މިހިނގަމުންދާ އޭޕްރީލް މަހަކީ ފަލަކީ އިލްމަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ މަހަކަށް ވެގެންދާނެއެވެ. މިގޮތުން އިރުގެ ނިޒާމުގައި ހިމެނޭ ހަތަރު ޕްލެނެޓެއް ކަމަށްވާ މާކަރީ، މާސް، ސެޓާން އަދި ނެޕްޓޫން އެއް ސަފަކަށް އަތުރާލާފައިވާ މަންޒަރު އުޑުމަތިން ފެންނާނެ ކަމަށް މާހިރުން ބުނެފިއެވެ.
“ޕްލެނެޓަރީ ޕެރޭޑް” އެއްގެ ގޮތުގައި ސިފަކުރެވޭ މި ހަރަކާތް ފެންނާނީ މިމަހުގެ 16 އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަތަރު ޕްލެނެޓް އެއް ސަރަހައްދަކުން އެއް މިސްރާބަކަށް އަތުރާލާފައިވާ މި މަންޒަރަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހިތްގައިމު މަންޒަރެކެވެ.
ފަލަކީ އިލްމުވެރިން ހާމަކުރާ ގޮތުގައި، މި މަންޒަރު އެންމެ ސާފުކޮށް އަދި އެންމެ ފުރިހަމައަށް ފެންނާނީ އޭޕްރީލް މަހުގެ 18، 19 އަދި 20 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައެވެ. މި ހަރަކާތް ބަލާލަން އެންމެ އެކަށީގެންވާ ވަގުތަކީ އިރު އެރުމުގެ ކުރިން، ފަތިސްވުމުގެ ކުޑަވަގުތުކޮޅެއް ކުރިއެވެ.
މި ޕްލެނެޓްތަކުގެ ތެރެއިން މާކަރީ، މާސް އަދި ސެޓާން އަކީ އާދައިގެ ލޮލަށް ފެންނާނެ ޕްލެނެޓްތަކެއް ނަމަވެސް، ނެޕްޓޫން ބަލާލުމަށްޓަކައި ޓެލެސްކޯޕެއް ނުވަތަ ބައިނޮކިއުލާއެއް ބޭނުންވާނެއެވެ. މިފަދަ ކައުނީ މަންޒަރުތަކަކީ މާތްﷲގެ ކުޅަދުންވަންތަކަމާއި އިރުގެ ނިޒާމުގެ ފުރިހަމަކަން ހާމަކޮށްދޭ މުހިންމު ހަރަކާތްތަކެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަކީ އިލްމަށް ޝައުގުވެރިވާ ފަރާތްތަކުން މިހާރުވެސް އަންނަނީ މިއަހަރުގެ މި ޚާއްސަ ވަގުތަށް ތައްޔާރުވަމުންނެވެ. ރާއްޖެއަކީ އުޑުމަތި ސާފު ގައުމަކަށްވުމާއެކު، މޫސުން ރަނގަޅު ނަމަ ދިވެހިންނަށްވެސް މި ހިތްގައިމު މަންޒަރު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
