ނ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް” ފެށުމަށް މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލުކުރެވިފައިވާ މި މުބާރާތުގެ ކުޅުން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޜަންގެ މެޗުތަކުންނެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގުސަދުތަކާ ގުޅޭގޮތުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ، މިއީ އަތޮޅު ފެންވަރުގައި ވާދަވެރިކަން އުފައްދައި، ރަށްރަށުގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މީގެ އިތުރުން ވެލިދޫ އާއި މުޅި ނޫނު އަތޮޅުގައި ވޮލީބޯޅައަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި މުބާރާތުގެ މުހިންމު ބޭނުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުބާރާތް ފަށާ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެލިދޫ އަންހެން ޓީމާއި، އެ ރަށާ އަވައްޓެރި ފޮއްދޫ އަންހެން ވޮލީ ޓީމެވެ.
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް” ގެ އަންހެން ޑިވިޜަންގައި ޖުމްލަ 6 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި ޑިވިޜަންގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ބޮޑެތި އުންމީދުތަކަކާއެކު ވަރުގަދަ ތަމްރީނުތަކެއް ފުރިހަމަކުރަމުންދާކަން ފާހަގަކުރެވެއެވެ.
