ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް ކަމަށްވާ އޮސްކާސް އެވޯޑް ދޭ “އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސް” ގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން، ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާންގެ މަޝްހޫރު ފިލްމު ‘އޯމް ޝާންތީ އޯމް’ގެ މަންޒަރެއް ދައްކާލުމާ ގުޅިގެން އެ ފިލްމުގެ ޑައިރެކްޓަރު ފަރާ ޚާން ވަރަށް ބޮޑަށް އުފާ ފާޅުކޮށްފިއެވެ.
އޮސްކާސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ދާދި ފަހުން ވަނީ 2007 ވަނަ އަހަރު ނުކުތް މި ފިލްމުގެ “އަޖަބް ސީ” ލަވައިގެ ތެރެއިން ޝާހުރުކް ޚާން ފެނިގެންދާ ފުރިހަމަ އެންޓްރީ މަންޒަރު ހިއްސާކޮށްފައެވެ. މިއީ ބޮލީވުޑްގެ ސިނަމާގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އައިކޮނިކް އެއް މަންޒަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި ވީޑިއޯއާ ގުޅިގެން ފަރާ ޚާން އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އޮސްކާސް ފަދަ ބައިނަލްއަގުވާމީ ބޮޑު މަންސައަކުން އޭނާގެ ފިލްމެއްގެ މަންޒަރެއް ފާހަގަކުރުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ ފިލްމީ ސިނަމާގެ ފުރިހަމަކަން ދުނިޔެއަށް ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އޮސްކާސް އިން މި މަންޒަރު ހިއްސާކުރީ ބޮލީވުޑްގެ ފިލްމުތަކުގައި ހުންނަ ކުލަގަދަ އަދި ޖަޒުބާތީ މަންޒަރުތައް ދުނިޔެއަށް ދައްކާލުމުގެ މަގުސަދުގައެވެ. މި ވީޑިއޯއަށް ބޮލީވުޑްގެ ގިނަ ތަރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޝާހުރުކްގެ ފޭނުން އަންނަނީ ވަރަށް ބޮޑަށް ތަރުހީބު ދެމުންނެވެ.
‘އޯމް ޝާންތީ އޯމް’ އަކީ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ބޮލީވުޑަށް ތައާރަފްވި ފިލްމެވެ. މި ފިލްމަކީ ރިލީޒްކުރިތާ ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް، އަދިވެސް ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ފިލްމެވެ. އޮސްކާސް އިން މި ފިލްމު ފާހަގަކުރުމަކީ ބޮލީވުޑްގެ ތާރީޚުގައި ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
