މިހާރު ކުރިއަށްދާ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގު ކޮލިފައިން ޒޯން 1 ގެ ފައިނަލަށް ކ. ހުރާ، ހުރާ ކޮމިއުނިޓީ އާއި އދ. މަހިބަދޫ ދަތުރު ކޮށްފިއެވެ.
އދ. މަހިބަދޫގައި ކުރިޔަށްދާ މިމުބާރާތުގައި ވާދަކުރަނީ ކ. ހުރާ އާއި ކ. ހިންމަފުށި އަދި އދ. މަހިބަދޫ އާއި އއ. ތޮއްޑޫ އެވެ.
މުބާރާތް ރާވާލާފައި ވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ލީގު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗް ކާމިޔާބުކޮށް އެއްމެޗު އެއްވަރުކޮށް 7 ޕޮއިންޓާއިއެކު ހުރާ އެއްވަނަ ހޯދިއިރު، ކުޅުނު ތިން މެޗުން ދެމެޗް ކާމިޔާބުކޮށް 6 ޕޮއިންޓާއިއެކު ދެވަނަ މަގާމް ހޯދީ މަހިބަދޫ އެވެ. ހިންމަފުށްޓަށް 4 ޕޮއިންޓް ލިބުނުއިރު ތޮއްޑުއަށް ޕޮއިންޓެއް ނުލިބެއެވެ.
މި ރީޖަންގައި ކުޅެވުނު މެޗްތަކުގެ ނަތީޖާއަށް ބަލައިލާއިރު:
ފުރަތަމަ މެޗު: ހިންމަފުށި 1 މަހިބަދޫ 2
ދެ ވަނަ މެޗް: ހުރާ 4 ތޮއްޑޫ 1
ތިން ވަނަ މެޗް: ހުރާ 2 މަހިބަދޫ 1
ހަތަރު ވަނަ މެޗް: ހިންމަފުށި 2 ތޮއްޑޫ 0
ފަސްވަނަ މެޗް: މަހިބަދޫ 4 ތޮއްޑޫ 1
ހަވަނަ މެޗް: ހުރާ 3 ހިންމަފުށި 3
ހުރާ އާއި މަހިބަދޫ ބައްދަލުކުރާ ފައިނަލްމެޗް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ހަވީރުއެވެ.
