމު ފިލްމު ފްރެންޗައިޒް “ފޯރސް” ގެ 3ވަނަ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
ވަރަށް ހަރުކަށި ފުލުހެއްގެ ރޯލުން ޖޯން އަބްރަހަމް ފެނިގެންދާ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމުގައި އަންހެން ލީޑުން ފެނިގެންދާނީ ތާނިޔާ މަނިކްތަލާއެވެ. ހަރްޝްވަރްދަން ރާނޭ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި މި ފިލްމުން ފެނިގެންދާއިރު އޭނާގެ ރޯލުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ “ފޯރސް” ފްރެންޗައިޒްގެ މި ފިލްމުގެ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ފަށާފައިވާއިރު ޖޯން ބުނެފައިވަނީ މިއީ އޭނާއަށް ވަރަށް ޚާއްސަ ފިލްމު ސީރީޒެއް ކަމަށެވެ. ކުރީގެ ދެބަޔަށް ބެލުންތެރިން ދިން ސަޕޯޓާއެކު މި ފިލްމުން އެ ލެގަސީ ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއެވެ.
ޖޯން އަބްރަހަމްގެ ޖޭއޭ އެންޓަޓެއިންމަންޓާއި ޝީލް ކުމާރްގެ ކެރޮލީނާ ކޯޕަރޭޝަން އިން ޕްރޮޑިއުސްކުރާ “ފޯރސް 3” ޑައިރެކްޓްކުރަނީ ބާވް ދުލިއާއެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 19 މާރިޗު 2027 ގައެވެ.
