ޕާކިސްތާނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބިލާލް އައްބާސް ޚާން އާއި ހާނިއާ އާމިރު އަނެއްކާވެސް އެކުގައި ޑްރާމާއަކުން ފެންނަން ތައްޔާރުވެއްޖެކަމަށް ޚަބަރުތައް ބުނެފިއެވެ.
އަދި ރަސްމީކޮށް އެއްވެސް ކަމެއް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އިންޑަސްޓްރީގެ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޖީއޯ ޓީވީގެ ޑްރާމާއެއްގެ ލީޑް ރޯލު މި ދެތަރިންނަށް ވަނީ ހުށަހަޅާފައެވެ. މިއީ މި ދެތަރިން އެކުގައި ޖީއޯ ޓީވީގެ ޑްރާމާއަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
ކުރިން މި ދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ މިއަހަރު ކުރީކޮޅު އޭއާރްވައި ޑިޖިޓަލް އިން ދެއްކި “މެރި ޒިންދަގީ ހޭ ތޫ” އިންނެވެ. އެ ޑްރާމާގައި ކަމްޔާރް އާއި ޑރ. އައިރާގެ ރޯލުން ދެ ތަރިން ދެއްކި ކެމިސްޓްރީ ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދިއެވެ.
ޑްރާމާގެ ވާހަކައާއި އިތުރު ކާސްޓާއި ދައްކަން ފަށާނެ ތާރީޚު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ޑްރާމާއަކީ ވެސް އަސަރުގަދަ ލޯބީގެ ޑްރާމާއަކަށް ވާނެކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި ޑްރާމާ ޑައިރެކްޓްކުރާނީ މަޝްހޫރު ޑައިރެކްޓަރު ބަދަރް މަޙްމޫދެވެ.
