ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިިހި ރާސްތާ – ޗެޕްޓަރ 19

ބޮޑުބޭބެ

އެ ގޭތެރެ އާދައިގެ ގޮތަކަށް އޮތް ނަމަވެސް، އެއީ ގަސްތުގައި ހުސްކޮށްފައި ހުރި ތަނެއްހެން ހީވެއެވެ. އެވަގުތު، އަމީރާއަށް އޭނާ ފެނުނެވެ. އެއީ ބޮޑުބޭބެއެވެ. ނަމަވެސް އަމީރާ ހީކުރި ކަހަލަ ބަލިކަށި ސިފައެއް އޭނާގެ ކިބަޔަކު ނެތެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. އެއީ ދޮގާއި ތެދުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެއްގެ ސިފައެވެ. އޭނާގެ ލޮލާއި އަމީރާގެ ލޯ ސީދާވިއެވެ. މިފަހަރު އެއްވެސް އޮޅުމެއް ނެތެވެ. ހީވަނީ އަމީރާ އަންނާނެ ވަގުތަކަށް އޭނާ ވަރަށް ކުރިން ފެށިގެން އިންތިޒާރު ކުރަމުން އައިހެންނެވެ.

“އަހަރެން އަންނާނެކަން، އުޅޭ ހާލު ކަލެއަށް އެނގޭ ދޯ.” އަމީރާ މަޑުމަޑުން ބުންޏެވެ.

ބޮޑުބޭބެ ބޯ ޖަހާލިއެވެ. “އާނ.. މާޒިންގެ މަރަށް ފަހު ބަލަމުން މިދަނީ.” އޭނާ އަމީރާގެ ދަރިންނަށް ބަލާލިއެވެ. ހިނދުކޮޅަކަށް އޭނާގެ މޫނުމަތިން އޯގާތެރިކަން ފެނުނު ނަމަވެސް، ވަގުތުން އެ މޫނު ހަރުކަށިވިއެވެ. “އެކަމު ކަލެއަކަށް ނޭނގުނު މަޑުން ހުންނާކަށް.”

އަމީރާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. “އެހެންވީއިރު، އަހަރެން މިތަނަށް ރޭވުމެއްގެ ދަށުން ގެނެވުނީ ކީއްވެ؟”

ކޮޓަރި ތެރެއަށް ހިމޭންކަން ވެރިވިއެވެ. ބޮޑުބޭބެ މަޑުމަޑުން ހިނގާފައި ގޮސް މޭޒު ކައިރީގައި މަޑުކޮށްލިއެވެ. އޭނާ އިށީނުމެއް ނުވަތަ އަމީރާ އިށީނުމަކަށްވެސް ނޭދެއެވެ. އޭގެ ބަދަލުގައި އޭނާ ވާހަކަދައްކަން ފެށީ ހަޤީޤަތުގެ ފަރުދާތައް ކަހަމުންދާ ފަދަ ގޮތަކަށެވެ.

“ކަލޭގެ ފިރިމީހާއަކީ ހަމައެކަނި މަރުވި މީހެއް ނޫން.” އޭނާ ބުންޏެވެ. “އޭނާ ނައްތާލެވުނީ.”

އަމީރާގެ ނޭވާ ތާށިވި ކަހަލައެވެ. “އޭގެ މާނައަކީ ކޮބާ؟”

ބޮޑުބޭބެ ސީދާ އަމީރާގެ ލޮލަށް ބަލާލިއެވެ. “އޭގެ މާނައަކީ، މި ޤައުމުގެ އަޑީގައި ކަންކަން ހިނގާ ގޮތް އޭނާއަށް މާ ބޮޑަށް އެނގޭތީ، ބަޔަކު އޭނާ ނައްތާލަން ނިންމީއޭ. ބަނދަރުތަކާއި، ފައިސާގެ މުއާމަލާތްތަކާއި، ކަނޑުގެ މަގުތަކާއި، ރަށްތަކުގެ މެދުގައި އޮންނަ ނެޓްވޯކްތައް.”

އަމީރާގެ ހަނދާނަށް ވަގުތުން އައީ ގުދަނެވެ. ހަތިޔާރުތަކެވެ. އަދި ރަށްތަކުގެ ހިމޭންކަމެވެ. “ދެން ކަލޭ؟” އަމީރާ ސުވާލުކުރިއެވެ.
ބޮޑުބޭބެގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. “އޭނާއަށް އެކަންކަން އޮތް ފުންމިން ދަސްކޮށްދިނީ އަހަރެން.”

އެ ޖުމްލައިން އަމީރާއަށް ލިބުނު ސިހުން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑެވެ. “ނޫން..”

ނަމަވެސް ބޮޑުބޭބެ ހުއްޓައެއް ނުލިއެވެ. “އަހަރެން އޭގެ ބައެއްގެ ގޮތުގައި އުޅުނިން. ކަލެއަށް އެ ފެނުނު ހަލަބޮލިކަމުގެ ތެރެއަކު ނޫން. އޭގެ ފަހަތުގައި އޮތް އޮނިގަނޑު ރޭވުމުގައި.”

އަމީރާގެ އަޑު ތޫނުވިއެވެ. “އެހެންވީމާ ކަލެއަކީވެސް އެމީހުންގެ ތެރެއިން މީހެއް.”

އޭނާ ބޯ ހޫޫރާލިއެވެ. “ނޫން. އަހަރެން އެމީހުންގެ މުޅި ނެޓްވޯކް ބަލިކޮށްލަންވެގެން، އޭގެ ޗާޓު ކުރަހަން ފެށި މީހަކީ.”

ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވިއެވެ. އަމީރާ ބަލަމުންދިޔައީ އޭނާގެ ވާހަކައިގައި ހުރި ތެދާއި ދޮގު ވަކިކުރެވޭތޯއެވެ. ނަމަވެސް އަމީރާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ބޮޑުބޭބެ ކުރިއަށް ގެންދިޔައެވެ.

“ކަލޭގެ ފިރިމީހާ ބޭނުންވީ ހުރިހާ ކަމެއް ފަޅާލަން. ނަންތަކާއި، މަގުތަކާއި، ފައިސާ ލިބޭ ގޮތްތަކާއި، ސިޔާސީ ނުފޫޒުތައް. އެކަން ކުރަން އުޅުމުން.. އޭނާއަކީ ހިމޭނުން ނައްތާލަންޖެހޭ މައްސަލައަކަށްވީ.”

އަމީރާގެ ހިތަށް ތަދުވިއެވެ. “އެހެންވީމާ އޭނާ މަރުވީ ކަލޭގެ ސަބަބުންތަ؟”

ބޮޑުބޭބެ އެކަމަށް އިންކާރެއް ނުކުރެއެވެ. “އަހަރެން އޭނާއަށް އިންޒާރު ދިނިން އެކަނި ނޫޅުމަށް. އޭނާއަށް އިތުބާރުކުރެވުނީ ނުބައި ބަޔަކަށް.”

އަމީރާގެ އަޑު މަޑުމަޑުން ތުރުތުރުލާން ފެށިއެވެ. “ދެން އަހަރެން ދުނިޔޭގައި މިހުރީ ކީއްވެ؟ އަހަންނާއި އަހަރެންގެ މައުސޫމް ދެ ދަރިންގެ ކުށަކީ ކޮބާ؟ ސްކޫލަކަށް ނުދެވޭތާ ބޭސް ފަރުވާޔާ ހިމާޔަތެއް ނެތި ހަޑިމުޑުދާރު ކަންތައްތަކެއްގެ ތެރޭގައި އެކުދިން ގަނަތަޅުވާތާ އެއް އަހަރު ވަނީ!”

އެ ސުވާލާއެކު މުޅި ތަނަށް ބަރުކަމެއް އަތުވެއްޖެއެވެ. ބޮޑުބޭބެ އަމީރާއަށް ބަލާލިއެވެ. “ކަލެއަކީ ‘ކޮންޓިންޖެންސީ’ އެއް (ކަމެއް ދިމާވެއްޖެ ހިނދެއްގައި ބޭނުންކުރަން އޮތް ގޮތެއް).”

“ކީކޭ؟”

އޭނާ އަމީރާއާ ކައިރިއަށް ޖެހިލިއެވެ. “ކަލޭގެ ފިރިމީހާ ފެށި މަސައްކަތް ނިންމައެއް ނުލެވުނު. ނަމަވެސް އޭނާ މަރުވިޔަސް އެ މަޢުލޫމާތުތައް ނައްތައެއް ނުލެވޭނެކަން އޭނާ ކަށަވަރުކުރި. އަދި އެ މަޢުލޫމާތުތަކާ ހަމައަށް ވާސިލްވެވޭނެ ހަމައެކަނި މީހަކަށް އޭނާ އިޚްތިޔާރުކުރީ ކަލޭ.”
އަމީރާ ބޯ ހޫޫރާލިއެވެ. “އެއީ ވާނެ ކަމެއް ނޫން. އަހަރެންނަކަށް އެއްވެސް އެއްޗެއް ނޭނގޭ.”

ބޮޑުބޭބެ ބުންޏެވެ. “ކަލޭ ނުރައްކާތެރި މީހަކަށް ވަނީވެސް އެހެންވެ.”

އަނެއްކާވެސް ހިމޭންވިއެވެ. ބޭރުން ޖެހެމުންދިޔަ ވައިރޯޅިތަކުގެ އަޑު އިވެއެވެ. އެ ވައިރޯޅިތަކުން މުޅި ނިޒާމު ފުނޑުފުނޑުކޮށްލެވިދާނެ ފަދަ ސިއްރުތަކެއް އުފުލަމުންދާ ކަހަލައެވެ.

“ދެން އަހަރެން މިހާރު ކުރަންވީ ކީއް؟” އަމީރާ  އެހިއެވެ.

ބޮޑުބޭބެ އެންމެ ފަހުން އިށީނެވެ. “މިހާރު، ކަލޭ ނިންމަންވީ މިހާރުވެސް ކަލޭ ވަދެފައިވާ މި ނުރައްކާތެރި ދުނިޔެއިން ފިލައިގެން ދުވަންވީތޯ، ނުވަތަ ކަލޭގެ ނަން އަދި ނޭނގޭ މި ނިޒާމުގެ ބާރުތައް ކަލޭގެ އަތްދަށަށް ގެންނަން ދަސްކުރަންވީތޯ.”

އަމީރާއަށް އެވަގުތު ބޮޑު ބަދަލެއް އިހުސާސްވިއެވެ. އެއީ ބިރެއް ނޫނެވެ. ގާއްޑޭއަކީ މިހާރު މުޅި މަންޒަރެއް ނޫނެވެ. ގޭންގުތަކަކީވެސް ހުރިހާ އެއްޗެއް ނޫނެވެ. ފުރާނަ ސަލާމަތްކުރުމަކީ މިހާރު އޮތް ހަމައެކަނި މަޤުސަދެއް ނޫނެވެ. މިއީ މާ ބޮޑު، މާ ބާރުގަދަ ކަމެކެވެ. އަމީރާ މިވަނީ އޭގެ ތެރެއަށް ވަދެފައެވެ. އެއީ އިއްތިފާޤަކުން ނޫނެވެ. އެއީ ރޭވުމެއްގެ ދަށުންނެވެ.

އަދި ކޮންމެވެސް ހިސާބަކުން، މި ނިޒާމު އަމީރާގެ ދިރިހުރުމާމެދު ފިޔަވަޅު އަޅަން މިހާރުވެސް ވަނީ ފަށާފައެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top