އެޕަލް ކުންފުނީގެ އައިފޯން 18 ސީރީޒް ނެރުމާ ދާދި ގާތްވެފައި ވަނިކޮށް، އެ ފޯނުގެ ކެމެރާ ސިސްޓަމާއި ކުލަތަކާ ބެހޭ ލީކުތަކެއް ފެންމަތިވެއްޖެއެވެ.
ކޮރެއާގެ ނޫހެއް ކަމަށްވާ އީޓީނިއުސް އިން ރިޕޯޓުކުރި ގޮތުގައި އައިފޯން 18 ޕްރޯ އާއި ޕްރޯ މެކްސްގައި ވެރިއެބަލް އެޕާޗާ ރިއާ ކެމެރާ ސިސްޓަމެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. ވެރިއެބަލް އެޕާޗާ އަކީ އެކި ޙާލަތްތަކުގައި ކެމެރާގެ ލެންސް ހުޅުވި ލެއްޕޭ މިންވަރު ބަދަލުކޮށް، އަނދިރި ތަންތަނުގައި ގިނައިން އަލި ވައްދައި، އަލި ގަދަ ތަންތަނުގައި ގަދަ އަލި ކޮންޓްރޯލް ކުރެވޭ ނިޒާމެކެވެ. މި ފީޗާގެ ސަބަބުން ފޮޓޯ ނެގުމުގައި ފޯނަށް އިތުރު ފްލެކްސިބިލިޓީ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެކްވޯލްޑް އިން ރިޕޯޓުކުރި ގޮތުގައި މި އަހަރުގެ ފާހަގަކޮށްލެވޭ ކުލައަކީ “ޑާކް ޗެރީ” ނުވަތަ ގަދަ ރަތް ކުލައެކެވެ. މި ކުލައިން އައިފޯން 17 ޕްރޯގައި ބޭނުންކުރި ކޮސްމިކް އޮރެންޖް ކުލަ ބަދަލުވާނެއެވެ. މީގެ އިތުރުން އައިފޯން 18 ޕްރޯގައި ލައިޓް ބްލޫ، ޑާކް ގްރޭ، އަދި ސިލްވާ ކުލަ ހިމެނޭނެ ކަމަށް ބެލެވެއެވެ. ކުރީގެ ލީކެއްގައި ބުނެފައިވާ ގޮތުން އައިފޯން 18 ޕްރޯ އިން ކަޅު ކުލަ އުނިކުރާނެއެވެ.
އެޕަލް ކުންފުނިން އަދި މި ލީކުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އައިފޯން 18 ސީރީޒް ނެރޭ ތާރީޚު ވެސް ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.
