އާފަލާއި އޮރެންޖަކީ ހަގީގަތުގައި ވެސް އެހާ ތަފާތު ދެ މޭވާ ހެއްޔެވެ؟
މި ދެ މޭވާއަކީ ވެސް ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެއްގޮތް މިންވަރަކަށް އެކުލެވިގެންވާ، އަދި ލޭގައި ހަކުރު ހުންނަ މިންވަރު ދުޅަހެޔޮ ފެންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ދެ މޭވާއެވެ. އޮރެންޖަކީ ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ ‘ޕޮލިފީނޯލްސް’ އިން މުއްސަނދި މޭވާއެކެވެ. ލޭގައި ހަކުރު މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށްޓަކައި، މި މޭވާތަކާއެކު ޕްރޮޓީން ނުވަތަ ފައިދާހުރި ފެޓްސް އެކުލެވޭ ކާނާއެއް ބޭނުންކުރުން މުހިންމެވެ.
އާފަލާއި އޮރެންޖަކީ ވެސް ކެއުމުގައި ހިމަނާލަން ފަސޭހަ އަދި މީރު ދެ މޭވާއެވެ. ނަމަވެސް، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރާ މީހެއް ނަމަ، އިޚްތިޔާރު ކުރާނީ ކޮން މޭވާއެއް ހެއްޔެވެ؟ މި ދެ މޭވާގައި ވެސް ހިމެނޭ ގުދުރަތީ ހަކުރުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިބި، ލޭގެ ހަކުރު މައްޗަށް ދެއެވެ. ނަމަވެސް، މޭވާ އިޚްތިޔާރުކުރާ ގޮތާއި ކާ ގޮތުގެ ސަބަބުން ލޭގެ ހަކުރަށް ކުރާ އަސަރު ތަފާތުވެދާނެއެވެ.
ކާނާގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރަށް ބަދަލު އަންނަނީ އެ ކާނާއެއްގައި ހިމެނޭ ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ފެޓްސްގެ މިންވަރަށް ބަލާފައެވެ. ކާބޯހައިޑްރޭޓްސްގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ވަގުތުން މައްޗަށްދާއިރު، ޕްރޮޓީން އާއި ފެޓްސްގެ ސަބަބުން ހަޖަމުކުރުން ލަސްކޮށްދީ، ލޭގެ ތެރެއަށް ހަކުރު ދައުރުވާ މިންވަރު މަޑުޖައްސާލައެވެ.
އާފަލުގެ ސަބަބުން ލޭގެ ހަކުރަށް ކުރާ އަސަރު
މެދު ސައިޒުގެ އާފަލެއްގައި (182 ގްރާމް) ގާތްގަނޑަކަށް 25 ގްރާމްގެ ކާބޯހައިޑްރޭޓްސް ހިމެނެއެވެ. އޭގެ ތެރޭގައި 4.5 ގްރާމްގެ ފައިބަރާއި 19 ގްރާމްގެ ގުދުރަތީ ހަކުރު ހިމެނެއެވެ. އާފަލުގައި ގިނައިން ހިމެނެނީ ކާބޯހައިޑްރޭޓްސް ކަމަށްވާތީ، މީގެ ސަބަބުން ލޭގެ ހަކުރު މައްޗަށްދާނެއެވެ. ނަމަވެސް، އާފަލުގައި ހިމެނޭ ފައިބަރުގެ ސަބަބުން (ޚާއްޞަކޮށް އާފަލުގެ ތޮށީގައި) ލޭގެ ތެރެއަށް ހަކުރު ދައުރުވާ މިންވަރު ލަސްކޮށްދެއެވެ.
އާފަލު ކާއިރު ތޮށި ނޮޅާލައިފިނަމަ، ލޭގެ ހަކުރު މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އާފަލުގެ ތޮށީގައި ގިނައިން ހުންނަނީ ‘ސޮލިއުބަލް ފައިބަރު’ އެވެ. މީގެ އިތުރުން އާފަލުގައި ހިމެނޭ ބައެއް އެންޒައިމްތަކުގެ ސަބަބުން ކާބޯހައިޑްރޭޓްސް ލޭގެ ތެރެއަށް ހަކުރުގެ ގޮތުގައި ދައުރުވާ މިންވަރު އިތުރަށް މަޑުޖައްސާލަދެއެވެ. އެހެންކަމުން، ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އާފަލާއެކު ބަދަން ފަދަ ޕްރޮޓީން ނުވަތަ ފައިދާހުރި ފެޓްސް ހިމެނޭ ކާނާއެއް ބޭނުންކުރުން ވަރަށް މުހިންމެވެ.
އޮރެންޖުގެ ސަބަބުން ލޭގެ ހަކުރަށް ކުރާ އަސަރު
ބޮޑު އޮރެންޖެއްގައި (184 ގްރާމް) 21 ގްރާމްގެ ކާބޯހައިޑްރޭޓްސް އާއި 4.5 ގްރާމްގެ ފައިބަރު ހިމެނެއެވެ. މީގެ އިތުރުން އޮރެންޖަކީ ވިޓަމިން ސީ އާއި ފޯލޭޓް ވަރަށް މުއްސަނދި މޭވާއެކެވެ. އާފަލެކޭ އެއްފަދައިން އޮރެންޖުގައި ހުންނަ ފައިބަރުގެ ސަބަބުން ވެސް ހަޖަމުކުރުން ލަސްކޮށްދީ ލޭގައި ހަކުރު މައްޗަށް ދިއުން މަޑުޖައްސާލައެވެ.
އޮރެންޖުގައި ހިމެނޭ ވިޓަމިން ސީ އާއި ޕޮލިފީނޯލްސްގެ ސަބަބުން، ދިގު މުއްދަތުގައި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދީ އިންސިއުލިން ރެސިސްޓެންސް ރަނގަޅުކޮށްދޭކަން ދިރާސާތަކުން ދައްކައެވެ. ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ އޮރެންޖު ޖޫހަކީ ފައިބަރު މަދު އަދި ހަކުރު ގިނަ އެއްޗަކަށް ވާތީ، ޖޫސް ބުއިމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމެވެ.
އެންމެ ފައިދާހުރީ ކޮން މޭވާއެއް؟
ލޭގައި ހަކުރު ހުންނަ މިންވަރު ބަލަހައްޓާ މީހަކަށް މި ދެ މޭވާއަކީ ވެސް ބޭނުންކުރެވިދާނެ ދެ މޭވާއެވެ. މުހިންމީ ކޮން މޭވާއެއް ކެއުން ނޫން ކަމަށާއި، މޭވާ ބޭނުންކުރާ ގޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މޭވާ ބޭނުންކުރާއިރު ޔޯގަޓް ނުވަތަ ޕީނަޓް ބަޓާ ފަދަ ޕްރޮޓީން އާއި ފައިދާހުރި ފެޓްސް ހިމެނޭ ކާނާއާ އެކު ބޭނުންކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅު ކުރުމަށް އިތުރު އިރުޝާދުތަކެއް:
🍎 ކެއުމަށްފަހު ހަރަކާތްތެރިވުން: ކެއުމަށްފަހު 10 ވަރަކަށް މިނެޓު ހިނގާލުމަކީ ލޭގައި ހަކުރު މައްޗަށް ދިއުން ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ.
🍎 ހާސްކަން ކުޑަކުރުން: ދިގު މުއްދަތަށް ނަފްސާނީ ގޮތުން ސްޓްރެސްވުމަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ނިދި ހަމަކުރުމާއި، ނޭވާލާ ކަސްރަތު ފަދަ ކަންކަމުން ހާސްކަން ކުޑަކޮށްދެއެވެ.
🍎 ކާނާގެ މިންވަރަށް ސަމާލުވުން: ލޭގެ ހަކުރު ކޮންޓްރޯލް ކުރާއިރު އެއްވެސް ކާނާއެއް މުޅިން މަނަލެއް ނޫނެވެ. ނަމަވެސް ކާ މިންވަރަށް ސަމާލުވާންޖެހެއެވެ. ފޮނިކާތަކެތި ވިޔަސް، މަދު މިންވަރަކަށް، ޕްރޮޓީން އާއި ފައިބަރު ހިމެނޭ ކާނާއަކާ އެކު ބޭނުންކޮށްފިނަމަ ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުމުން ރައްކާތެރިވެވިދާނެއެވެ.
ތަޖުރިބާކާރުންގެ ނިންމުން
އާފަލާއި އޮރެންޖަކީ ވެސް ލޭގެ ހަކުރަށް ފައިދާހުރި، ގުދުރަތީ ހަކުރާއި ފައިބަރު އެކުލެވިގެންވާ ދެ މޭވާއެވެ. އެއް މޭވާ އަނެއް މޭވާއަށްވުރެ ވަކި ރަނގަޅޭ ބުނެވޭކަށް ނެތެވެ. އެންމެ ފައިދާހުރި ގޮތަކީ މި ދެ މޭވާ ވެސް އޭގެ ގުދުރަތީ ސިފައިގައި (ތޮއްޓާއި އެކު) ބޭނުންކުރުމާއި، ޕްރޮޓީން އަދި ފައިދާހުރި ފެޓްސް އެކުލެވޭ ކާނާއަކާ އެކު ބޭނުންކުރުމެވެ.
